ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންވެފައި ހުރި އެއްވެސް ކުންފުންޏަކަށް ސަރުކާރުން އާ މަޝްރޫއުތައް ހަވާލުނުކުރުމަށް އަންގަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެކި ކުންފުނިތަކުން 1.4 ބިލިއަން ރުފިޔާ ދައްކަންވެފައި ހުރި މައްސަލައިގައި ކޮމިޓީން މިއަދު ފާސްކުރި ރިޕޯޓްގައި ވަނީ އެފަދަ ކަންކަން ތަކުރާރުނުވާނޭ ގޮތަށް އަމަލު ކުރުމަށް ރެކޮމެންޑޭޝަންތަކެއް ދީފަ އެވެ.
ތަފްސީލް - އޭގެއިން އެއް ރެކޮމެންޑޭޝަނަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންވެފައި ހުރި ފަރާތްތަކަށް އާ މަޝްރޫއުތައް ހަވާލުނުކުރުމެވެ. އަދި އެފަދަ ކުންފުނިތަކަށް މަޝްރޫއުތަކަށް ބިޑްކުރުން ހުއްޓުވޭނޭކަން ކަށަވަރު ކުރުން ވެސް ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ.
އެގޮތަށް އަމަލު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށް މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުވި ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.
ގުޅުންހުރި - މީގެ ކުރިން ބޭއްވި މާލިއްޔަތު ކޮމިޓީގެ ޖަލްސާތަކުގައި ބައެއް މެންބަރުން ވަނީ ސަރުކާރަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ވެފައި ހުރި ކުންުފުނިތަކާއި އެތަންތަނުގެ ސަބްސިޑަރީތަކުން އާ ބޮޑެތި ވިޔަފާރިތައް ފަށާ ފައިދާ ހޯދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ފާހަގަކުރެއްވި އެއް މައްސަލައަކީ:
ނަސަންދުރާ ތަރައްގީކުރި ކުންފުނި އެންޕީއެޗްއިން ހުޅުމާލޭގައި ހެދި އަކުއާ ވިޓާ ފްލެޓްތައް އަޅާފައިވާ ބިމަކަށް ކުލި ނުދައްކާ އޮތުމުން އެ ފައިސާ ދައްކާނޭ ގޮތަކަށް އެއްބަސް ވެވެން ދެން ނަސަންދުރަ ހިންގަން ހުއްދަ ދިނުން ރަނގަޅު ނޫން ކަމަށް
އެންޕީއެޗްއިން އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ އަރާފައިވާ އަދަދު 244 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނާޒިމް ފާހަގަކުރެއްވި
ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ އަމިއްލަ ކުންފުނިތައް ސަރުކާރުގެ މަޝްރޫއުތަކުން ބާކީ ކުރަން މިއަދުގެ ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އެކަމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އެވެ.
ސަރުކާރަށް ފައިސާ ދައްކަންހުރި ކުންފުނިތަކަށް މަޝްރޫއުތައް ނުދޭން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ