އިހުސާން ކޮރަޕްޝަން ހިންގާ ވާހަކަ ޝަމްއާން ހިއްސާ ކުރުމުން ރައީސް ވިދާޅުވީ "ލޯޔަލް ވުމަކީ ތިއެއް ނޫން" ކަމަށް: އާއިލާ އިހުސާން ކޮރަޕްޝަން ހިންގާ ވާހަކަ ޝަމްއާން ހިއްސާ ކުރުމުން ރައީސް ވިދާޅުވީ "ލޯޔަލް ވުމަކީ ތިއެއް ނޫން" ކަމަށް: އާއިލާ

ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަން ބެލެހެއްޓުމުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ޝަމްއާން ގެނައުމުން، "ތިއީ ލޯޔަލް ވުމެއް ނޫން" ކަމަށް ވިދާޅުވެ ރައީސް ޝަމްއާންއަށް މެސެޖެއް ކުރެއްވި ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފި އެވެ.
ޝަމްއާންގެ އާއިލާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިދޭސީންގެ ކޯޓާ އަދި ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާކަން ރައީސްގެ ސަމާލުކަމަށް ޝަމްއާން ގެނައީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
އިހުސާންގެ ކޮރަޕްޝަނުގެ ވާހަކަތައް ހިމަނައި ޝަމްއާން ރައީސްއަށް ފޮނުވި މެސެޖުގައި ހުރި ކަންކަން ބެލުމުގެ ބަދަލުގައި އިހުސާންއާ ދެކޮޅަށް ޝަމްއާން ޒާތީ ކަންތައްތަކެއް ކުރާ ކަމަށާއި އެއީ ވަފާތެރިވުން ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.
ރައީސް ވިދާޅުވި ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފައި ވަނީ، "މިނިސްޓާ އިހުސާންއާ ދެކޮޅަށް ޒާތީގޮތެއްގައި ކަންކަން ޝަމްއާން ކުރާ ކަމަށް މައުލޫމާތު ލިބިއްޖެ، އިހުސާން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރޭ އަދި ޔަގީން ނުކުރާނެކަން ވެސް، އަޅުގަނޑަށް އިވުނު ވާހަކައަކީ ހަގީގަތެއް ނަމަ ދަންނަވަން، ލޯޔަލް ވުކަމީ ތިޔެއް ނޫން، އަޅުގަނޑަށް ކަމު ނުދާ އެތައް ގޮތަކަށް ޝަމްއާން މިހާތަނަށް ވެސް އުޅެމުން އައީ، އާޔަދާ ހިލާފަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުމާ އެކަހަލަ އެތައް ކަމެއް." ކަމަށެވެ.
ޝަމްއާންގެ އާއިލާއިން ބުނީ އިހުސާން ހިންގާ ކޮރަޕްޝަނުގެ ވާހަކަތައް ރައީސްއާ ހިއްސާ ކުރެއްވުމާއެކު އިމިގްރޭޝަނާ ގުޅުންހުރި މުހިންމު އެތައް ކަމެއް ހޯމް މިނިސްޓްރީ ތެރެއިން ހުއްޓުވި ކަމަށެވެ. އަދި އިމިގްރޭޝަނުގެ ހިދުމަތްތަކާ ގުޅޭ އެތައް ކަމެއް ހޯމް މިނިސްޓްރީގައި މަޑު ޖެއްސުވި ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.
"ހަމައެއާއެކު، ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ޝަމްއާންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމުގެ މަސައްކަތް ވެސް މިނިސްޓަރު އިހުސާން ފެށި، އެގޮތުން، ޖަމިއްޔާއެއް ރަޖިސްޓްރީކުރުމުގެ ބޭނުމަށް ޝަމްއާން ވަހީދުގެ ކުށުގެ ރިކޯޑު ސާފުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުން، ޝަމްއާންއަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ބަލަމުން ގެންދާކަން ފެބްރުއަރީ 2، 2025 ގައި ފުލުހުން ދޫކޮށްފައިވާ ކުށުގެ ރިކޯޑަށް ބެލުމުން ފާހަގަކުރެވުނު،" ޝަމްއާންގެ އާއިލާއިން ބުންޏެވެ.
ނަމަވެސް އެފަދަ ތުހުމަތެއް ޝަމްއާންއަށް އޭގެ ކުރިން ފުލުހުން ކޮށްފައި ނުވާތީ އާއި އެފަދަ އަމަލެއް ވެސް އޭނާ ކޮށްފައި ނުވާތީ ކުށުގެ ރިކޯޑާއެކު މިނިސްޓަރު އިހުސާންއާ ޝަމްއާން ބައްދަލު ކުރި ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. އިހުސާންއާ ބައްދަލު ކުރުމުން ޝަމްއާންގެ ކުށުގެ ރިކޯޑުގައި މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުންދާ ކަމަށް ލިޔެވިފައި އޮތީ އިދާރީ ކުށަކުން ކަމަށް އިހުސާން ވިދާޅުވި ކަމަށް އާއިލާއިން ބުންޏެވެ.
"މިނިސްޓަރު އިހުސާންއާ ޝަމްއާން ބައްލުކުރުމުން، އެއީ "އިދާރީ އޮޅުމަކުން" ހިނގާފައިވާ ކަމެއް ކަމަށް މިނިސްޓަރު އިހުސާން ބުނެފައިވޭ، އަދި ވަގުތުން ކޮމިޝަނަރު އޮފް ޕޮލިސް މިނިސްޓްރީއަށް ހާޒިރުކޮށް، ކުށުގެ ރިކޯޑު އިސްލާހުކުރުމަށް ވެސް މިނިސްޓަރު އިހުސާން އަންގާފައިވޭ، މިއަށްފަހު، ފެބްރުއަރީ 5، 2025 ގައި ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ކުށުގެ ރިކޯޑުގައި ޝަމްއާންގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތްކަމަށް ބަޔާންކޮށްފައިވޭ،" ޝަމްއާންގެ އާއިލާއިން ބުންޏެވެ.
ޝަމްއާންގެ އައިލާއިން މިރޭ ނެރުނު ނޫސްބަޔާނުގައި އިހުސާންއަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެގޮތުން އިހުސާން ހިންގަމުންދިޔަ ގައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން އިމިގްރޭޝަންގެ އިދާރީ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.
"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އިމިގްރޭޝަންގެ ޕްރޮކިއުމަންޓް ޕްރޮސެސް ބޭނުންކުރުމަށް މިނިސްޓަރު އަލީ އިހުސާން ވަނީ މަސައްކަތް ކޮށްފައި، މިނިސްޓަރު އިހުސާންގެ ސެކްރެޓަރީ މެދުވެރިކޮށް އިމިގްރޭޝަންގެ ބަޖެޓް ސެކްޝަންގެ އިސްވެރިންނަށް ގުޅައި، ގާނޫނާ ހިލާފު ކަންކަން ކުރުމަށް މިނިސްޓަރު އިހުސާން މަސައްކަތްކޮށްފައިވޭ،" ޝަމްއާންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުންޏެވެ.
ކަން އެހެން ހުރިއިރު، ކުއްލި ގޮތަކަށް ޝަމްއާން މަގާމުން ވަކި ކުރުމަކީ އިއްތިފާގެއް ނޫން ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. އަދި ޝަމްއާން ހައްޔަރު ކުރީ އިހުސާންއާ ގުޅުން އޮންނަ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނުތާ 24 ގަޑިއިރު ތެރޭގައި ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ