ދިވެހިންގެ ޒަކާތު އެހީ ގާޒާއަށް ލިބިއްޖެ

މި ރޯދަ މަހަށް ފަހު ފިތުރު ޒަކާތުގެ ގޮތުގައި ދިވެހިން ދެއްކި ފައިސާއިން ގަތް ކާބޯތަކެތި ގާޒާގެ ރައްޔިތުންނަށް ހަދިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - ޒަކާތުގެ ގޮތުގައި ދިވެހިން ވަނީ މި ރޯދަ މަހު ރެކޯޑު އަދަދެއް ޖަމާކޮށްފަ އެވެ. އެއާ އެކު، އެއިން ބައި މިލިޔަން ރުފިޔާގެ ތަކެތި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ބައެއް މީހުންނަށް ހަދިޔާ ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިއުލާން ކުރައްވާފަ އެވެ.
ޝަހީމް މިއަދު ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ގާޒާގެ ބަނޑުހައި ހޫނުކަމުގައި ތިބި އާއިލާތަކަށް އެ ކާބޯތަކެތި މިހާރު ވަނީ ވާސިލްވެފަ އެވެ. އެ ތަން ފެންނަ ވީޑިއޯއެއް ވެސް ޝަހީމް ހިއްސާކުރެއްވި އެވެ.
ތަފްސީލް - ބޭނުންވާ އަސާސީ ކާބޯތަކެތި ޕެކްކުރާ ތަނާއި ފޮށިގަނޑުތަކަށް އަޅާތަން އެ ވީޑިއޯއިން ފެނެ އެވެ. އަދި ފަަލަސްތީނުގެ ދެ މީހަކު ގޮސް، ހާލުގައި ޖެހިފައިވާ މީހުންނަށް ހަދިޔާ ފޮށިގަނޑުތައް ހަވާލު ކުރެ އެވެ. 
އެއާ އެކު ކޮންމެ މީހަކު ވެސް ޝުކުރުވެރިކަމާ އެކު ހިނިތުންވެލާތަން ފެނެ އެވެ. އެ އެންމެން ވެސް ތިބެނީ ފުނޑުފުނޑުވެފައިވާ އެ މީހުންގެ ގެތައް ކައިރީ އެވެ. ދިވެހިންގެ އެ އެހީ، ގާޒާގެ ކުޑަކުދިންނާއި އަންހެނުންނަށް ވެސް ދޭ ތަން ފެނެ އެވެ.
އެނގުން މުހިއްމު - އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި ގާޒާ އާއި އެހެން އަވަށްތައް ފުނޑުފުނޑުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެެ. މިދިޔަ ދުވަސްތަކުގައި ހުއްޓުމެއް ނެތި ދިވެހިންގެ އެހީތެރިކަން ފަލަސްތީނަށް ވަނީ ފޯރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ