ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ދިހަވަނަ ބަޔާ ގުޅޭ
"ހެވޭ. ޝޯންއަކަށް ނޭނގޭނެ. ޝޯންގެ ދޮންބެ ކައުންސިލަރަކަށް ހުރީމަ ތި އުޅެނީ ކައުންސިލް ޓީމު މޮޅުވޭތޯއެއްނު. ކީއްކުރަންތަ މިތާ އަހަރުމެން ކައިރި ތި ހުންނަނީ؟ ދޭބަލަ އެ ޓީމުގެ ސަޕޯރޓަރުން ކައިރިއަށް" އައިލީންއަށް ޝާވިންގެ ވާހަކަ ކަމަކުނުދިޔަ އެވެ.
"އަހަރެން ދިޔައިމަ ކާކު ލީން ހިފަހައްޓާނީ؟ ފޯރީގަ ދަނޑަށް އެރޭ އިރުވެސް ލީންއަކަށް ނޭނގޭނެ" ޝާވިން ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. އައިލީން އެއަށް ރައްދެއް ދިނުމާއެކު އަނެއްކާވެސް ޝާވިން މޮޅު އެއްޗެކޭ ބުނެލައިފި އެވެ. އެދެމީހުންގެ ޒުވާބު ބަލަން މައިރާ ހީނލަހީނލައި ހުއްޓެވެ. ބައެއްފަހަރު މެޗަށްވުރެ އެދެމީހުންގެ ކޯޅުން ހޫނުވާ ފަހަރު އާދެ އެވެ. މެޗުގެ ހާފްޓައިމަށް ކަށިގަނޑު ފުމެލީވެސް އައިލީންއާއި ޝާވިންގެ ޒުވާބަށް ނިމުމެއް ނައިސްގެން އުޅެނިކޮށެވެ.
"އަހަރެން ނޫޅެން މިތާ ހުންނާކަށް. މައި.. މީނަ މިތާ ބަހައްޓާފަ އެހެން ދިމާލަކަށް ދާން ހިނގާ" މައިރާގެ އަތުގައި ހިފައި ދަމަމުންކަހަލަ ގޮތަކަށް އައިލީން އެތަނުން ދުރަށް ގެންދިޔަ އެވެ.
މެޗު ނިމިގެންދިޔައީ އިވާންމެންގެ ޓީމް މުބާރާތުގެ ޗެމްޕިއަނުންނަށް ވެގެނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އިވާން އެވެ. އުފާފާޅުކުރުމާއި ސަކަރާތުގައި އެންމެންގޮސް އިވާން ވަށައިލައި ވައިގެ ތެރެއަށް ހިއްލައިލުމަށްފަހު ތިރިކޮށްލި އެވެ. އެންމެންގެ ސަމާލުކަން އިވާންއަށް ހުއްޓެމުންދިޔައިރު އިވާންގެ ދެލޯ ހޯދަމުންދިޔައީ އެންމެ ސޫރައެކެވެ. އެންމެނާ ދުރުގައިހުރެ އޭނާއަށް ހަނާއަޅައިލި މައިރާ ފެނުނުހިނދު އިވާންއަށް ލިބުނު ބަޔާންކުރަންދަތި ހިތްހަމަޖެހުމުގެ ހެއްކަކަށް ތުންފަތަށް ވެރިވި ހިނިތުންވުން ފުދެ އެވެ.
މުޅި ޓީމު އެކީ މިސްރާބުޖެހީ އިވާންމެން ގޭދޮށަށް ދިޔުމަށެވެ. އޭރު އަވަށްޓެރިންގެ އެހީތެރިކަމާއެކު ރޫމީ ވަނީ އެގޭގައި ބޮޑު ޖާފަތެއް ތައްޔާރުކޮށްފަ އެވެ. ނަމަވެސް ގޭދޮށު ކުދިންތައް އައިސް ޓީމާއެކު މެޑަލްތައް އަޅައިގެން ފޮޓޮއާ ސެލްފީ ނަގަންފެށުމުން އެމީހުންނަށް ޖެހުނީ ކެއުން ލަސްކޮށްލާށެވެ. މައިރާގެ ނަޒަރު މިރޭވެސް ހާއްސަވެފައިވަނީ އެންމެނާ ދުރުގައި އިށީނދެލައިގެން އިން އިވާންއަށެވެ. އެއީ މިހާރު އޭނާގެ އާދައަކަށް ވެއްޖެ އެވެ. ކޮންމެ ބައެއްގެ ތެރޭގައި ވިޔަސް އިވާން ހުންނަ ތަނެއްގައިނަމަ މައިރާގެ ދެލޮލަށް ހަމަ އެހެން މީހަކު ނުފެންނަނީ އެވެ. އަތުގައި ހުރި ރެޑްބުލް ދަޅުން ކޯ ވަރަކަށްފަހު ކޯވަރެއް ބޮމުންދިޔައިރު އިވާންގެ މޫނުމަތީގައިވީ މަދުން ނޫނީ އެމޫނުން ނުފެންނަފަދަ އުޖާލާ ހިނިތުންވުމެކެވެ. ލިބުނު ކާމިޔާބީއާމެދު ހިތްހަމަޖެހިފައިވާކަން ދޭހަވެ އެވެ. މައިރާ ބޭނުންވީ އެ ހާއްސަ ވަގުތުކޮޅު މުޅި އުމުރަށް ދެމިގެންދާނެ ހަނދާނެއްގެ ގޮތުގައި ރައްކާ ކޮށްލާށެވެ. އެހެން ހިތަށް އެރުމާއެކު މައިރާ މިނެޓެއްހާއިރަށް އެތަނުން ގެއްލިއްޖެ އެވެ. ދެން އައިއިރު އޭނާ ގެންގުޅޭ ކަޅުކުލައިގެ ނިކޯން ކެމެރާ ކަރުގައި އަޅުވާފައި އޮތެވެ. މައިރާ ދެވަނަ ވިސްނުމަކާނުލައި އިވާންގެ މޫނަށް ލެންސް އަމާޒުކޮށްލުމުން މައިރާ ފޮޓޮއެއްނެގި އެވެ. ކެމެރާގެ ފްލޭޝް ކެނޑުނު އަޑު އިވި އިވާންއާއި ޓީމުގެ ހުރިހާ މެންބަރުން އަދި އައިލީންވެސް އެދިމާލަށް ބަލައިލި ގޮތުން މައިރާ ކުޑަކޮށް ލަދުވެސްގަތެވެ.
"މައި.." އައިލީން ހިފަހައްޓައިގެންހުރި ޖޫސްޖަގު މޭޒުމަތީގައި ބެހެއްޓުމަށްފަހު މައިރާގެ ގާތަށް އައެވެ. "ދައްކަބަ އެ ފޮޓޯ. އިވާންބެ ލަކީ އެނގޭ. މައިގެ ކެމެރާއިން ކެޕްޗަރކުރި ފުރަތަމަ ހިއުމަން ތިއީ" މައިރާ ދެއްކި ފޮޓޮއަށް ބަލަހައްޓައިގެންހުރެ އައިލީން އެހެން ބުނެލީ ކިތަންމެ އާދައިގެކޮށް ނަމަވެސް އޭނާ އެހެން ބުނުމާއެކު އިވާންއާއި މައިރާއަށް ސިހިފައި އެކެއް އަނެކަކަށް ބަލައިލެވުނެވެ. އިސާހިތަކު ޓީމުގެ ދިމާކުރުންތައް ފެށިގެންދިޔަ އެވެ.
"އަހަރުމެންވެސް ދެން ބޮސް ހަދާހެނޭ ހަދާނީ. މާލެ ނޫނީ ދެކުނު ހިސާބަކުން މަންޖެއެއް ގެނެސްފަ އިންނަންވީމަ މީހަކަށް ދައްކާލާނީވެސް. އެހެންޏާ ބަލާބަލަ ހުރި ވަގުކަން. ބިޓެއް ނަގައިގެން އިންނަ ހިސާބަށް ދިޔައިރުވެސް އަންގާ ނުލާ" ޓީމުގެ މެންބަރަކު ބުނި އަޑު އިވުނެވެ. އެމީހުންނަށް ހަމަ ހަގީގަތުގައިވެސް ހީވެފައި އޮތީ މައިރާއަކީ އިވާން ކައިވެނިކުރަން ގެނެސްގެން އުޅޭ ކުއްޖެއްކަމުގަ އެވެ. އެމީހުން އެކަންޏެއް ނޫނެވެ. މުޅި ރަށުތެރޭގައިވެސް މިހާރު ދެކެވެމުންދަނީ އެވާހަކަ އެވެ. މިއަދު މެޗު ބަލަންގޮސް ހުރިއިރުވެސް ދެތިން މީހަކު މައިރާއަށް އިޝާރާތްކޮށް އެ ބީދައިން ވާހަކަދެއްކި އަޑު މައިރާއަށްވަނީ އިވިފަ އެވެ. އޭނާ އެކަމާ މާބޮޑު ފަރުވާލެއް ނުދިނީ މީހުންގެ އަނގައިގައި ހިފެހެއްޓުމަކީ ވާނޭކަމެއް ނޫންކަން އެނގޭތީ އެވެ. މިފަހަރު އިވާންއަށްވެސް އެކަން ފަހުމުވީއެވެ. ޓީމުގެ ދިމާކުރުންތަކަށް ރައްދުދިނުމުގެ ބަދަލުގައި އެމީހުންގެ އަނގަ ބަންދުކޮށްލުމަށްޓަކައި އޭނާ ފާޑަކަށް އެކަމާ އެއްބަސްވީ އެވެ.
"އޭރުވެސް އެނގެޔޭ ތިމީހުންގެ އަނގަޔާހެދި ކަމެއް ނުވާނެކަން. ހުރިހާ ކަމެއް ނިންމާލާފަ ދައުވަތުކާޑު ފޮނުވަން ވީމަ މަންޖެ ގެނެސް ދައްކާލަން މާ ރަނގަޅެއްނު ދޯ މައި" އިވާން ގޮނޑިން ތެދުވެގެން އައިސް މައިރާގެ ކޮނޑަށް އަތް ވައްޓައިލި އެވެ. އިވާން އެހާ ފާޅުކަން ބޮޑުގޮތަކަށް އެކަން ބޮލުގައި އެޅީތީ މައިރާއަށް ސިހުމެއް ލިބުނެވެ. ހަމައެއާއެކު ބުނެދޭން ނޭނގޭ ފޮނި އިހުސާސެއްވެސް އެ ބަސްތަކުން އޭނާއަށް ކުރުވި އެވެ.
"ސާބަހޭ ތިމީހުންނަށް. މައި އެއީ އަހަރެންގެ ގެސްޓެކޭ. އިވާންގެ މެހެމާނެއް އަދި އިންނަން އުޅޭ ކުއްޖެއްވެސް ނޫނޭ. މި ޝޯންގަނޑުވެސް އިންނާނެ މި މީހުން މި ހުރިހާ އެއްޗެކޭ ކިޔާއިރު އަނގައިން ބަހެއްވެސް ނުބުނެ" އާދައިގެމަތިން އައިލީންއަށް ގޯސްވީ އެއްވެސް ކަމަކާ ނުބެހި އެތަނުގައި މަޑުމަޑުން އިން ޝާވިން އެވެ. އެދެމީހުންގެ ކޯޅުން ފެށުމުން ކާންތިބި މީހުންގެ ސަމާލުކަންވެސް އެމީހުނަށް ހުއްޓި އެއްބަޔަކު އައިލީންއާ އެއްކޮޅަށް އަނެއްބަޔަކު ޝާވިންއާ އެއްކޮޅަށް ވާހަކަދައްކަން ފެށި އެވެ. އެމަންޒަރުފެނި އިވާންއާއި މައިރާ ދެފަރާތަށް ބޯހޫރައިލުމަށްފަހު އެކަކު އަނެކަކަށް ބަލައިލި އެވެ. ހަމައެވަގުތު މައިރާއަށް އޭނާގެ ފޯނަށް ކޯލެއް އައިހެން ހީވެ ފޯނު ނަގައި ބަލައިލި އެވެ. ޒެފަންގެ ކޯލު ބިޒީކޮށްލަން ޖެހުނީ އެވަގުތު އަނެއްކާވެސް އިވާން ވާހަކަދެއްކުމުންނެވެ.
"އެ ތެދެއް.. ތި ކެމެރާއަށް އެންމެ ފުރަތަމަ އެރި މީހާގެ ޝަރަފު މިލިބުނީ އަހަރެންނަށްތަ؟" މައިރާ މާބޮޑަށް ހަމަޖެހިފައި ހުރުމުން އިވާން ބޭނުންވީ މައިރާ ކުޑަކޮށް ލަދުގަންނަވައިލާށެވެ. ބަދަލުގައި މައިރާ އަމިއްލަ އަމަލުތައް ދިފާއުކޮށް ވާހަކަދައްކަން ފެށިގޮތުން އިވާންއަށް އެކަން ކާމިޔާބު ކުރެވިއްޖެކަން ޔަގީންވިއެވެ.
"މިއީ.. އަހަ.. ކޮންމެހެން އަހަރެން ބޭނުންވެގެނެއް ނޫނޭ ފޮޓޯ ނެގީކީ.. އިވާންއަށް ޚާއްސަ މޮމެންޓެއްވީމަ.. ފަހުން ފޮޓޯ އެޑިޓްކޮށްފަ ދޭންވެގެން. ހެޔޮހިތުންކޮށްދޭ ކަމެއްވެސް ބަލައިގަންނާކަށް ނޭނގޭ ދޯ" މައިރާ ބުންޏެވެ.
"އޯކޭ އޯކޭ. އެހެންވިއްޔާ ނިކަން ހެޔޮހިތުން މި ޓްރޮފީއާއެކު ފޮޓޮއެއް ނަގާދީބަ" މޭޒުމަތީގައިހުރި ޓްރޮފީ އުފުލައިލަމުން އިވާން ބުންޏެވެ.
"ޕިސް. ދެނެއް ނޫޅެން" މައިރާ ފޫހިވެފައި ތުންއަނބުރައިލި ގޮތުން އިވާންގެ ގާތަށް ހިނިއައެވެ.
"އަހަނ. އަހަރެން ހަމަ ވަރަށް ސީރިއަސްކޮށޭ މިބުނީ.. ޕްލީޒް" އިވާން އެދުނެވެ. އެދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވެމުންދިޔައީ އެހެން އެކަކަށްވެސް ނީވޭނެހާ ސިއްރުންނެވެ. އިވާން ކުރު ނުކުރާނެހެން ހީވުމުން އެންމެފަހުން މައިރާ ހަތިޔާރު ބެހެއްޓުމަށްފަހު އިވާން އެދުނުގޮތަށް ކެމެރާއިން އިވާންގެ ފޮޓޮއެއް ނަގައިދިނެވެ. އިވާންގެ ހިތް އެވަރުންވެސް ނުފުރުނެވެ. "ސެލްފީއެއް ނުނަގާނަންތަ؟" އޭނާ އެއްސެވެ.
"ތިއީ ދެން މީހަކު ސެލްފީ ނަގާވަރު މީހެއްތަ؟ އަހަރެން ބޭނުމެއްނޫން" މައިރާ ދުރަށް ބަލައިލި އެވެ.
"އެކަމަކު އަހަރެން ބޭނުމޭ މައިއާ އެއްކޮށް ސެލްފީއެއް.. އޯކޭތަ؟" އިވާންގެ ފޯނުން ފްރަންޓް ކެމެރާ ހުޅުވައިލުމަށްފަހު އަހައިލި އެވެ. މައިރާ އެކަން މާބޮޑު ކަމަކަށް ނަހަދައި އެއްބަސްވުމުން އިވާން މައިރާއާއެކު "ސެލްފީ" އެއް ނެގި އެވެ.
"ތި ފޮޓޯގަ އަހަރެން އިތުރަށް ހޭންޑްސަމް ކޮށްދީފަ ފޮނުވިއްޔާ މި ސެލްފީ ފޮނުވާނަން. އޯކޭތަ؟" އިވާން އެއްލޯ މަރައިލަމުން ބުންޏެވެ. އިވާންގެ އެ ލާނެތްކަން ގަބޫލު ނުކުރެވިފައިހުރި މައިރާއަށް ރައްދުގައި ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ވާނީވެސް އެހެންތާ އެވެ. އިވާންގެ ފަރާތުން މިކަހަލަ ސިފައެއް އޭނާއަށް މި ފެންނަނީ މުޅިން އަލަށެވެ. މިރޭ އޭނާއަށް ފެންނަމުން މިދާ އިވާން މުޅިން ތަފާތެވެ. އެހާމެ ލާނެތްވެފައި އަނގަގަދަ އެވެ. އެއީ އިވާން މިރޭ މާ އުފާވެފައި ހުރުމުންކަމަށް މައިރާ ނިންމި އެވެ.
"ޗީޑި. ކުޑަމިނުން ހީލަން ނޭނގޭ މީހަކު ކޮން ހެންޑްސަމްއެއްތަ ވާނީ. ތިހާ ގްރަމްޕީ މީހެއް އަހަރެންގެ އުމުރުގަވެސް ނުދެކެން" މައިރާ ބުންޏެވެ.
"އައްދޭ.. މައިއަށް އަދި އަހަރެން މާ ރަނގަޅަކަށް އެނގެނީކީވެސް ނޫނެއްނު. ހާދަ އަވަހަށް އަހަރެންމީ ގްރަމްޕީއެއްކަން ތި ޖަޖްކޮށްލީ" އިވާން ބުންޏެވެ.
"ޖަޖްމެންޓްގެ ވާހަކަދައްކަން އެންމެ ރަނގަޅު މީހާ ދޯ ތިއީ.. ސްޕީކިންގއ އޮފް ވިޗް.. މިރޭ ނެތްތަ އަހަރެންގެ ހެދުމަށް ކޮށްލާނެ ކޮމެންޓެއް؟" ޖަދަލުކުރާ ޒާތަކަށް މޭމަތިން ދެއަތް ހުރަސްކޮށްލަމުން މައިރާ އެއްސެވެ. މިރޭ އޭނާ ލައިގެން ހުރި އެއްޗަކަށް ފާޑުކިޔޭނެ އެއްވެސް ގޮތެއް އިވާންއަކަށް ނޯންނާނެކަން އެނގި ފޮނިވެލި އެވެ. ބަދަލުގައި އިވާން ފިޔަވަޅެއްހާތަން މައިރާއާ ދުރަށް ޖެހިލުމަށްފަހު މައިރާގެ ބޮލުން ފެށިގެން ފަޔާހަމައަށް ނަޒަރު ހިންގައިލިގޮތުން މައިރާގެ މުޅި ގައިން ހީބިހި ހިލުވައިލި އެވެ.
"ރެޑް ލުކްސް ސްޓަނިންގް އޮން ޔޫ" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އިވާން ދިން ޖަވާބުން މައިރާއަށް ހަމަ ރަނގަޅަށްވެސް އޮޅުނެވެ. އިވާންގެ ފެނުމުގެ ހިއްސާމެދުވެސް ސުވާލު އުފެދުނެވެ. އޭނާ މިރޭ ލައިގެންހުރީ ނޫކުލައިގެ ހެދުމެއްކަން ކިތަންމެ ލޯބޯކޮށި މީހަކަށްވެސް އެނގޭނެ އެވެ. އެއްޗެކޭ ބުނުމަށްޓަކައި މައިރާ އަނގަ ހުޅުވައިލިއިރު އިވާން ދުރަށް ހިނގައިގެންފި އެވެ. މައިރާއަށް ނޭނގުނީ އިވާންގެ ތައުރީފު ރައްދުވީ މައިރާގެ ހެދުމުގެ ކުލައަކަށް ނޫންކަމެވެ. އެ ތައުރީފު ރައްދުވީ ލޭކުލައިން ފަވާލެވިފައިވާ މައިރާގެ ރީތި ތުންފަތަށެވެ.
----
ދަންވަރުގެ ވަގުތެވެ. މޭޒުދޮށުގައި ލެޕްޓޮޕް ހުޅުވައިލައިގެން އިން މައިރާ މަސައްކަތްކުރަމުން ދިޔައީ އެރޭގެ އޭނާ ނެގި އިވާންގެ ފޮޓޯ އެޑިޓް ކުރުމުގަ އެވެ. އިވާން އެދުނު ފަދައިން އެ ފޮޓޯއިން ފެންނަ އިވާންގެ ސޫރަ އިތުރަށް "ހޭންޑްސަމް" ކޮށްލެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކުރުމަށްޓަކައި ގެންނާނެ އެންމެ ބަދަލެއްވެސް އޭނާގެ ވިސްނުމަކަށްނައެވެ. ފޮޓޯގެ ކުލަތަކާއި އެހެނިހެން ބައިތައް އެޑިޓް ކޮށްލުމަށްފަހު މައިރާއަށް އެތައްއިރަކު ފޮޓޯއަށް ގެއްލިފައިވެސް އިނދެވުނެވެ. ހިތްހަމަޖެހޭވަރަށް އިވާންގެ ހިނިތުންވެފައިވާ ސޫރަ ސިކުނޑީގައި ރައްކާކޮށްލެވުމުން މައިރާ އެއްބަސްވެވިފައިވާ ގޮތުގެ މަތިން އެ ފޮޓޯ އިވާންއަށް ފޮނުވައިލިއިރު އެއާއެކު މެސެޖެއްވެސް ފޮނުވި އެވެ. އިވާންގެ ޖަވާބެއްނުލިބި ގިނައިރުވާން ފެށުމުން އޭނާގެ ހިތް އަވަސްވާން ފެށި އެވެ. ގޮނޑިއަށް އަރުވައިލި ދެފައިގައި އެއް އަތުން ބައްދާލައިގެން އިނދެ އަނެއް އަތުގެ ނިޔަފަތިތައް ކާން ފެށުނެވެ. މިފަދަގޮތަކަށް އިވާންއަށް މެސެޖުކުރުމުގައި އިސްނެގުމަކީ ރަނގަޅުގޮތްބާއޭ އޭނާގެ ހިތަށް އަރަމުންދިޔަ އެވެ. ކުރިން ދުވަހަކުވެސް އެފަދަ ކަންކަމާމެދު ނުވިސްނޭވަރަށް އިވާންއާ ގުޅޭ ކުދިކުދި ކަންކަމުގައި މައިރާއަށް ވިސްނޭކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މިނެޓެއްހާއިރުފަހުން މޭޒުމަތީގައި އޮތް ފޯނުގެ ޑިސްޕްލޭ ދިއްލުނުތަން ފެނި މައިރާ ތެޅިގެންފައި އެ ފޯނު އަތަށް ނެގި އެވެ.
"އައި ކެޕްޓް މައި އެންޑް އޮފް ދި ބާރގެއިން. އިޓްސް ޔޯރ ޓަރން ނައު" މައިރާ ފޮނުވި މެސެޖުގެ ރައްދަކަށް އިވާން ސުވާލުމާކުތަކެއް ފޮނުވާފައި އޮތެވެ.
"ކޮބާ ސެލްފީ؟" މެސެޖުގެ ޒަރިއްޔާއިން އިވާންއާ ވާހަކަދައްކަމުން ދިޔައިރު މައިރާއަށް ނޭނގިނަމަވެސް އިނދެވުނީ ހިނިތުންވުމެއްގަ އެވެ.
"މިފޮޓޯގަ އަހަރެން ވަކި ތަފާތެއް ނޫނެއްނު" އިވާން ޖަވާބުދިނެވެ. މައިރާ ކުޑަކޮށް ވިސްނައިލުމަށްފަހު ކުރިން އިވާންއަށް ފޮނުވި ފޮޓޯ ހޯދައިލައި އެފޮޓޯއިން ފެންނަންހުރި އިވާންގެ މޫނުގައި ބޮޑު މަތިމަހެއް ކުރަހައިލުމަށްފަހު އަނެއްކާވެސް އިވާންއަށް ފޮނުވި އެވެ.
"ތަފާތެއްނު.. އާޗާ ބަލާބަ ރީތިކަން" ފޮޓޮއާއެކު މައިރާ ފޮނުވި ލިޔުންކޮޅުގައިވި އެވެ. އިވާން އެ ފޮޓޯއަށް ހިނިގަނޑެއް "ރިއެކްޓް" ކޮށްލުމަށްފަހު އިރުކޮޅެއްފަހުން މައިރާއަށް އެމީހުން ނެގި ސެލްފީ ފޮނުވައިލި އެވެ. މެސެޖުގެ ޒަރިއްޔާއިން ވާހަކަދެއްކުމުގައި އެ ރޭގެ ބާކީބައިގައި ހޭދަކުރެވުނު އިރު ކުރިއާ ހިލާފަށް ދެފަރާތުންވެސް އެތަކެއް ލާނެތް ސަމާސާތަކާއި މަޖާ ވާހަކަތައް ހިއްސާކުރަމުންދިޔަ އެވެ. އެއިން ކޮންމެ މެސެޖަކާއެކު ދެމީހުންގެ ލޮލުން ނިދި ފިލަމުން ދިޔައިރު ތުންފަތުގައިވި ހިނިތުންވުންވެސް ދިޔައީ ފުންވަމުންނެވެ.
"ވަޓް އަރ ޔޫ ޑުއިންގް ޓު މީ އިވާން… އައި ހޭވް ނެވަރ ފެލްޓް ދިސް ވޭ ބިފޯރ" އެ ބަސްތައްވަނީ މައިރާގެ ހިތުގައެވެ. އެ ހިތާ ދެކެވެމުންދިޔަ ވާހަކައަށް ހުރަސްއެޅީ އެވަގުތު މައިރާގެ ފޯނަށް އަންނަންފެށި އެކުވެރި ޒެފަންގެ ކޯލެވެ. މިފަދަ ވަގުތަކު މުހިއްމު ކަމެއްގައި ނޫނީ ނުގުޅާނެކަން އެނގި އޭނާ އެ ކޯލަށް ޖަވާބުދިނެވެ. "ޔެސް ޒެފަން.. ކީކޭ؟"
"މިއަދު އަހަރެން މާލެ އައިސްފަ މައި ބުނި ކުއްޖާގެ ކަންތައް ބަލާލަ ދިނިން. ސަފަޔަރ ކަހަލަ ކޮލެޖެއްގަ ކުދިންގެ ނަމާއި ކޯސް ޑީޓެއިލްސް މީހަކަށް ބުނެލަދިނަސް ކުދިންގެ ފަރސަނަލް ޑޭޓާ މިގޮތަށް ޑިސްކްލޯޒް ނުވެސް ކުރެވޭނެ. ވިޗް އިޒް ވަން ރީޒަން ވައި ވީ އަރ ކޮންސިޑަރޑް އެލީޓް.. ސޯ މިކަންތައް ބައްޕައަށް އެނގުނަސް ވަރަށް ރުޅިދުރުވާނެ" ޒެފަން ބުންޏެވެ. ޒެފަންއަކީ މިވަގުތު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ 'ސަފަޔަރ އެޑިއުކޭޝަން' ގެ ސީ.އީ.އޯގެ މަގާމު ފުރަމުންދާ ހަރުދަނާ ޒުވާނެކެވެ. އެ އިންސްޓިޓިއުޓަކީ ޒެފަންގެ ބައްޕަ ޒާހިރުގެ އިސްނަގައި މީގެ 20 އަހަރުކުރިން އުފެއްދި ކުންފުންޏެކެވެ. މިއަދު އެ އިންސްޓިޓިއުޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2 ހައި ސްކޫލާއި، 3 ޕްރޮފެޝަނަލް ޓްރެއިނިންގް ސެންޓަރާއި، 8 ކޮލެޖް އަދި 1 ޔުނިވަރސިޓީ ހިންގަ އެވެ.
"ދެން އަޅެ ނޯންނާނެ ދޯ އެއްވެސް ގޮތެއް.. ބޭކާރު ދަތުރެއް ދޯ މި އާދެވުނީ" މައިރާގެ އަޑަށް މާޔޫސްކަން ވެރިވި އެވެ.
"އައިމް ސޮރީ މައި.. މާ ބޮޑު ކަމެއް ކޮށްދެވޭކަށް ނެތް. ވަކިން ހާއްސަކޮށް މައި ބުނި ސްޓޫޑެންޓްގެ ފައިލް އިނީ ކޮންފިޑެންޝިއަލް ފައިލެއް ގޮތަށް.. ވިޗް އިޒް ވެރީ ވިއަރޑް.. އޭރުގެ ރެޖިސްޓްރާ އާ ވާހަކަ ދައްކާލީމަ އެއީ ކީއްވެކަން އެނގޭނީ.. އެހެންވީމަ އެއްވެސް ލިޔުމެއް ލީކް ކުރުމުގެ ރިސްކެއް އަހަރެންނަކަށް ނުނެގޭނެ.. އެކަމަކު ޔެސް އަހަރެން އެ ފޯލްޑަރ މަތިމަތިން ބަލާލިއިރު ފާހަގަވި ކަމެއް ބުނެފާނަން. މީގެ ދެއަހަރު ކުރިން ސީ.އެސް.އާރް ޕްރޮގްރާމެއް ގޮތަށް ފުލުހުންނަށް އަމާޒުކޮސް ހުޅުވާލި ސްކޯލަރޝިޕެއްގެ ދަށުން ތިބުނާ މަލްގެ ބޯއިފްރެންޑަކު ރެޖިސްޓާ ވެފަ އިނީ.. އިތުރަކަށް ބުނެވޭކަށް ނެތް.. ސޮރީ އަގައިން.. އެކަމަކު މައި ބުނީތީ އޮންނާނެ އޭނަގެ ފޮޓޮއެއް ފޮނުވާފަ. އަދިވެސް މައި އެ މެސެޖް ނުބަލާތީ ބަލާލާފަ ޑިލީޓް ކޮށްލައްޗޭ ބުނަންވެގެން މި ގުޅީ" ޒެފަން ކިޔައިދިނެވެ.
މައިރާ އެންމެ ރަނގަޅޭބުނެ ފޯނު ކަނޑައިލުމަށްފަހު އަވަސްވެގަތީ ޒެފަން އެބުނާ ފޮޓޮއެއް ބަލައިލުމަށެވެ. މިފަހަރު ލިބުނު ސިހުމުގައި ހަމަ ރަނގަޅަށްވެސް މައިރާގެ އަތުން ފޯނު ވެއްޓުނެވެ. އެނދުގައި ހަމަޖެހިލައިގެން ނިދާލާފައި އޮތް އައިލީންއަށް ބަލައިލުމަށްފަހު އޭނާ އެ ފޯނު ނެގުމަށްޓަކައި އަވަސްވެގަތެވެ. ތެޅިތެޅިއޮތް ހިތަކާއެކު އެ ފޮޓޮއަށް ބަލައިލިއިރު އޭނާގެ އަތުގައި މަޑުތުރުތުރުލުމެއް ހުއްޓެވެ. ލޮލަށް ފެންނަމުންދިޔަ ހަގީގަތް ގަބޫލު ނުކުރެވިފައިހުރެ މައިރާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ނޫނެކެވެ. މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ ހަމަ އެވަގުތު އިވާންގެ ފަރާތުން އާ މެސެޖެއް ލިބިއްޖެކަމުގެ ނޮޓޮފިކޭޝަނުން ފޯނު އަލިވި އެވެ. ބިރެއް ފެނުނު ފަދައިން މައިރާ ފޯނު ނިވައިލުމަށްފަހު އަވަސް އަވަހަށް އެނދަށް އަރައި އޮށޯތެވެ. މޫނާއެކު ރަޖާ އަޅައިލުމަށްފަހު ފެންކަޅިވަމުން ދިޔަ ދެލޯ މަރައިލީ ހަގީގަތަށް ފިލަން އުޅޭ މީހަކު ފަދައިންނެވެ.
----
މުޅި ދުވަސް އެކީ މަސައްކަތުގައި އުޅުމަށްފަހު އިވާން ގެއަށް ދިޔައީ ކޮންމެހެންވެސް އެދުވަހުގެ ހަވީރު ފުޓުބޯޅަ ކުޅެންދާން ރާވައިފައި އޮތުމުންނެވެ. ވައިސޫރިއެއްހެން ސިޑީގެ ހަރުފަތްތަށް ގިރާކޮށްލައިފައި ގޮސް ކޮޓަރިއަށް ވަތް މީހާ އަވަސްއަވަހަށް ޖާރޒީއެއް ގަޔަށް މަހާލައިގެން ހަމަ އެބާރުމިނުގައި އައިސް ސިޑިދަށުގައި މަޑުކޮށްލީ އެތަނުގައިހުރި ފައިވާންހަރުން ކުޅެންދާ ބޫޓެއް ހޯދުމަށެވެ. އޭނާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތް ޖައްސައިލުމުންނެވެ.
"ހާދަ ވަރަކަށް ސިއްސައިގެން ތި ދިޔައީ.. މައި ދުށިންތަ؟" އައިލީން އަހައިލިއެވެ.
"މައި؟ މައި ނޫޅޭތަ؟" އިވާން އާދައިގެ ގޮތަކަށް އަހައިލި އެވެ.
"ހްމްމް. ހެނދުނުއްސުރެން ސްކޫލްގެ ކަމެއްގަ އުޅެފަ އަހަރެންވެސް މި އައީ. އައިސް ގޭތެރެ ހޯދާ ހޯދާވެސް މައި ނުފެނުނު. ދެން އަޅާނުލާ. ސައިކަލެއްވެސް ނެތް. ވެދާނެ ދޯ ރަށުތެރެ ބަލާލަން ނުކުތީ ކަމަށް. ދެން ޗުއްޓީއަށް އައި މީހަކު އަބަދު ގޭގައެއް ނޯންނާނެތާ" އައިލީން މާ ބޮޑުކަމަކަށް ނެހެދުމުން އިވާންވެސް މައިރާއާމެދު އިތުރު ސުވާލެއްނުކޮށް ކުޅެންދާން ނުކުތެވެ.
---
ވަކި މިސްރާބެއް ނެތި ރަށުތެރޭގައި ސައިކަލު ދުއްވަމުންދިޔަ މައިރާ ގަޑިއެއްހާއިރުވަންދެން ބަނދަރުމަތީގައި މަޑުކޮށްލުމަށްފަހު ރަށުގެ ފުށްޓަރާ ދިމާލަށް މިސްރާބުޖެހި އެވެ. އޭނާ މިއަދު ހަމަ އެއްވެސް ވަރަކަށް ގެއަށް ދާކަށް ބޭނުމެއް ނުވެ އެވެ. ރޭގައި ޒެފަން ފޮނުވި ފައިލާމެދު ވިސްނައިލެވޭ ކޮންމެ ފަހަރަކު ރިހުން އިހުސާސްވަނީ ހަށިގަނޑުގެ ކޮންތާކުންކަމެއް ނުވަތަ ކީއްވެކަމެއް އޭނާއަކަށް ވަކި ކުރާކަށް ނޭނގެ އެވެ. ނަމަވެސް ބޮލަށް ބަރުވެ މެޔަށް ވާންވަމުން ދިޔަގޮތުން ހަމަގައިމުވެސް އޭނާގެ ހިތާއި ސިކުނޑިއަށް އެ ރިހުމުގެ އަސަރު ފޯރަމުންދާކަން މައިރާއަށް ޔަގީންވާހާ ވެއެވެ.
މައިރާ ސައިކަލު މަޑުކޮށްލީ ރަށުގެ މީހުން ނޫޅޭ ހިސާބުގައި އޮންނަ ކުޅިއަށް ދާން ބޭނުންކުރާ ހިމަ މަގެއްގެ ކުރިމައްޗަށެވެ. ރަސްމީކޮށް ކަނޑާފައިވާ މަގެއް ނޫންނަމަވެސް އެކަނި އެކަކަށް ހިނގާލައިފައި ނުވަތަ ސައިކަލެއްގައި ދެވޭވަރަށް މަގުވަނީ ކޮށައި ސާފުކޮށްފަ އެވެ. މަގުގެ ދެފަރާތްވަނީ ޒާތްޒާތުގެ ވިނަތަކާއި ބޮޑެތި ގަސްގަހުން ފުރާލެވިފަ އެވެ. އޮއްސެން ފަށައިފައިވާ އިރުގެ އަލި އެ ގަސްތަކުގެ ތެރެއިން ފުރޭނިގެން މަގަށް އެޅެނީ ކިރިޔަކިރިޔާ އެވެ. ނަމަވެސް ސައިކަލުގެ ހެޑްލައިޓުން މައިރާ ބޭނުންވާވަރަށް މަގަށް އަލިވެ އެވެ.
ކުޅި އޮންނަ ހިސާބަށް ސައިކަލު މަޑުކޮށްލުމަށްފަހު މައިރާ އޭގެ ހެޑްލައިޓް ނިވައިލުމެއްނެތި ފަސްގަނޑުމަތީގައި އިށީނެވެ. އެ ސަރަހައްދުގެ ހިތްގައިމު ދެތިން ފޮޓޯ ކެމެރާގައި ރައްކާކޮށްލި އެވެ. ދޫނި ސޫފާސޫފީގެ ރީތި ގޮވުންތަކާއި ގަސްގަހާއިގެހި ވަޔާ ހެލިލާ އަޑުފަދަ ގުދުރަތުގެ ހިތްގައިމު އަޑެއް މެނުވީ އެ ސަރަހައްދަކުން ނީވެ އެވެ. އެ މާހައުލުގެ ހިމޭންކަންވީ އޭނާގެ ހިތާއި ސިކުނޑީގައި ގަދަވެފައިވި އަޑުތައްވެސް ހިމޭންކޮށްލި އަޑަކަށެވެ. ދުލުން ބަޔާން ނުކުރެވޭފަދަ ހަމަޖެހުމެއް ނަފްސަށް ވެރިވާން ފެށުމުން އެ މާހައުލާ ދުރަށް ދިޔުމަށް އޭނާގެ ޟަމީރު ދެކޮޅުހެދި އެވެ. ފޯނުން އެތަނުގެ ވީޑިޔޯއެއް ނަގައި ރީތި ލިޔުންކޮޅެއް ލިޔެލާފައި އިންސްޓަގްރާމް ސްޓޯރީއަށް އަޕްލޯޑް ކޮށްލުމަށްފަހުގައިވެސް އެތަށް އިރަކު އެތަނުގައި އިނދެވުނެވެ. ގެއަށް ދާންވެއްޖެކަން ރޭކައިލީ ރޭގަނޑުވެ މާބޮޑަށް އަނދިރިވާން ފެށުމުންނެވެ. އިށީނދެ އިންތަނުން ތެދުވެ ގައިން ވެލި ފޮޅައިލުމަށްފަހު ސައިކަލަށް އަރައި ދުއްވައިލެވޭތޯ އުޅުނެވެ. ދެފަހަރެއްގެ މަތިން ބާރުލިއިރުވެސް ހަމަހިލާ ސައިކަލު ކުރިއަށް ދާގޮތެއް ނުވެ އެވެ. އިސްޓާޓުވެ އެވެ. އިންޖީނުގެ އަޑުވެސް ހުއްޓެވެ. މިއީ ދެން އަޖައިބެއް ނޫންހެއްޔެވެ؟ މައިރާއަށް ކުރެވުނު ޝައްކު ޔަގީން ކޮށްލުމަށްޓަކައި ފޯނުގެ ފްލޭޝްލައިޓުން ސައިކަލުގެ ފުރޮޅަށް އަލިކޮށްލި އެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިލީންއަށް ގުޅޭތޯ ކުރި މަސައްކަތް ނާކަމިޔާބުވީ ނެޓްވޯކުގެ ދެ ފިތްވެސް ހަމަ ނުވާތަން ފެނުމުންނެވެ. އިސާހިތަކު ގޮތްހުސްވެފައިހުރެ މައިރާއަށް އިސްތަށިގަނޑުގެ ތެރެއިން އަތް ހިންގައިލެވުނެވެ.
---
"މައި؟ އޯހް.. އިވާންބެ ދޯ.." ގޭގެ ބޮޑު ދޮރާށި ހުޅުވުނު އަޑަށް ގޯތި ތެރެއަށް ދުއްވައިގަތް އައިލީންއަށް ކުޅެ ނިންމާފައި ގެއަށްއައި އިވާން ފެނި ބުނެލެވުނެވެ.
"މައި އަދިވެސް ނާންނަނީތަ؟ ލީން ނުގުޅަންތަ؟" ހަމަޖެހޭގޮތް ދައްކަން އުޅުނެއްކަމަކު މިފަހަރު އިވާންގެ ނިތަށްވެސް ރޫތައް ޖަމާވި އެވެ.
"މިހާރު އަންނަން ކަންނޭނގެ އުޅޭނީ. އިހަށް އުނދަގޫ ނުކުރަމާ ދޯ. އެންމެ ދުވަހަކު އެކަނި ނުކުމެލީމަވެސް އަހަރެމެން އުނދަގުކުރަންޏާ މައިއަށް ހީވެދާނެ މިނިވަންކަން ނުދެނީއޭ. އާފްޓަރއޯލް ޝީ އިޒް ސްޓިލް އަ ޓޫރިސްޓް" ކަންބޮޑުވުމުގެ މައްޗަށް އައިލީން އިސްކުރީ މަސްލަހަތެވެ. މައިރާއާމެދު "ފަތުރުވެރިއެއް" ނުވަތަ ދަތުރުވެރިއަކަށްވުރެން ގާތްކޮށް ދެކެވުނެއްކަމަކު އިވާންއަށްވެސް އެކަންތައް ދޫކޮށްލެވުނީ މަޣްރިބް ނަމާދުގެ ޖަމާއަތަށް ވަގުތު ކުޑަތަންވަމުން ދާތީ އެވެ. ނަމަވެސް މައިރާ ގެއަށް ނައިސް އެހާ ލަސްވަނީ ކީއްވެބާއޭ އިވާންގެ ހިތަށް އަރަމުންދިޔަ އެވެ.
މަޢްރިބް ނަމާދުން ފައިބައިގެން އިވާން ގެއަށް އައި އިރު އައިލީން ހާސްވެގެން ސިޓިންގްރޫމްގައި ދެކޮޅަށް ކުރުކާލި ކަނޑަމުން ދިޔަ އެވެ. އިވާން ފެނުމުން ފެންކަޅިވެފައިވާ ދެލޮލާއެކު ދުވެފައި އައިސް އިވާންގެ ގާތަށް މަޑުކޮށްލި އެވެ.
"އިވާން.. މައި.. މައި އަދިވެސް ނާދޭ.. ރޫމީ ބުނި މެންދުރު ކައިގެން ބޭރަށް ދިޔަ ގޮތަށޯ އެއީ. މިހާރު ކޮން އިރެއް. ނުވެސް ގުޅޭ މައިގެ ފޯނަކަށް އިވާން.. އަހަރެން ވަރަށް ހާސްވޭ އެބަ. ހިނގާބަ މައި ހޯދަ-" އައިލީންގެ އަނގައިގައި ޖުމްލައިގެ އެއްބައި އޮއްވައި އިވާން ދޮރުން ބޭރަށް ދުއްވައިގަތެވެ. ގަވައިދު ހުއްދަކުރާ ދުވެއްޔަށްވުރެ ބާރަށް ސައިކަލު ދުއްވައިލެވުނުއިރުވެސް އޭނާއަކަށް ނޭނގުނެވެ. ނެގިނެގިފައި ޖެހެމުންދިޔަ ހިތުގެ ތެޅުން އަވަސްވާ ވަރަކަށް ސައިކަލުގެ މުއްގަނޑަށް ބާރުލެވުނެވެ. ގާތްގަނޑަކަށް ފަނަރަވަރަކަށް މިނަޓުތެރޭ ރަށުގެ ބަނދަރާއި، ޕާކާއި، ވަށައިގެންވާ އަތިރިއާއި، އާސާރީ ބިނާތައްފަދަ މައިރާ ދާނެހެން ހީވާ ހުރިހާ ތަނެއް އޭނާއަށް ބަލައި ނިންމައިލެވުނެވެ. އެއިން އެއްވެސް ތަނެއްގައި މައިރާގެ ހިލަމެއް ނެތްކަން އެނގުނުއިރު އިވާންގެ އެތެރެހަށި ބިރުން ތުރުތުރުލާން ފަށައިފި އެވެ. އެހާލަތުގައިވެސް އޭނާގެ ހިތްވަރު އެލުވައިނުލައި ހަމަބުއްދި އިސްކުރި އެވެ. މައިރާ ހޯދުމަކީ އޭނާ އެކަނި އުޅެގެން ވާނޭކަމެއް ނޫންކަން އިހުސާސްވެ ޑިއުޓީގައި އެވަގުތު ތިބި ހުރިހާ ފުލުހުންނަށް އެލަރޓެއް ނެރުނެވެ. މައިރާ ހޯދުމުގެ މަސައްކަތް ރަސްމީ ގޮތެއްގައި ފަށަން ދޭންޖެހޭ އިރުޝާދުތައް ދިނުމަށްޓަކައި ފުލުސް އޮފީހަށް ދާން މިސްރާބުޖެހި އެވެ. ސްޓޭޝަނުން އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ފޯނަށް އައިލީންގެ ކޯލެއް އަންނަތަންފެނި އިވާން ލަސްނުކޮށް އެ ކޯލަށް ޖަވާބުދިނީ މައިރާ ގެއަށް ދިޔައީކަމުގެ އުއްމީދުގަ އެވެ.
"އިވާން... ކުޅި އޮންނަ ދިމާ ބެލިންތަ؟ މައި އެބައިން އިރުކޮޅެއް ކުރިން އެތަނުގެ އިންސްޓަގްރާމް ސްޓޯރީއެއް ލާފަ" މިފަހަރުވެސް އައިލީންގެ ވާހަކަ ނުނިމެންދެން އިވާން އައި ކޮޅަށް އަނބުރާލައިފައިގޮސް ސްޓޭޝަންގެ ދޮރުމަތީގައި ޕާކުކޮށްފައި އޮތް ފުލުހުންގެ ވެހިކަލަށް އެރި އެވެ.
"ލީން! ލީން! ލީން! ކީއްވެތަ ކުރިން ބަލާނުލީ!" ސައިރެން އޮންކޮށްލުމަށްފަހު ވެހިކަލް ދުއްވައިލި އިވާންއަށް ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލެވުނެވެ.
"އަޅެ އަހަރެންވެސް ހާސްވެފަ ހުރިވަރުން ކުރިން ވިސްނާ ނުލެވު-" އައިލީންގެ ވާހަކަ ފުރިހަމަކުރާނެ ފުރުސަތެއްނުދީ އިވާން ފޯނު ކަނޑައިލި އެވެ. ސައިރެންގެ އަޑަށް މަގުތަކުން ފެންނަ އެންމެން ވެހިކަލަށް ތަންދެމުން ދިޔަނަމަވެސް ކެތްމަދުވެފައި އިން އިވާންއަށް މިނެޓަކު ދެތިންފަހަރު އަތް މުށްކަވާފައި ހުންގާނުގައި ޖަހައިލެވެ އެވެ.
"އާހް މައިރާ މައިރާ! ހަމަ މިނޫންތަނެއް ނުފެނުނީތަ" ޓޯޗެއް ހިފައިގެން ވެހިކަލުން ފޭބި އިވާން ކުރިމަތީގައިވާ ގަސްބިޔަ ޖަންގައްޔަށް ބަލައިލުމަށްފަހު ހިތާހިތުން މައިރާއަށް ކުދިކިޔަން ފެށި އެވެ. ކުޅިއަށް ދިޔުމަށްޓަކައި ކޮށާފައިވާ މަގުން ވަލުތެރެއަށް ދުއްވައިގަތްއިރު ފައިދަށުވެ ކުދިކުދިވަމުންދިޔަ މުރަނަވެފައިވާ ހިކިފަތްތަކުގެ އަޑު އެ ކަޅުފޮއިރޭގެ ތެރެއަށް ފޭދެމުން ދިޔައީ ބިރުވެރި ގޮތަކަށެވެ. ޒަމާނުއްސުރެން ރަށުމީހުން އެ ކުޅި އޮންނަ ސަރަހައްދާ ގުޅުވައި ދައްކާއުޅޭ ވާހަކަތައް ހަނދާންވެ ހިނދުކޮޅަކަށް ނަމަވެސް އިވާންގެ ގައިން ހީބިހި ނަގައިގެންދިޔަ އެވެ. އެހެނަސް އެފަދަ ނާމާން ކަމެއް ހިތަށް އަރުވައިލާފައި ފަހަތަށްޖެހޭ ވަރަށްވުރެން ބޮޑަށް މިއަދު އޭނާއަށް މައިރާ މުހިއްމެވެ.
ކުޅި އޮންނަ ހިސާބަށް ނުކުމެވުނު ވަގުތު ސައިކަލެއްގެ ކައިރީގައި ހުއްޓިލައިގެންހުރި އަންހެންކުއްޖަކު ލޮލުގައި އަޅައިގަތްހެން ހީވެ އިވާންގެ އަތުގައި އޮތް ޓޯޗުން ދެވަނަ ފަހަރަށް އެދިމާލަށް އަލިކޮށްލި އެވެ. ދެނަމާދު ދޭތެރޭގެ އެވަގުތުގައި ގަސްބޯ ޖަންގައްޔެއްގެ މެދުގައި ހުއްޓިލައިގެން އެހުރީ މައިރާކަމާމެދު އެހެން މީހެއްނަމަ ދެވަނަ ވިސްނުމަކަށް ދާނެކަން ގައިމެވެ. ނަމަވެސް މައިރާގެ މޫނު ފެނުނުހިނދުން ފެށިގެން އިވާންއަށް އެއީ އިންސިއެއްތޯ ނޫންތޯވެސް ކަށަވަރުކުރުން މުހިއްމެއްނުވި އެވެ. އެއީ މައިރާއަށް ވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ނުވިއްޔާ ދެން ވާނެގޮތެއް ދެނެވޮޑިގަންނަވާނީ މާތް ރަސްކަލާނގެއެވެ. ބިސްމިއަށްފަހު އިވާންގެ ދެފަޔަށް އިތުރު ބާރެއްލާފައި އެދިމާލަށް ދުއްވައިގަތެވެ. އަދި އެސްފިޔަޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި މައިރާ ގެނެސް މޭގެތެރޭގައި ފޮރުވައިލި އެވެ.
"އި.. އިވާން އިޒް ދެޓް ޔޫ؟" މައިރާގެ އަޑު ކަންފަތުގައި ޖެހުނުހިނދު އިވާން ފުންނޭވާއެއް ދޫކޮށްލެވުނު ގޮތުން މީގެކުރިން އޭނާއަށް ހުރެވުނީ ނޭވާ ހިފަހައްޓައިލައިގެނޭ ހީވާކަހަލަ އެވެ.
"ވަރ ޔޫ އެކްސްޕެކްޓިންގް ސަމްވަން އެލްސް؟" ލިބުނު ހިތްހަމަޖެހުމުގައި އިތުރަށް މައިރާގެ ގައިގައި ބައްދައިލަމުން އިވާންއަށް އަހައިލެވުނެވެ.
"ދެން.. އެނގެއެއްނު މިބުނީ ކީކޭކަން.." މައިރާ ނޭފަތް ދަމައިލަމުން އިވާންއާ ދުރަށް ފިޔަވަޅެއް އަޅައިލި އެވެ. ގަނެފައިހުރި ބިރުން މައިރާއަށް ރޮވެމުންދިޔަކަން އިވާންއަށް ރޭކައިލީ އެހިސާބުންނެވެ.
"ހޭއި ރޮނީތަ؟ ޝްޝްޝް އިޓްސް އޯކޭ އައިމް ހިޔާ ނައު" އިވާން އަނެއްކާވެސް އެ ދެމެދުގައިވި ޖާގަ ނައްތައިލަމުން މައިރާ އެ އަތުގެ ހިމާޔަތަށް ގެނަ އެވެ. އެންމެ ހިނދުކޮޅަކަށްވެސް މައިރާ އެ އަތުތެރެއިން ވީއްލިގެން ދާން އިވާން ބޭނުންނުވާ ކަހަލަ އެވެ. މައިރާ ގަނެފައިހުރި ބިރަށް ވިސްނައި އިވާންގެ އަމިއްލަ ހިތުގައި އުފެދެމުންދިޔަ ނުތަނަވަސްކަން ސިއްރުކުރަން މަސައްކަތްކުރި އެވެ.
"ގޯޝް.. ޑޯންޓް ޔޫ އެވަރ ސްކެއަރ މީ ލައިކް ދެޓް" އިވާން އޯގާތެރިކަމާއެކު މައިރާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު މައިރާގެ އިސްތަށިގަނޑުގައި ފިރުމައިލި އެވެ. އެހާ ގާތުގައި ހުންނަން ޖެހުމުން އިވާންގެ ހިތުގެ ތެޅުމުގެ އަޑުވެސް މައިރާއަށް އިވެމުންދިޔަ އެވެ.
"ބޭ.. ބޭނުމެއްނޫން މިތާ ހުންނާކަށް. ޕްލީޒް ހިނގާދާން" ރުއިން ކޮންޓްރޯލްކުރަމުން މައިރާ ބުންޏެވެ. އިވާން އެންމެ ރަނގަޅޭ ބުނާފަދައިން ބޯ ޖަހައިލުމަށްފަހު މައިރާގެ ގައިން ދޫކޮށްލި އެވެ. އެއަށްފަހު އަތުގައި އޮތް ޓޯޗުން އެތަނުގައިހުރި ސައިކަލަށް އަލިކޮށްލި އެވެ.
"މިއީ.. ޓަޔަރު.. ފަޅައިގެން ދިޔައީހެން ހީވަނީ." ދެއަތުން މޫނު ފޮހެލައި ހަމައަކަށް އެޅިލަމުން މައިރާ ބުންޏެވެ.
"ހްމްމް. މިކަހަލަ މަޑު ފަސްގަނޑެއްމަތިން މީގެ ޓަޔަރުނެތި ކޮށްޕަމުން ގެންދަންވެސް ވޭނަކަށް ވާނީ. އިތުރު ގެއްލުމެއްވެސް ލިބިދާނެ ސައިކަށް" އިވާން ސައިކަލުގެ ފުރޮޅާ ހިސާބަށް ތިރިވެލައި ޓޯޗުން އަލިކޮށްލި އެވެ. މައިރާވެސް ސައިކަލުގެ ކައިރިއަށް ޖެހިލަމުން އިވާން އަލިކޮށްލި ދިމާލަށް ބަލައިލި އެވެ. މިހާރު އެއިން އެކެއްގެ މޫނުންވެސް ކުރިން ފެނުނު ބިރުވެރިކަމާއި ހާސްކަމުގެ ކުލަވަރެއް ފެންނާކަށް ނެތެވެ. ކިތަންމެ ނާމާން މާހައުލެއްގައި ތިބެވުނަސް އެކެއްއަނެކެއްގެ ހާޒިރުގައި ދެހިތަށްވެސް ވަނީ ތަސައްލީއެއް ލިބިފަ އެވެ.
"ދެން މިރޭ މި ބަހައްޓާފަ ދާން ހިނގާ. މާދަމާ ޝޯން ގޮވައިގެން އަންނާނީ މި ބަލާ" އިވާން ގޮތް ނިންމި އެވެ. ހަމައިސްކޮޅަށް ދެމިލުމަށްފަހު މައިރާގެ އަތުގައި ހިފައިގެން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އިވާންގެ ފިޔަވަޅުތަކުގައި ސާބިތުކަން ހުރިނަމަވެސް މައިރާގެ ހިތްއަވަސްވެ، ފައި އޮޅެމުންދިޔައީ އިންތިހާއަށެވެ. ފަހަރެއްގައި އެއީ އިވާން އޭނާގެ އަތުގައި ހިފައިގެން ހުރުމުންކަމަށްވެސް ވެދާނެއެވެ. އާދައިގެމަތިން އިވާން ގާތްވެލުމުން މައިރާއަށް ނަފްސުގެ ބާރު ދޫވާން ފެށި އެވެ. ދެފަހަރެއްގެ މަތިން ވެއްޓެން ގޮސްފައިވެސް ސަލާމަތްވީ އިވާންގެ ހުށިޔާރުކަމުންނެވެ. އެހެނަސް ތިންވަނަ ފަހަރަށް ވެއްޓެން ދިޔުމުން އިވާން މައިރާގެ ގައިގައި ހިފެހެއްޓުމަށްފަހު ހިނގުން ހުއްޓައިލި އެވެ. އަދި އެއްކަކޫ މައްޗަށް ބިންމަތީގައި އިށީނދެލުމަށްފަހު މައިރާގާތު އެދުނީ އޭނާގެ ކޮނޑަށް އެރުމަށެވެ. އިވާން އެދުނުގޮތަށް ކަންތައްކުރި މައިރާގެ ހިތަށް ވެރިވި ހިޔާލު ކޮންޓްރޯލް ނުކުރެވުމުން ކުޑަކޮށް ހީނލެވުނެވެ.
"ކިހިނެއްވީ ތި ހެނީ؟" މައިރާގެ ފައިގައި ހިފަހައްޓައިލައިގެން ހުރެ ކުރިއަށް ހިނގައިގަތް އިވާން އަހައިލި އެވެ.
"ދިސް އިޒް ސަޗް އަ ކޭ-ޑްރާމާ މޯމެންޓް" މައިރާގެ ވާހަކަ ދޭހަނުވުމުން އިވާން "ކޮން މޯމެންޓެއްހޭ" އަހައިލި އެވެ.
"އެނގޭތަ ކޮންމެ ކޭ ޑްރާމާއެއްގަވެސް ދައްކާނޭ މީގެ ސީންއެއް. ހީރޯ ދާނީ ހަމަ މިގޮތަށް އަންހެންކުއްޖާ ކޮނޑަށް އަރުވައިގެން. އެހެންވީމަ އިވާން ތިއީ ކޭ-ޑްރާމާ ފޭނެއް ދޯ؟" މައިރާގެ ސުވާލާއެކު އިވާންގެ ހިނގުން ހުއްޓައިލިގޮތުން މައިރާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިދިޔަ އެވެ. އޭނާއަށް ހީވީ އޭނާގެ ސުވާލުން އިވާން ހިތްހަމަނުޖެހުނީ ކަމުގަ އެވެ. އެކަން އިތުރަށް ޔަގީންވީ އިވާން އޭނާގާތު ބިންމައްޗަށް ފައިބަން ބުނުމުންނެވެ. ތިމާގެ އަނގަގަދަކަމާމެދު ހިތާހިތުން އަމިއްލަ ނަފްސަށް އަޑުލާން ފެށި އިރަށް އިވާން އަނެއްކާވެސް އޭނާ ބިމުން މައްޗަށް ހިއްލައިލައިފި އެވެ. ކުރިއާ ހިލާފަށް އެ ބާރުގަދަ ދެއަތުގެ މުލައްދަނޑި މައްޗަށެވެ. މައިރާއަށް ލިބުނު ސިހުމުގައި އިވާންގެ މޫނަށް ބަލައިލެވުނުހިނދު މިފަހަރުވެސް ފެށުނީ ހޭށެވެ. އިވާން ގެންގުޅުނު ޓޯޗް އަނގައިން ހިފަހައްޓައިލައިގެން ހުރިގޮތް ފެނުމުންނެވެ. އިވާންއަށް ފަސޭހަ ކޮށްދިނުމަށްޓަކައި މައިރާ އަވަހަށް އެ ޓޯޗު ނަގައި މަގަށް އަލިކޮށްދިނެވެ. އެހެނަސް އަނގަ މިނިވަންވުމާއެކު އިވާންގެ ސުވާލެއް މައިރާއަށް އަމާޒުވި އެވެ.
"ކިހިނެއްވީ އަނެއްކާ މިފަހަރު ތި ހެނީ؟ އުރުދޫ ޑްރާމާއެއް މަތިން ހަނދާންވީތަ؟" މައިރާ ކުރިން ދިން ޖަވާބަށް އިޝާރާތްކޮށް އިވާން އަހައިލި އެވެ.
"ކުރިން ތިބި ގޮތް މާ ފަސޭހައެއްނު. މިހާރު އިވާންގެ އަތަށްވެސް ތަދުވާނެ" މައިރާ ދެއްކީ މުޅިން އެހެން ވާހަކައެކެވެ.
"ބޭނުންނުވީ މައި އަހަރެންނަށް ނުފެންނަހެން ފަހަތުގަ ބަހައްޓަން. އަތުގަ ރިއްސިޔަސް.. މުލައްދަނޑި އުފުރައިގެން ދިޔަސް.. މިހާރު ތިއޮތީ އަހަރެންގެ ލޯ ކުރިމަތީގައެއްނު." އިވާންގެ ޖަވާބު އިވި މައިރާއަށް ހީވީ އޭނާގެ ހިތުވިންދުވެސް މަޑުޖެހިލިހެނެވެ. އިވާން އެހެން ވިސްނައިނުލާ ބުނެލާ ޖުމްލަތަކުން ހިތުގައި ކުޅެވިގެންދާ ރާގު މިފަހަރުވެސް ކުޅެލައިފި އެވެ. "އެހެންނޫނަސް ތިހީކުރާހާ ބަރެއް ނޫނޭ" އިވާން އިތުރުކޮށްލި އެވެ. މައިރާ ވަކި އެއްޗެކޭ ނުބުންޏެވެ.
ގާތްގަނޑަކަށް ދެތިން މިނެޓުފަހުން އެމީހުންނަށް އެ މަގުން ނުކުމެވުނެވެ. ވެހިކަލަށް އަރައިގެން ނައްޓައިލިއިރުވެސް މައިރާ ވަކި އެއްޗެކޭ ނުބުނެ އިނުމުން ދެންވެސް ވާހަކަދެއްކީ އިވާން އެވެ.
"ކީއްވެ އަހަރެންނަށް ނުގުޅީ؟" މައިރާ ހަމައަކަށް އެޅިއްޖެކަމަށް ވިސްނައި އިވާން އަހައިލި އެވެ.
"މިއީ.. އުޅުނިން ގުޅަން.. ނެޓްވޯކް ނުލިބުނީ.. އެކަނިން ނުކުންނަންވެސް އުޅުނިން އެކަމަކު ވަރަށް އަނދިރި. އެހެންވެ ގެއްލިދާނެތީ.. ހުރިތަނުގަ މަޑުކޮށްގެން ހުރީ" މައިރާ ކަން ހިނގައިދިޔަ ގޮތް ކިޔައިދިނެވެ.
"އެކަމަކު ލީން ބުނި މައިރާގެ އިންސްޓަގްރާމުންނޭ ހުރިތަން އެނގުނީ" އިވާންގެ ޖުމްލައިވި މައިރާ ދެލޯ ހަނިކޮށްލި އެވެ. ޖީންސުގެ ފަހަތު ޖީބުން ނެގި ފޯނު ހުޅުވައިލި އެވެ.
"އޯހް. ހަވީރު ލީ ސްޓޯރީއެއް. ވަރަށް ލަހުން އަޕްލޯޑްވެފަ އިނީ.. ފަހުން ނެޓްވޯކް ލިބުނީ ކަންނޭނގެ ދޯ. އަހަރެން ބަލައެއްނުލަން" މައިރާ ހައިރާންވި އެވެ. އެއީ މިރޭ އިވާންއަށް އޭނާ ހޯދެން އިރާދައިގަ ހުރީތީ ވީކަމެއްކަމުގައި ބަލަމުން ހިނިތުންވެލި އެވެ. ހަމައެވަގުތު އިވާން އޭނާގެ ފޯނު މައިރާއަށް ދިއްކޮށްލި އެވެ.
"އެޑް މީ" މައިރާ އެ ފޯނުގައި ހިފަން ނޭނގިފައި އިނުމުން އިވާން ބުންޏެވެ. "އިންސްޓަގްރާމް.. ފޭސްބުކް.. މައިރާ ބޭނުންކުރާހާ އެއްޗަކުން އަހަރެން އެޑްކުރޭ" ވެހިކަލް ދުއްވަމުންދިޔަ މަގުން ނަޒަރު ވަކިކޮށްލުމެއްނެތި އިވާން އަމުރުވެރި ރާގެއްގައި ބުންޏެވެ. އަޒީމާ ބަލިވެގެން އެޑްމިޓް ކުރި ދުވަހަށްފަހު އިވާން އެފަދަ އަމުރުވެރި ގޮތަކަށް މައިރާއާ ވާހަކަ އެދެއްކީ އަލަށެވެ. ކުރީގެ ނަފްސަށް އިޔާދަވީތާ އެވެ. މައިރާ އެކަން މާބޮޑު ކަމަކަށް ނަހަދައި އިވާންގެ ފޯނުގައި ހިފި އެވެ.
"މިއީ.. މިއަކު ނެތެއްނު އިންސްޓާއެއް.." މައިރާއަށް އިވާންގެ ފޯނުން އެ އެޕްލިކޭޝަނެއް ނުފެނުނެވެ.
"އެކައުންޓެއް ހަދާބަ" އިވާން ބުންޏެވެ.
"ވަޓް؟ ޔޫ.. ޔޫ ޑޯންޓް ހޭވް އިންސްޓަގްރާމް؟ ނުބުނާތި ސްނެޕްވެސް ނުގެންގުޅެމޭ" މައިރާ ހައިރާންވި އެވެ.
"ފޭސްބުކް އިންނާނެ. ޓްވިޓަރވެސް" އިވާން ބުންޏެވެ.
"ރިއަލީ ހައު އޯލްޑް އަރ ޔޫ؟ ފޯރޓީ؟ ފޭސްބުކްއޯ" މައިރާގެ ގާތަށް ހިނިއައެވެ.
"ފޭސްބުކް ބޭނުންކުރަނީ ހަމައެކަނި ސާޅީސް އަހަރުގެ މީހުންތަ؟" އިވާން ދިފާއުގައި ބުންޏެވެ.
"ނޫން އެކަމަކު. ތި އުމުރުގެ އެހެން މީހުން ގެންގުޅެއޭ ފޭސްބުކްއާއެކު އިންސްޓާއާއި ސްނެޕްވެސް" މައިރާއަކަށް އިވާންއާ ދިމާކޮށްނުލާ ހިމޭނަކުން ނީނދެވުނެވެ.
"މީގެކުރިން އަހަރެންނަކަށް ތި ބުނާހާ އެއްޗެހި މާ މުހިއްމެއް ނޫނޭ. އެއީ ޑިސްޓްރެކްޝަނެއްކަމަށް ދެކުނީ" އިވާން ބުންޏެވެ.
"ދެން މިހާރު މުހިއްމުވީތަ؟" މައިރާއަށް އަހައިލެވުނެވެ.
"މިރޭ މުހިއްމުވެއްޖެ" އިވާންގެ ޖަވާބު ކުރެވެ. އެހެނަސް އެ ޖަވާބުން މިފަހަރުވެސް މައިރާގެ ދުލުގައި ތަޅުއެޅުވިއްޖެ އެވެ. ރީތި ރާގަކަށް އެ ހިތުގައި ވިންދެއް ޖަހައިލައިފި އެވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ