ބޭނުންހާ އެއްޗެއް ބުނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫން: ރައީސް ބޭނުންހާ އެއްޗެއް ބުނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫން: ރައީސް

ތިމާ ބޭނުންހާ އެއްޗެއް އަނެކާއާ ދިމާލަށް ބުނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫން ކަމަށާއި ހައްގުތައް ލިބެނީ ހުދޫދެއްގެ ތެރެއިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި ފަހަކަށް އައިސް ރައީސް މުއިއްޒު އާއި މި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް އެ މަނިކުފާނު މިހެން ވިދާޅުވީ ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް ސެޓިފިކެޓު ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
"ތިމަންނަ މަތިވެފަ އަނެއް މީހާ ދަށްކޮށްލާފަ. ތިމަންނަ ބޭނުންހާ އެއްޗެއް އަނެއް މީހާއާ ދިމާލަށް ބުނުމުގެ ހައްގަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫން. ހައްގުތަކާ އެކީގެ އޭގެ ހުދޫދުތައްވެސް އޮވޭ. ރައިޓްސް އާ އެކީގަ ލިމިޓޭޝަންސް އޮވޭ،" ރައީސް ވިދާޅުވި އެވެ.
ދިވެހި މުޖުތަމައު ރަނގަޅު ވާނީ އަނެއް އިންސާނާއަކީ ތިމަންނަ ފަދައިން ކަރާމާތްތެރި މީހެއްކަން ރައްޔިތުންނަށް ގަބޫލުކުރެވުނު ދުވަހަކުން ކަމަށާއި އެކަން ގުރުއާނުގައި ބަޔާންވެފައިވާ ކަމަށާއި އެކަން ގަބޫލުކުރަން ލިބޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި މޭރުމުން ރައީސް ވާހަކަދެއްކެވީ ގުރުއާނުގައި ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ދިވެހިން ނުކުރާ ކަމެއް ނެތް ކަމަށާއި އެކަންކަމާ ދުރުވާން އަންގަވާފައިވާ ކަންކަން ކުރަނީ ސައްތައިން ސައްތަ އިސްލާމީ މި ގައުމުގައި ދިވެހިން އަމިއްލައަށް ކަމަށް ބުނެ ރައްޔިތުންނާމެދު ނުރުހުން ފާޅުކުރެއްވުމަށް ފަހު އެވެ.
"އަޅުގަނޑުމެން އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ. ނެތިމޮށެނީ. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގަ ނެތް ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.
މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި މިކަމަށް ދޭނެ ޖަވާބެއް ނުވިސްނޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ސިޔާސީ ހިޔާލުތަފާތުވުމާ އެކީގަ ވާދަވެރިކަމުގެ ތެރެއިން ވެސް ގޮސް އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަބުރަށް އަރައިގަންނަނީ. އެނޫން ކަންކަމުގެ ތެރޭގަވެސް އާއިލީ މައްސަލަތަކުގެ ތެރޭގަވެސް. އޮފީސް ތެރޭގަވެސް. ދެން މިހެން ގޮސް ކޮންމެ ކުޑަކުޑަ ޖަމާއަތެއް ތެރޭގަވެސް އެކަކު އަނެކަކުގެ އިންސާނީ ކަރާމާތަށް އަރައިގަންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ތަކުރާރުކޮށް މި ވާހަކަ ދެއްކެވުމަށްފަހު ރައީސް ވަނީ ކޮންމެ ދުވަހަކު ގުރުއާނަށް އަމަލުކޮށްގެން މެނުވީ ގެއްލިފައިވާ އިންސާނީ ކަރާމާތް އަލުން ނުހޯދޭނެ ކަމަށާއި ބަނދަރާއި މަގުތައް ތަރައްގީ ކުރިޔަސް ހިތާއި ސިކުނޑި ތަރައްގީ ނުވެ ގައުމު ކުރި ނާރާނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައިވާ ވާހަތައް ތަކުރާރުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ