بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ނިޢުމަތްތަކުގެވެރި اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރުކުރަން. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނު މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّم އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.
މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑޮކްޓަރ ޢަލީ ޙައިދަރު، އެ ވުޒާރާގެ އެންމެހައި އިސްވެރީން، އަދި މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރީން؛
السَّلامُ عَلَيْكُم.
އާދެ، މި ޖަލްސާއަކީ، ސަރުކާރުން ވަރަށް މުހިންމު އަމާޒުތަކަކަށް ވާޞިލްވުމަށްޓަކައި، މުހިންމު ހޯދުންތަކެއް ހޯދައި، އިޢުލާނު ކުރެވިގެންދިޔަ މުހިންމު ޖަލްސާއެއް. އަދި ޤައުމުގެ މުސްތަޤްބަލަށްޓަކައި މުހިންމު ސިޔާސަތުތަކެއް ކަނޑައެޅުމުގެ އަމާޒު ހިފިގެންދާ މުހިންމު ޖަލްސާއެއް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާމެދު ގެންގުޅުއްވާ އެންމެ މަތީ އުންމީދު، އާދެ ތަޞައްވުރަކީ، މީގެ 15 ވަރަކަށް އަހަރު ފަހުން، އާދެ، 2040 ވަނަ އަހަރު އަންނައިރު، ދިވެހިރާއްޖެ، ތަރައްޤީވެފައިވާ ޤައުމުތަކުގެ ގިންތިއަށް ގެންގޮސްދެއްވުން. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ތަރައްޤީގެ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ފުދުންތެރި، ވަރުގަދަ އިޤްތިޞާދެއް އޮތް، ރަށްވެހިކަމެއް އޮތް ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުން.
ރައީސުލްޖުމްހޫރިއްޔާގެ މި ޚާއްޞަ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެންމެ ބޮޑަށް މި ޤައުމަށް ބޭނުންވާ އެއްކަމަކީ، މޮޅަށް ކިޔަވައިގެން ތިބި، ހުނަރުވެރި، މަސައްކަތްތެރި ދިވެހީން ޤައުމުގައި އުފެދިގެންދިޔުން. އާމްދަނީ ލިބޭ މަސައްކަތްތަކުގައި ދިވެހީންގެ ބައިވެރިވުން އިތުރުވެގެންދިޔުން.
މި ޖަލްސާގައި ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ދިރާސާއާ ގުޅޭ ރިޕޯޓުގައި، މިކަމާ ގުޅުންހުރި ވަރަށް ގިނަ މަޢުލޫމާތު އަޅުގަނޑުމެންނަށް އެނގިގެން ގޮސްފި. ރާއްޖޭގައި ކުރަމުންދާ އިޤްތިޞާދީ އަދި އެކި މަސައްކަތްތަކުގައި މިހާރު ދިވެހީން ބައިވެރިވާ މިންވަރު، އެ ރިޕޯޓުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ.
އަދި އިޤްތިޞާދީ ތަފާތު މަސައްކަތްތަކުގައި، ވަޒީފާގެ ފުރުޞަތު އޮތް މިންވަރުވެސް އެ ރިޕޯޓުން ހާމަވެގެން ގޮސްފި. މިއީ ޙަޤީޤަތުގައި، ސަރުކާރުގެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި ވަރަށް މުހިންމު މަޢުލޫމާތަކަށް ވެގެންދާނެކަން ޔަޤީން.
އެހެންކަމުން، މިފަދަ ދިރާސާއެއް ކުރެއްވި ކަމަށްޓަކައި، މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއަށް، އަދި މި މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް، މުޅި ޓީމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޚާއްޞަ ޝުކުރެއް ދަންނަވަން.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަދި އެ ކެމްޕެއިން ތެރޭގައި، އަޅުގަނޑުމެން ހުށަހެޅި މެނިފެސްޓޯގައި، ވަޒީފާގެ ފުރުޞަތު ދިވެހީންނަށް ދޭންޖެހޭކަމުގެ އިސްކަމުގެ ވާހަކަ ދެކެވިގެންދިޔަ. އަދި ވަޒީފާއެއް ނެތް ދިވެއްސެއް ނުހުންނާނޭ މިންވަރަށް، މި ހިނގަމުންދާ ފަސް އަހަރުގެ ތެރޭގައި ވަޒީފާގެ ފުރުޞަތު ތަނަވަސްކުރެވޭނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޢުދެއްގެ ގޮތުގައި އިޢުލާނުވެސް ކުރެއްވި.
އެ އަމާޒަށް ދިޔުމަށްޓަކައި، މި ނިމިދިޔަ 18 މަސްދުވަހުގެ ތެރޭގައި، ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވައި، އެގޮތުން ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ ޚާއްޞަ ދާއިރާތަކެއް ކަނޑައަޅުއްވައި، ވަޒީރުންގެ މަޖިލީހުން ނިންމަވައި، މިހާރު އެވަނީ އެކަން އިޢުލާނުވެސް ކުރައްވާފައި.
ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ފަދަ ދިވެހީންގެ ޚިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް، ޚާއްޞަ ޢިނާޔަތްތައް ސަރުކާރުން މިހާރު އެދަނީ ތަޢާރުފް ކުރަމުން.
މަސައްކަތުގެ އަޚްލާޤްހުރި، ހީވާގި ހަރުދަނާ ދިވެހި ޖީލެއް ބިނާކުރުމަށްޓަކައި، ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް، ސަރުކާރުން މިހާރު އެވަނީ އިޢުލާނު ކުރައްވާފައި. މި ޕްރޮގްރާމުގެ ދަށުން، ސިފައިންގެ ޚިދުމަތަށް، ފުލުހުންގެ ޚިދުމަތަށް، އަދި މިނޫންވެސް ޤައުމީ ޚިދުމަތަށް ނުކުންނަން އެދޭ ޒުވާން ކުދީންނަށް، ޚާއްޞަ އެލަވަންސެއް ދީގެން، ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ސަރުކާރުން މިހާރު އެވަނީ ފަށްޓަވަން ތައްޔާރުވެފައި.
އާދެ، މި ހުރިހާ މަސައްކަތެއް، މި ފަސް އަހަރު ދުވަހު ތެރޭގައި ފެނިގެންދާނީ، އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބުކަމާއެކު.
މި ޖަލްސާގައި އިވިގެންދިޔަ ރިޕޯޓުގައި، ޓޫރިޒަމް، އިމާރާތްކުރުން ފަދަ މި ޤައުމުގައި ހުރި މުހިންމު ބޮޑެތި ޞިނާޢަތްތައް، ޑޮކްޓަރުންނާއި، ޓީޗަރުން ފަދަ އިންސާނީ ވަސީލަތް ގިނައިން ބޭނުންވާ ދާއިރާތަކުގެ ވަޒީފާގެ ޙާލަތާމެދުވެސް އަލިއަޅުވާލައިފި. އިރާދަކުރެއްވިއްޔާ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ޒަޢާމަތުގައި، މިނޫންވެސް އިތުރު ޞިނާޢަތްތައް ތަޢާރުފު ކުރެވިގެންދާނެ. އަދި އެ ޞިނާޢަތްތަކަށް މަސައްކަތްތެރި އަތްތަކާއި، ރޭވުންތެރި ސިކުނޑިތަކެއް ބޭނުންވެގެންދާނެ.
ސްޕެޝަލް އިކޮނޮމިކް ޒޯން ޤާއިމުކުރެވިގެން، އާ ބާވަތުގެ މަސައްކަތްތައް ރާއްޖެއަށް ފަށައިގަނެވިއްޖެ. އަދި އެކަމަށް ވަރަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުން އެބަ ގެންދޭ. އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރެވި، އެ މަސައްކަތްވެސް މިހާރު އެވަނީ ފެށިފައި.
ބަންކަރިންގގެ ޚިދުމަތް، ސީ ޓު އެއަރ ކާގޯގެ ޚިދުމަތް ފަދަ ކަންކަންވެސް މި ރާއްޖޭގައި އަލަށް ފެށިގެން ހިނގައްޖެ. އާދެ، އަޅުގަނޑުމެންގެ އުންމީދަކީ، ވީހާވެސް އަވަހަކަށް ޓްރާންސްޝިޕް ބަނދަރުވެސް ފެށިގެން ކުރިއަށްދިޔުން.
ދަނޑުވެރިކަމުގައިވެސް، ފުޑް ސެކިއުރިޓީއާ ގުޅޭ މަޝްރޫޢެއް ސަރުކާރުން މިހާރު އެވަނީ އިޢުލާނުކުރައްވާފައި. މީގެ އިތުރުން، މި އަހަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލްގެ ޚިދުމަތް ފެށުމާއެކު، އެއީވެސް އުފެދިގެންދާ އެތައް ސަތޭކަ ވަޒީފާ.
މި ހުރިހާ ކަމެއްގައިވެސް ޤައުމުގައި ކުރިއަށް ދާނީ ވަޒީފާތަކަށް ނުކުންނަ ހީވާގި އަދި ހުނަރުވެރި ދިވެހީން ގިނަވެގެން. އެހެންވީމާ، ޙަޤީޤަތުގައި ކުރިއަށް މިއޮތީ މި ޤައުމަށްޓަކައި ކުރަން ވަރަށް ގިނަ މަސައްކަތް. ހުރިހާ ރައްޔިތުންގެ ބައިވެރިވުން، ގުޅިގެން މި މަސައްކަތް ކާމިޔާބުކަމާއެކީގައި ކުރަން އެބަޖެހޭ.
ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ، ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. އެއީ، މި ޤައުމުގެ މާދަމާގެ ދަރީންގެ ޙައްޤުގައި އަޅުގަނޑުމެން އުފުލަންޖެހޭ ވާޖިބެއްވެސްމެ. އަޅުގަނޑުގެ އިލްތިމާސަކީ، މި ޒިންމާއާއި ވާޖިބު އަދާކުރުމުގައި، ދިވެހި ކޮންމެ ރައްޔިތަކުވެސް ބައިވެރިވެވަޑައިގަތުން. ސަރުކާރުން މި ފަހިކޮށްދޭ އާމްދަނީ ހޯދުމާއި، ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް.
ދިވެހިރާއްޖޭގެ ތަރައްޤީއާއި، މާދަމާގެ ކާމިޔާބީއަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާށި! ދިވެހިރާއްޖެއަށް ތަރައްޤީއާއި ތަމައްދުން އަބަދުމެ ލަހައްޓަވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ.
"ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް" ސަރވޭ ރިޕޯޓް ރަސްމީކޮށް ލޯންޗުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދެއްކެވި ވާހަކަފުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ