ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށްފަހު ހާމަކުރާނަން، ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅާނެ: ފަހުމީ
މާލެއާއި ހުޅުމާލޭ ދެ ފިޔަވަހިން ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން އެއްކޮށް ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް ފަހު ހާމަކުރާނެ ކަމަށާއި، އެ މައްސަލަ ތަކުރާރު ނުވާނެހެން ސްޓެލްކޯއިން ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ. ކަރަންޓު ވިއުގައަކުން ގުޅުވައިފައިވާ، މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހިން އެއް ފަހަރާ ކަރަންޓު ކެނޑުނީ މިއަދު 12:35 އެހާކަންހާއިރެވެ. އެއަށްފަހު ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭވަރުވީ ހަ ގަޑިއިރު ފަހުން، 18:30ހާއިރެވެ. އެ މައްސަލައާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭނާ ވަނީ، ކަރަންޓު އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. "މީގެ އިތުރުން، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. އަދި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދެން،" ފަހުމީ ލިޔުއްވާފައިވެއެވެ. https://x.com/HussainFahmy09/status/1929172761559302588 އޭނާ ވަނީ އެ މައްސަލަ މެދުވެރިވި ސަބަބު ދެނަގަނެ، އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ސްޓެލްކޯއިން ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ، އެހާތަނަށް ބެލިބެލުމުން އެ ކުންފުނީގެ ބޮޑު އިކުއިޕްމެންޓަކަށް ގެއްލުންވެފައިވާ ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. އަދި މުޅި މާލެއަށް އެއްކޮށް ކަރަންޓު ކެނޑެނީ މަދުންކަން ފާހަގަކޮށް، ދެންވެސް އެފަދަ 'ޓޯޓަލް ބްލެކްއައުޓް'އެއް އައުމަކީ ނާދިރު ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގަވައިފައެވެ. އެހެންވެ، ފުލުހުން ތަހުގީގެއް ފަށައިފައިވާއިރު، އެ މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ