'ޕްރިންސް'އާ ބެހޭ ގޮތުން ސުވާލުކުރަން ފޮރިން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް'އާ ބެހޭގޮތުން ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި އެކަމާ ބެހޭގޮތުން ސުވާލުކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް މިއަދު ހުށަހަޅައިފިއެވެ. އެފަދައިން ހުށަހަޅާފައި ވަނީ، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް'އަކާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރާއި އާންމުކުރި ފޮޓޯތައް ވެސް އެ ވެބްސައިޓުން 'ގެއްލިފައި'ވަނިކޮށެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް -- ފޮޓޯ/ ފޮރިން މިނިސްޓްރީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި 'ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް'ގައި ވަނީ ތިން ސުވާލެއް މިނިސްޓަރާ ކުރުމަށް ހުށަހަޅައިފައެވެ. އެއީ: ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ 'ޕްރިންސް' ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ؟ އަދި އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ؟ އެ ފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ޚިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟ https://x.com/MickailNaseem/status/1929434458979012912 ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މިދިޔަ މަހު ފަސްވަނަ ދުވަހެވެ. ނަމަވެސް. އެ ބައްދަލުވުމާ ބެހޭގޮތުން ރައީސް އޮފީހުގައި ޝާއިއުކުރި ޚަބަރު ގެއްލިފައިވާކަން މީޑިއާތަކުގެ ސަމާލުކަމަށް އައީ މިދިޔަ ހުކުރު ދުވަހެވެ. އޭރު އެ ޚަބަރު އާންމުކުރުމާ އެކު ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ މީހާއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ 'ޕްރިންސް'އެއް ނޫން ކަމަށް ގިނަ ބަޔަކު ބުންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެއީ 'ސްކޭމަރެއް' ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުވިދާޅުވެފައެވެ. https://sun.mv/206700 'ސަން'އިން ބެލިބެލުމުން އެނގުނު ގޮތުގައި ފަހަދްގެ މުނިމާމައަކީ މައިފުށުގެ ގޮތުން ސައުދީގެ ފުރަތަމަ ރަސްގެފާނު އާލްސުއޫދުގެ ބޭކަނބަލެކެވެ. އެހެންވެ، އޭނާއަކީ ރަސްގެފާނު އާލްސުއޫދުގެ މުނިކާފަ ދަރިކަލެކެވެ. އެކަމަކު، 'ޕްރިންސް'ގެ ލަގަބު ސައުދީގައި ލިބެނީ ފިރިހެން ދަރިފަސްކޮޅަށެވެ. އެހެންވެ، ފަހަދަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވި ނަމަވެސް 'ޕްރިންސް'އެއް ނޫނެވެ. އަދި، ވެރިކަން ކުރާ ފިރިހެން ދަރިފަސްކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާއަކީ ސައުދީގެ ވެރިކަމުގައި ރަސްމީ ހައިސިއްޔަތެއް ވެސް އޮތް ބޭފުޅެއް ނޫނެވެ. އެ ގައުމުގެ ޝާހީ އާއިލާގައި 25،000 އެއްހައި މެންބަރުން ތިބެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސްގެ ދެކަނބަލުން މި ވަގުތު ތިއްބެވީ، ސައުދީ ސަރުކާރުގެ ޚާއްސަ މެހެމާންދާރީގެ ދަށުން ޙައްޖަށް ވަޑައިގެން މައްކާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ