ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސަސްޕެންޝަން އިތުރުކުރަން ނިންމައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަން އިތުރުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މާދަމާއިން ފެށިގެން މުއްދަތެއް ނެތް ގޮތަށް، އިސްމެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި މިވަނީ، އޭނާ މިހާރު ސަސްޕެންޑްގައި ހުރި މައްސަލަ ނޫން އެހެން މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައަކީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅައި، މެސެޖުކޮށް ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ، އިސްމެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ހުސްވި ޖޫން މަހުގެ 21 ވަނަ ދުވަހު ނަގާފައިވާ ބަޔާނަށް ރިއާޔަތްކުރުމަށްފަހު، ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ރިއާޔަތްކޮށް، މާދަމާއިން ފަށައިގެން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އިސްމެޖިސްޓްރޭޓް އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.
އިސްމެޖިސްޓްރޭޓް އަލީ އާދަމް މިހާރުވެސް ހުންނެވީ ޖޭއެސްސީން ބަލަމުންދާ ހަމަ އެ ބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން މި އަހަރުގެ މެއި 25 ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ސަސްޕެންޑް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ