ސިނަމާލެ 4އިން ފްލެޓު އަމިއްލަ ކުރަން ބޭނުންވާ މީހުން ދައްކަންޖެހޭ ޖޫރިމަނާ މަޢާފުކޮށްދީފި

ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެކުން ފްލެޓު އަމިއްލަ ކުރަން ބޭނުންވާ މީހުން ދައްކަންޖެހޭ ޖޫރިމަނާ މިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީން މަޢާފުކޮށްދީފިއެވެ. އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މާލޭސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު މުއިއްޒަށް ފޮނުވި ސިޓީއެއްގައި ވަނީ، ސިނަމާލެ ހަތަރެކުން ފްލެޓު އަމިއްލަ ކުރަން ބޭނުންވާ މީހުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 540,945 ރުފިޔާއަކީ ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމަށް ކަނޑައަޅައި ދިނުމަށް ސިޓީ ކައުންސިލުން އެދިފައި ވާކަމަށެވެ. އެހެންކަމުން، ރައީސް އޮފީހުން އެކަމުގެ ހުއްދަ މިމަހުގެ 10ވަނަ ދުވަހު ދީފައިވާކަމަށް އެ ސިޓީގައިވެއެވެ. އަދި އެ ހުއްދައާ އެއްގޮތަށް، ޖޫރިމަނާގެ ފައިސާ މަޢާފުކޮށްދިނުމަށް "ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ކަނޑައަޅާ ދޫކޮށްލުމުގައި ޢަމަލު ކުރާނެ އުސޫލު"ގައިވާ ގޮތުގެ މަތިން، ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމުގައި އެ ޖޫރިމަނާ ކަނޑައަޅައިފިކަމަށް އެ ސިޓީގައި ވެއެވެ. މިކަމާ ގުޅިގެން ވިލިމާލޭގެ ކައުންސިލަރު ނަހުލާ ޢަލީ "ސަން"އަށް ވިދާޅުވީ 18 އަހަރު ވީއިރު، އެއްވެސް ސަރުކާރަކުން ވެސް ހައުސިން މިނިސްޓްރީއަކުން ވެސް އަދި އެއްވެސް މަޖިލިސް މެމްބަރަކު ވެސް މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ސިނަމާލެ ހަތަރެކުން ފްލެޓު އަމިއްލަ ކުރަން ބޭނުންވާ މީހުން ދައްކަންޖެހޭ ޖޫރިމަނާ މަޢާފްކޮށް ދިނުމުން ނަހުލާ ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މި މައްސަލައިގައި ސިޓީ ކައުންސިލުން ދިން އެއްބާރުލުން ފާހަގަކުރައްވާ ނަހުލާ ވަނީ ސިޓީކައުންސިލަށް ވެސް ޝުކުރުއަދާ ކުރައްވާފައެވެ. "އެހެން ނަމަވެސް އަޅުގަނޑުގެ ވަރަށް ބުރަ މަސައްކަތް މިކަމުގަ އެބަހުރި. ވިލިމާލޭގަ މި ފްލެޓަށް ނިސްބަތްވެ ވަޑައިގަންނަވާ 33 އާއިލާއަށް އެނގިލައްވާނެ އެބޭފުޅުންނާ އަޅުގަނޑު ގަވާއިދުން ބައްދަލުކުރަން،" އޭނާ ވިދާޅުވިއެވެ. ނަހުލާ ވިދާޅުވީ ވިލިމާލެ ރައްޔިތުންގެ ތެރެއިން ފްލެޓު އަމިއްލަކުރަން ބޭނުންވާ މީހުންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަކީ އޭނާގެ ކެމްޕެއިން ވައުދެއްކަމަށެވެ. އަދި އެކަމުގައި އޭނާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައިގައި ޕީޕީއެމުން އޭނާއަށް 8 މަސް ދުވަހުގެ ސަސްޕެންޝަނެއް ވެސް ދިންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާދަމާ ހަވީރު ސިނަމާލެ ހަތަރެއް ސަރަހައްދުގައި ސައެއް ވެސް އޮންނާނެކަމަށް ނަހުލާ ވިދާޅުވިއެވެ. "އެއީ ހަމަ އަޅުގަނޑު އެމީހުންގެ އުފަލުގަ ބައިވެރިވާން ބޭނުންވޭ. އަޅުގަނޑު ވެސް ވަރަށް އުފާވޭ އަޅުގަނޑު ކުރި މަސައްކަތުގަ ހަމަ ކާބިޔާބު ލިބުނީމަ،" އޭނާ ވިދާޅުވިއެވެ. ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއް ފްލެޓްތަކުގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މާލޭގައި ހުންނަ ސިނަމާލެ 1،2،3 އަދި މާލެ ހިޔާ 1،2ގެ ޖޫރިމަނާ ވެސް މަޢާފުކޮށްދިނުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ