މުސާރަތައް ހާމަނުކުރަން ސްޓެލްކޯއިން ހުށަހެޅި މައްސަލަ ލޯޔަރުން ހާޒިރުނުވުމުން ކޯޓުން ބޭރުކޮށްލައިފި

ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެ މައުލޫމާތު ނުދިނުމަށް ހައިކޯޓަށް ސްޓެލްކޯއިން ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް އެ ކުންފުނީގެ ޤާނޫނީ ވަކީލުން ހާޒިރުނުވުމުން އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
މި މައުލޫމާތު ހޯދުމަށް އެދުނު އައިމަން ލަތީފު (ޕިކޯ) ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުސާރައިގެ ތަފުސީލުތައް ހޯދުމަށް އޭނާ ހުށަހެޅިތާ 800 އަށްވުރެ ގިނަ ދުވަސް ފާއިތުވިފައިވާ ކަމަށެވެ. އެ މައުލޫމާތު ނުދީ ސިއްރުކުރަން އެ ކުންފުނީގެ ވަކީލުންނާއި ކުންފުނިން މަސައްކަތްކުރާތާ 2 އަހަރު ދުވަސްވެފައިވާކަން އޭނާ ފާހަގަކުރިއެވެ.
އަދި އެ މައުލޫމާތަކީ ދޭންޖެހޭނެ މައުލޫމާތެއްކަމަށް 2021 ވަނަ އަހަރުގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުން އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށް އައިމަން ބުންޏެވެ.
ސްޓެލްކޯގެ މުވައްޒަފުންނާއި ވެރިންގެ މުސާރަތައް ސިއްރުކުރުމަށް އެ ކުންފުނިން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި އޮތީ ފާއިތުވި ބުރާސްފަތިދުވަހަށް ކަމަށް އައިމަން ބުންޏެވެ. ނަމަވެސް އަޑުއެހުން ފަށަން އޮތް ވަގުތު ޖެހުނުއިރުވެސް ސްޓެލްކޯގެ ލޯޔަރުން އެ އަޑުއެހުމަށް ހާޒިރުނުވެއެވެ.
ވަކީލުން ހާޒިރުނުވުމުގެ ސަބަބުން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވަނީ އެ ދައުވާ ފޯމު ބާތިލުކޮށް މައްސަލަ ކޯޓުން ބޭރުކުރުމަށެވެ.
މިވަގުތު ސްޓެލްކޯގެ ޤާނޫނީ ޔުނިޓުގެ ވެރިއަކަށް ހުންނެވީ ކުރިން ސިވިލް ކޯޓުގެ ޤާޟީކަން ކުރެއްވި މުޙައްމަދު ޙަލީމް (ޙަލީމް ބާއީ)އެވެ. އޭނާ މިދުވަސްކޮޅު އުޅުއްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައެވެ. އެ ކެމްޕޭނުގައި އަތޮޅު ތެރޭ ބައެއް ރަށްތަކަށް ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފާއެކު ދަތުރުކުރައްވައެވެ.
ލަންކާގެ ކެސިނޯއެއްގައި ޙަލީމް ޖުވާކުޅެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް މީގެ ދުވަސްކޮޅެއް ކުރިން މީސްމީޑިއާގައި އާންމުވެފައިވީ ނަމަވެސް އޭނާއާމެދު ސްޓެލްކޯއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ