ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން 500 މިލިއަން ރުފިޔާ ބަޖެޓް ކޮށްފި

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން، އެ ދާއިރާގެ މުވައްޒަފުންނަށް ކުރާ ހަރަދު 17.5 ޕަސެންޓަށް އިތުރުކޮށް އަންނަ އަހަރަށް ލަފަކުރާ ބަޖެޓުގައި ހިމަނައިފިއެވެ.
މިއަދު ރައްޔިތުން މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްވެވި ބަޖެޓުގައި ވިދާޅުވީ ދެން އެންމެ އަވަހަށް އެއްހަމަ ކުރާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެލައްވާހެން ސިއްހީ ދާއިރާގެ މުސާރަތަައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 42.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު 5.02 ބިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ވަނީ ހާއްސަ ކޮށްފައެވެ. އެއީ މިއަހަރާ އަޅާ ބަލާއިރު 530 މިލިއަން އިތުރު އަދަދެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސިއްހީ ދާއިރާއަށް 1000 މުވައްޒަފުން އިތުރުކުރަން ވެސް ވަނީ ހިމަނާފައެވެ.
ސިއްހީ ދާއިރާގެ ބަޖެޓް ބެހިގެންވާ ގޮތަށް ބަލާއިރު 2.5 ބިލިއަން ރުފިޔާ މުވައްޒަފުންނަށް ހިނގާ ހަރަދަށް ކަނޑައަޅާފައިވާއިރު މެޑިކަލް ސަޕްލައި އަދި ކޮންސިއުމަބަލްސްއަށް 995 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި 551 މިލިއަން ރުފިޔާ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލް އިމާރާތްތައް އެޅުމަށް ކަނޑައަޅާފައިވާއިރު ހޮސްޕިޓަލްތަކުގެ ހިންގުމުގެ ހަރަދަށް ކަނޑައަޅާފައިވަނީ 418 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓާޝަރީ ހޮސްޕިޓަލް ގާއިމްކުރަން 73 މިލިއަން ރުފިޔާ އަދި ލ. ގަމު ކެންސަރު ހޮސްޕިޓަލަށް 54 މިލިއަން ރުފިޔާ ވަނީ ކަނޑައަޅަފާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ