ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމްވޭޖް ދެވޭނީ ބޯޑުން ދޭ ލަފާގެ މަތިން: މެމްބަރު ޖަމްޝީދު

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދޭ ލަފާގެ މަތިން މިނިސްޓަރު އާންމުކުރާ ތާރީޚެއްގައި ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމްވޭޖް ދިނުމަށް ލާޒިމްކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ މަގްސަދަކީ ވަޒީފާގެ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަ އުޖޫރަ ދޭންޖެހޭ ކަނޑައެޅުން މިނިސްޓަރު ކުރާ އަމުރަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން އެކަން ކުރެވެން ނެތުމުގެ ސަބަބުން އެކަން އަލުން މުރާޖާ ކުރުމެވެ.
ބިދޭސީ މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުންދޭން ޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރާ އަމުރަށް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރުމަށް ލާޒިމްކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމަށާއި އެކަން ކުރާނެ ތާރީޚެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި އެކަންކުރުމަށް ލާޒިމްކުރާނީ ރާއްޖޭގެ އިގްތިސާދީ ހަލަތާއި ގައުމުގެ ފުދުންތެރިކަމަށް ރިޢާޔަތްކޮށް މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން ދޭ ލަފާގެ މަތިން މިނިސްޓަރު އާންމުކުރާ ތާރީޚެއްގައި ކަމަށް މެމްބަރު ހުށަހެޅުއްވި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިނިމަމް ވޭޖު ދިނުން މަޖުބޫރުކޮށް، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރީ 2020 ވަނަ އަހަރުގައެވެ. އެ ގާނޫނުގެ ދަށުން ސަރުކާރުން މިނިމަމްވޭޖެއް ކަނޑައަޅައި އެއަށް އަމަލު ކުރަން ފެށީ ޖެނުއަރީ 2021 ގައެވެ.
އެ ގާނޫނުގައި ބުނާ ގޮތުން، ކުންފުނީގައި މަސައްކަތްކުރާ މީހަކީ ބިދޭސީއެއް ނަމަ ސަރުކާރުން ކަނޑައަޅާ މިނިމަމްވޭޖަށް އަމަލު ކުރަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރު ފަހުންނެވެ.
އެކަމަކު ސަރުކާރުން މިހާރު ބޭނުންވަނީ ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ރާއްޖެއަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ، ބިދޭސީ މުވައްޒަފުންނަށް މިނިމަމްވޭޖުގައި މުސާރަ ދިނުމަށް އެ ގާނޫނުން ލާޒިމް ކޮށްފައިވާ މުއްދަތު ފަސް ކުރުމަށެވެ.
މި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ހުށަހަޅައި ބިލުގެ ފުރަތަމަ ކިޔުން ވެސް ވަނީ އިއްވައިފައެވެ.
ބިލު ހުށަހެޅި ސަބަބެއް ކަމަށް ސަރުކާރުން ބުނީ، މިހާރު ގާނޫނު އޮތް ގޮތުން މިމަހުގެ 22 އިން ފެށިގެން ބިދޭސީންނަށް މިނިމަމް ވޭޖުގެ ދަށުން މުސާރަ ދޭން ޖެހޭތީ އެ މުއްދަތު ފަސްކުރުމަށެވެ.
ވަޒީފާ އާ ބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) އަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނާ ގޮތުން ބިދޭސީއެއް ނަމަ މިނިމަމްވޭޖް ދޭން ޖެހޭނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް، އެޑްވައިޒަރީ ބޯޑުން ދޭ ލަފާގެ މަތިން ސަރުކާރުން ކަނޑައަޅާ ތާރީހަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ