ބަތްކައްކާ ކުޅޭ، ދެއުޅިއެއް ނުވާ ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތް: ރައީސް

ރާއްޖޭގައި މިވަގުތު އިދިކޮޅުގައި ތިބީ އެެއްވެސް ޒިންމާދާރު ކަމެއް ނެތް، ސަކަރާތް ޖަހާ ބައެއް ކަމަށާއި، އެފަދަ ބަޔަކު އިދިކޮޅުގައި ތިބެގެން ދިވެހި ގައުމަަށް އެއްވެސް ފަައިދާއެއް ނުކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް އެމަނިކުފާނުގެ އަބުރު ކަތިލުމަށް މަސައްކަތް ކުރަމުންދަނީ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔެން ނެތުމުން ކަމުގައި ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަބުރު ކަތިލުމަށްޓަކައި ތެދުބަހުން އެއްވެސް ޑޮކިއުމެންޓްރީއެއް ނުހެދޭނެ ކަމަށާއި، ހަދަން ޖެހޭނީ ދޮގު ޑޮކިއުމެންޓްރީ ކަމަށެވެ.
”އަޅުގަނޑުމެން އެންމެން ދުޢާ ކުރަންވީ، މިތަނަށް ޒިންމާދާރު އޮޕޮޒިޝަނެއް އަންނާނެ ދުވަހަކަށް. މިއުޅޭ ބަތް ކައްކާ ކުޅޭ، މިގޮތަށް ސަކަރާތް ޖަހާ، ދެއުޅިއެއްނުވާ ފަރާތްތަކެއް އޮޕޮޒިޝަނުގައި އޮވެގެން ގައުމަށް ވާނެ ފައިދާއެއް ނެތް.“ ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގައި މުޅިން ވެސް އޮތީ އަމިއްލަ އެދުން ކަމަށާއި، އެކަކު އަނެކަކަށް އިހުލާސްތެރިވުމާއި، ގައުމު އިސްކުރުން އަމުދުން ނެތް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް އިސް ކުރަނީ ގައުމު ކަމަށާއި، ބޭނުންފުޅުވެލައްވަނީ، އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްގެން ރައްޔިތުން އެދޭ ނަތީޖާ ނެރެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ