ސަރުކާރަށް ފާޑުވިދާޅުވަނީ ބޭނުންވި ވަޒީރުކަން ނުލިބުމުން ކަމަށް ވިދާޅުވެ ޝުޖާއު ނަޝީދަށް ރައްދު ދީފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ގާބިލުކަމާ މެދު ސުވާލު އުފައްދަވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ރައްދު ދެއްވައިފި އެވެ. ޝުޖާއު ވިދާޅުވީ ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް ވަޒީރުކަން ނުލިބުމުން ކަމަށެވެ. އެއީ ސީދާ ރައީސް ނަޝީދަށްތޯ ނުވަތަ ޑިމޮކްރެޓްސްއަށް ހޯއްދަވަން އުޅުއްވި ފުރުސަތެއްތޯ ޝުޖާއު ތަފްސީލުކޮށް ވިދާޅެއް ނުވެ އެވެ.
ޕީއެންސީ ހަރުގޭގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މިހާރުގެ ސަރުކާރު ގެނައުމަށްޓަކައި ރައީސް ނަޝީދު އަމަލީ ގޮތުން މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ވެރިކަން ބަދަލުކުރުމަށް ޕީޕީއެމް އާއި ޕީއެންސީން ކުރަމުންދިޔަ މަސައްކަތުގައި ބައިވެރިވާން ބޭނުންފުޅުވާކަމުގެ މެސެޖު ފޮނުއްވި ކަމަށް ޝުޖާއު ހާމަކުރެއްވި އެވެ. އެ ވަގުތު އިދިކޮޅު ކޯލިޝަނުން އެކަމަށް މަރުހަބާ ކިޔާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝުޖާއު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރު އެކުލަވައިލުމުގެ މަރުހަލާގައި ނަޝީދުގެ ފަރާތްޕުޅުން ވަނީ ވަޒީރުކަން ދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ސަރުކާރުން ނިންމެވީ އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް މަގާމުތައް ނުދިނުމަށެވެ. ނަޝީދު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ އެ ނިންމުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުމެއްގެ ނަތީޖާ ކަމަށް ޝުޖާއު ސިފަކުރެއްވި އެވެ.
މި ސަރުކާރުގެ ގާބިލުކަމާ މެދު ނަޝީދު މީގެ ކުރިން ތައުރީފު ކުރައްވާފައިވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގެ އެއް ދުވަސް ކުރިން ވެސް ނަޝީދު ސަރުކާރަށް ސަނާ ކިޔުއްވި ކަމަށެވެ. އެގޮތުން ރާއްޖެއިން ދައްކަންޖެހޭ ސުކޫކުގެ ފައިސާ ދެއްކުމާ ގުޅިގެން، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ތައުރީފު ކުރައްވައި އެމަނިކުފާނު އެކްސްގައި ޕޯސްޓެއް ކުރެއްވިކަން ޝުޖާއު ހަނދާންކޮށްދެއްވި އެވެ.
އެހެންކަމުން، ކުއްލިއަކަށް ރައީސް މުއިއްޒަކީ ގާބިލު ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކަކީ އެއްވެސް އަސާސެއް ނެތް، ސިޔާސީ މަގްސަދެއްގައި ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ނަޝީދު ގެންދަވަނީ ރައީސް މުއިއްޒުގެ ސަރުކާރު ހިންގުމުގެ ގާބިލުކަމާ މެދު ސުވާލު އުފައްދަވައި، ގައުމުގެ ހާލަތު ގޯސްވަމުންދާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މުއިއްޒު ވެރިކަމުން ބާލާނޭ ކަމަށް ވެސް ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވިދާޅުވި އެވެ. ޝުޖާއުގެ މި ރައްދަކީ އެ ވާހަކަފުޅުތަކާ ގުޅިގެން ސަރުކާރު ކޯލިޝަނުގެ އިސް މެންބަރެއްގެ ފަރާތުން އައި ފުރަތަމަ ރައްދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ