ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރަން އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް 23 މެންބަރަކާ އެކު ސޮއިކުރުމަށް ތައްޔާރުވަމުންދާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ މާލޭގައި ބޭއްވި ނަޝީދު އެމްޑީޕީ ޗެއާޕާސަން ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ނާޒިމާއެކު 23 މެންބަރަކު ޕާޓީ ބަދަލު ކުރަން އުޅޭތީ ކަމަށެވެ.
"މަޖިލިސް ނައިބު ރައީސް ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅުއްވައިފި. އަޅުގަނޑުމެން ކައިރީ އަދި ވިދާޅެއް ނުވޭ ނާޒިމްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އާއި އެ ބޭފުޅާގެ ޕާޓީގެ އިތުބާރު މި ދަރަޖައަކަށް ގެއްލިގެން މިއުޅޭ ސަބަބެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑަށް އެނގޭ އެއީ [ޕީއެންސީގެ] 23 ރައްޔިތުންގެ މަޖިލިސް މެންބަރުން ރޮނގު ހުރަސް ކުރާތީ."
ނާޒިމު ވަކިކުރުމުގެ މައްސަލައގެ ގަރާރު ޕީއެންސީން މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، އެ މައްސަލައިގައި އޭނަ އަށް ޖަވާބުދާރީވާން 10 މިނިޓް ދޭން މި މަހުގެ 20 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، މި މަހު 15 އަށް ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ވަނީ ދިގު ދަންމާލައިފަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި މި މައްސަލައިގައި ޖަލްސާއެއް ބާއްވައި ގޮތެއް ނިންމާނެ އެވެ.
ނާޒިމް ވަކިކުރަނީ ރައީސް މުއިއްޒު ވަކިކުރަން އުޅޭތީ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ