ހޭދަކުރުމުގައި އިގްތިސާދުކުރުން
މިހަފްތާގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ހޭދަކުރުމުގައި އިގްތިސާދުކުރުން" މި މައުޟޫއަށެވެ.ހުތުބާގައި ބުނީ، މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ.އެހެންކަމުން އެ މުދާ ހޯދުމުގައި ޝަރުއީ މިންގަނޑުތަކަށް ރިއާޔަތްކުރަންވާނެ ކަމަށާއި، ހަމަ އެހެންމެ މުދާ ލިބުމަށްފަހު އެ މުދާ ހޭދަކުރުމުގައިވެސް ޝަރުއީ މިންގަނޑުތަކަށް ރައްކާތެރިވާންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.އަދި މުދާ ހޯދާއިރު ހިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތު ދިނުމާއި، ޓެކުމާއި، ރިބާގެ މުއާމާލާތް ކުރުމާއި، ޖުވާކުޅުންފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަންކަން ކަމުގައި ހުތުބާގައި ބުންޏެވެ.މުދާ ލިބުމަށްފަހު މުދަލަށް ގެއްލުން ދިނުމާއި މުދާ ހަލާކުކުރުމާއި ބޭކާރު ގޮތުގައި މުދާ ބޭނުންކުރުމަކީ ހުއްދަކަމެއް ނޫންކަން ވަނީ ބުނެދީފައެވެ. އަދި މުދާ ހޯދުމަށްފަހު އެއިން އެއްވެސް ބޭނުމެއްނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެ ކަމަށާއި ބޭނުންވާ ވަރަށްވުރެ އިތުރަށް މުދާ ގަތުންފަދަ ކަންކަމުން ދުރުވާންޖެހޭ ކަމަށް ހުތުބާގައި ބުނެދިނެވެ. އަދި އިތުރަށް ގަންނަ މުދާ ބޭނުން ނުކޮށް ހުރެ އުކައިލާން ޖެހޭ ހާލަތުތައް އަންނަކަން ފާހަގަކޮށް، އެ ކަންތައްތަކާމެދު ވިސްނައި އަހަރެމެންގެ އަމަލުތައް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ސީދާކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު އޭގައި އެހެން މީހުންގެ ހައްގުތައްވެސް މާތްﷲ ލައްވަވާފައިވާ ކަމަށާއި ތިމާއަށް ދެއްވާފައިވާ މުދަލުގައި ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންގެ އިތުރުން ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ހައްގުތައްވެސް ވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތްތަކާމެދު ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަންވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.މީގެ އިތުރުން ލިބޭ އެއްޗަކުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައި، އޭގެއިން ބައެއް ފަހަށް ރައްކާކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. މިގޮތަށް އަމަލުކުރުމުން އިޖުތިމާއީ ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި އާއިލާއަށް އުފާވެރިކަން ލިބޭނެކަންވެސް ހުތުބާގައި ބުނެދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ