ސަރުކާރުން މަޝްވަރާގެ މޭޒުދޮށަށް އަންނަންދެން، އިދިކޮޅު އެމްޑީޕީން މާލޭގައި ކުރަމުންދާ ސިލްސިލާ އިހުތިޖާޖުތައް ހުއްޓާނުލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، މަޝްވަރާގެ މޭޒަށް އައުމަށް މީގެ ކުރިން އެމަނިކުފާނު ގޮވާލުމުން އެގޮތަށް އަމަލު ކުރަން ނުޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. ސިޔާސީ ގޮތުން މަޝްވަރާ ކުރުމަށް ދެކޮޅު ހައްދަވައި، މިދިޔަ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކުރިޔަށް ދާނީ ފަސް އަހަރަށް ހަވާލު ކުރެވިފައިވާ މެންޑޭޓުގެ ތެރެއިން މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި ކަމަށެވެ.
ސިޔާސީ ގޮތުން ވަކިވަކި ޑިމާންޑުތައް ފުރިހަމަ ކުރުމަކީ، އެމަނިކުފާނާއި ރައްޔިތުން ހަވާލު ކުރި ޒިންމާއެއް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު ދެކޮޅު ހެއްދެވުމުން، ރައީސް ނަޝީދު ވަނީ މުޒާހަރާއަށް ނިކުމެވަޑައިގެން ދެން މި ހަރަކާތްތައް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ފުރަތަމަ ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މިހާރު އޮތީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށެވެ.
ތަކެތީގެ އަގު އުފުލި، ޑޮލަރުގެ އަގު ބޮޑުވެ، ވަޒީފާގެ ފުރުސަތުތައް ހަނިވަމުންދިއުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ހާލަތުން އަރައިގަތުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި، އެއީ އެންމެންގެ ޒިންމާއެއް ކަމަށެވެ.
އިންތިހާބުގެ ނަތީޖާއަށް ފަހު ކޮންމެ ރެއަކު ކުރިޔަށް ގެންދާ މުޒާހަރާތައް ގުޅިފައި ވަނީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ވޯޓުން ރައްޔިތުން ދިން މެސެޖަށެވެ. އިންތިހާބުތަކުން ރައްޔިތުން ސަރުކާރަށް ބުނެދިނީ، މިއީ ތާއީދެއް ނެތް ސަރުކާރެއްގެ ގޮތުގައިކަމަށް ރައީސް ނަޝީދު ވިދަޅުވި އެވެ. އަދި ހާއްސަކޮށް ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމައި މެދު ނެގި ވޯޓުން ސަރުކާރު ބޮޑުތަނުން ބަލިވުމަކީ، ސަރުކާރުގެ ބަހަށް ރައްޔިތުންގެ ”އާނ“ ބަސް ނެތުންކަމަށް ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ބަދަލުތައް ސާފުކަމަށާއި، އެމްޑީޕީ ބޭނުން ވަނީ ރައްޔިތުން އެދޭ ކަންކަން ވުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ. ނޫނީ އަޅުގަނޑުމެން ތާއަބަދު މި މަސައްކަތުގައި މަގުމަތީގައި ދެމިތިބޭނަން. ރައީސް މުއިއްޒާއި ސަރުކާރު މަޝްވަރާއަށް އަންނަންދެން މި ހަރަކާތް ރާއްޖޭގެ އެކި ރަށްރަށަށް ވެސް ފުޅާކުރާނަން
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ފެހި ގާނޫނުއަސާސީއަށް 18 އަހަރުވީއިރު ވެސް ރައްޔިތުންގެ އުއްމީދުތައް ހާސިލު ނުވަނީ ވެރިކަން ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ދައުލަތުގެ ތެރޭގައި އިސްރާފާއި ކޮރަޕްޝަން އިތުރު ވަނީ މި އޮނިގަނޑުގެ ސަބަބުންކަމަށް ވާތީ، އެމަނިކުފާނުގެ ފަރާތުން ހުށަހަޅާ ”ބޮޑު ބަދަލު“ ތަންފީޒު ވާންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޝްވަރާއަށް ރައީސް ދެކޮޅު ހެދުމުން ނަޝީދުގެ ރައްދު؛ ރައްޔިތުން ބޭނުންވާ ގޮތް ސާފު، މިކަން ހުއްޓާ ނުލާނަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ