ކޮންގޯގައި އެބޯލާ ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދިއުމުގެ ސަބަބުން ނުހަނު ކަންބޮޑުވާންޖެހޭ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް، ސިއްހީ ކަންކަމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޗެރިޓީ، މެޑިސިންސް ސެންސް ފްރޮންޓިއާސް (އެމްއެސްއެފް) އިން އިއްޔެ ބުނެފި އެވެ.
މި ބަލިމަޑުކަން އިއުލާންކުރިތާ ދެ ހަފުތާގެ ތެރޭގައި، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު 1،000އަށް ވުރެ މައްޗަށް ގޮސް، މަރުވި މީހުންގެ އަދަދު މަދުވެގެން 246އަށް ވަނީ އަރާފަ އެވެ.
އެމްއެސްއެފްގެ ޑެޕިއުޓީ ޑިރެކްޓަރު އެލަން ގޮންޒާލެސް ވިދާޅުވީ، މި ބަލިމަޑުކަން ފެތުރެމުންދާ ހަލުވިމިނަކީ މީގެ ކުރިން ދުވަހަކު ވެސް ފެނިފައިނުވާ ފަދަ ބާރުމިނެއް ކަމަށެވެ.
"މީގެ ކުރިން ދުވަހަކު ވެސް އެބޯލާގެ ބަލިމަޑުކަމެއް އިއުލާންކުރިތާ މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ކޭސްތަކެއް ރެކޯޑް ކުރެވިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ސިއްހީ ހިދުމަތްތެރިންނަށް ފެންނަމުންދަނީ ބަލި ފެތުރެމުންދާ ހަލުވިމިނާ އެއްވަރަށް ފިޔަވަޅުތައް ނޭޅި ލަސްވަމުންދާ މަންޒަރު ކަމަށް ވެސް އޭނާ އިންޒާރު ދެއްވި އެވެ.
މި ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެމުންދަނީ އިތޫރީ ޕްރޮވިންސްގަ އެވެ. ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ބެއްލެވުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗުއޯ)ގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔޭސޫސް އިއްޔެ އެ ސަރަހައްދަށް ޒިޔާރަތް ކުރެއްވި އެވެ.
ޓެޑްރޮސް ވަނީ ވައިރަހާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އާންމު މުޖުތަމައުން މިއަށް ވުރެ ބޮޑު ދައުރެއް އަދާކުރުމަށް ގޮވާލައްވާފަ އެވެ. އަދި މަރުވާ މީހުންގެ ހަށިގަނޑާ ކައިރިވެ އަތްލާ ހެދުން ފަދަ ޖަނާޒާގެ އާދަކާދަތަކުގެ ސަބަބުން ބަލި ފެތުރުން އިތުރަށް ހަލުވިވެދާނެ ކަމުގެ އިންޒާރު ދެއްވި އެވެ.
"ދުނިޔެ ދޫކުރި މީހުންގެ ހިތާމައިގައި ތިބޭއިރު، އިތުރު ފުރާނައެއް ނުގެއްލޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ސާމްޕަލްތަކުގެ ތެރެއިން އެތައް ސަތޭކަ ސާމްޕަލެއް އަދިވެސް ޓެސްޓް ނުކުރެވި ހުރުމުގެ ސަބަބުން، ބަލިމަޑުކަމުގެ ހަގީގީ ސައިޒާއި ބޮޑުމިން ދެނެގަންނަން ދަތިވެ އެވެ. މީގެ އިތުރުން، ބޯޑަރުތަކާއި އެއާޕޯޓްތައް ބަންދުކުރުމާއި ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަކީ މި ބަލި ކޮންޓްރޯލް ކުރުމަށް އެޅިފައިވާ އެންމެ ބޮޑެތި ހުރަސްތައް ކަމުގައި އެމްއެސްއެފް އިން ފާހަގަކުރެ އެވެ.
އަވަށްޓެރި ޔުގެންޑާއިން މިހާތަނަށް އެބޯލާގެ ނުވަ ކޭސް ފެނި، އެކަކު މަރުވެފައިވާއިރު، ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން ދަނީ ދާދި ފަހުން ކޮންގޯއިން އެނބުރި އައި ދަތުރުވެރިއަކަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭތީ އެކަން ތަހުގީގު ކުރަމުންނެވެ.
މިފަހަރު ފެތުރެމުންދަނީ އެބޯލާގެ 'ބުންޑިބުގްޔޯ' ސްޓްރެއިން އެވެ. މި ވައްތަރަށް ކާމިޔާބު ވެކްސިނެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ސިއްހީ އިދާރާތަކުން އަންނަނީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރިއާލާ ޓެސްޓްކުރުމާއި ބަލިމީހުން އެކަހެރިކުރުމާ އަދި އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރަމުންނެވެ.
މިހާ އަވަހަށް އެބޯލާ ފެތުރޭ ފަހަރެއް ކުރިއަކުން ކުރިމައްޗެއް ނުވޭ: އެމްއެސްއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ