ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކޮށް، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ސަރުކާރުން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކެމްޕޭން އިފްތިތާހުކޮށްފައިވާކަން އިއުލާންކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. ސަރުކާރުގެ ހަތަރު މިނިސްޓްރީއަކުން އެ ބައްދަލުވުމުގައި ބައިވެރިވިއެވެ.
މިނިސްޓަރު ގީލާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން މިހާތަނަށް ވެސް ވަކި އުމުރަކުން ދަށުގެ މީހުންނަށް ދުންފަތް މަނާކުރުމާއި ވޭޕް ބޭނުންކުރުން މަނާކުރުން ފަދަ ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
”ފަސް އަހަރަށް މި ކެމްޕޭން މި ލޯންޗުކުރީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ހުއްޓުވޭނެ ކަމަކަށް ނުވާތީ. މި މަސައްކަތުގައި ސަރުކާރާއި، ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ،“ މިނިސްޓަރު ގީލާ ވިދާޅުވިއެވެ.
އެ ކެމްޕޭންގެ ދަށުން ތައުލީމީ ދާއިރާއާއި ކުޅިވަރާއި ޒުވާނުންގެ ދާއިރާ އަދި ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ދުންފަތާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކި ކަހަލަ އިނާޔަތްތަކާއި ލުއިތައް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. މިނިސްޓަރު ވިދާޅުވީ މި ފަސް އަހަރުގެ ކެމްޕޭނަކީ ވެސް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކު ކާމިޔާބު ކެމްޕޭނަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދުންފަތާ ދެކޮޅަށް ފަސް އަހަރުގެ ގައުމީ ކެމްޕޭނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ