މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ރޭގެ ވަގުތެއްގައި ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ ކަނޑުގަދަވެފައިވާ ވަގުތެއްގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދުގެ ސަރަހައްދުންނެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ފަރުވާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ކޮންޓެއިނަރުތައް ބަރުކޮށްގެން ދަތުރުކުރި އެ ބާޖުން ޖުމްލަ ހަތަރު ކޮންޓެއިނަރު ވަނީ ކަނޑަށް ވެއްޓިފައެވެ. މި ތަކެތި ހޯދުމާއި ދަތުރުވެރިންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ލަފާކުރާ ގޮތުގައި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދު ހުންނާނެ ކަމަށް ބެލެވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ މުޅި ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި، ކަނޑަށް ވެއްޓިފައިވާ ކޮންޓެއިނަރުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކަށް ހުށިޔާރުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް އިރުޝާދު ދެއެވެ.
މާލޭގެ ވިޔަފާރި ބަނދަރު ބޭރުން ދިޔަ ބާޖުން ވެއްޓުނީ 4 ކޮންޓެއިނަރު،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ