މުއިއްޒަށް: ހައިބަނޑާ ޅޮސް އުނދޯއްޔަކު ނުތިބޭނެ

ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ދަށަށް ކަމަށް ގިނަ ދިވެހީން ގަބޫލު ކުރެއެވެ. ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް ހިނގައްޖެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ މީހުން އެ ވާހަކަދައްކަން ދެކޮޅު ހަދައެވެ. އެ މީހުންނަށް އެ ދަތި އިހުސާސް ނުކުރެވެނީކީ ނޫނެވެ. އޮތް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށެވެ. 
ވޭތުވެ ދިޔަ ދެ ތިން އަހަރެއްގެ ތެރޭ ތެލުގެ އަގުތައް އުފުލިއްޖެއެވެ. ގާތްގަނޑަކަށް މި މުއްދަތުގައި ޕެޓްރޯލް ލީޓަރެއްގެ އަގު މަދުވެގެން ދެ ރުފިޔާ އާއި ތިން ރުފިޔާއާއި ދޭތެރޭގެ އަގަކަށް އުފުލިއްޖެއެވެ. ބާޒާރުގައި ތަކެތި ގަންނަން ލިބޭ އަގުތައް %30 އަށް ވުރެ ބޮޑަށް މައްޗަށް ހިނގައްޖެ ކަމަށް ބެލެވެއެވެ.
އިމާރާތް ކުރުމުގައި އުޅޭ މަސައްކަތްތެރީން ވެސް ތަކެތީގެ އަގުތައް އުފުލުމުން ހިދުމަތުގެ އަގަށް އެބައި ވަނީ އިތުރުކޮށްފައެވެ. ބާޒާރުގައި ޑޮލަރު ލިބެން ހުރި އަގުތައް ވަނީ ރާއްޖޭގެ ރެކޯޑް ހަދާފައެވެ. ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި ޑޮލަރަކަށް ހަރަދުކުރަންޖެހޭ މިންވަރު 3 ރުފިޔާ އަށްވުރެ އިތުރު ވެއްޖެއެވެ. މިކަމުގެ އަސަރު ކަރަންޓު ބިލުތަކާއި އާންމު ހިދުމަތްތަކަށް ފޯރަމުން އެބަދެއެވެ.
މުއިއްޒު ސަރުކާރު ވެރިކަމާއި ހަވާލުވި އިރު -/100 ރުފިޔާއަށް ގަންނަން ލިބޭ އެއްޗަކަށް މިއަދު -/130 ރުފިޔާއާއި -/160 ރުފިޔާ އާއި ދެމެދުގެ މިންވަރެއް ހޭދަ ކުރަން ޖެހެއެވެ. ތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރުން ދިވެހިރާއްޖެ ހިމެނިފައިވަނީ އޭޝިޔާގެ މި ސަރަހައްދުގައި އެންމެ ހަރަދުބޮޑު ގައުމުގެ ރެކޯޑް ވަނީ ރާއްޖެ ހާސިލު ކޮށްފައެވެ.
ސަރުކާރުގެ ޖަވާބު ސާދާއެވެ. ބުނަނީ ޑޮލަރު މައްޗަށް ނާރާނެ ކަމަށެވެ. ތަކެތީގެ އަގުތައް ހިފެހެއްޓިފައި ވާކަމަށެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަމުން އަންނަ ކަމަށެވެ. އެކަމަކު ގަލްފު ސަރަހައްދުގެ ހަނގުރާމައިގައި އަޅުވާ ސަރުކާރުން ރަންއިލޮށިން ކަދުރުކައި ރައްޔިތުން ޅޮސް އުނދޯލީގައި ގެންގުޅެނީއެވެ. 
ވަޒީފާ ތަކަކީ ހިފެހެއްޓިފައިވާ މުސާރައެއް ލިބޭ ކަމެކެވެ. ލިބޭ މުސާރަ ތަކެތީގެ އަގުތަކާއި އެއް މިންވަރަކަށް ނު އުފުލޭނަމަ ރައްޔިތުން ދުވަހުން ދުވަހަށް ވާނީ ނިކަމެއްޗެވެ. ނުވަތަ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތަކެތީގެ އަގުތައް ނުހިފެހެއްޓޭނަމަ ރައްޔިތުން ޖެހޭނީ އިތުރު ދަންފަޅިތަކުގައި އިތުރު މަސައްކަތްތަކެއް ކުރާށެވެ.
އާންމު ރައްޔިތުން އުޅޭނެ ހާލަތާއި މެދު ވިސްނާ ސަރުކާރުގެ އެކިއެކި ވަސީލަތް ތަކުން ކަންކަން އަތުރާލަން ޖެހެއެވެ. ކޮޗިން ފެރީ މިއަދަކު ނާދެއެވެ. ޗޮކުން ދިއުމުގެ ކުރީން އަވަސް ފިޔަވަޅަކަށް ވިސްނުން މިސްރާބު ކުރުމަކީ ސަރުކާރުން ރައްޔިތުންނަށް ދަރާފައިވާ ދެރުމެކެވެ. ރައްޔިތުންގެ ބަނޑަށް ހޫނު އަރާނީ ކޮން ވަގުތަކުން ކަމެއް ނޭނގޭނެއެވެ. އެ ފުރުސަތު ނުދެއްވާށެވެ.
“ހޯދާ ނުބަލާ ކަމަކު ތެރަށް ބޯ ނުމަހާނދޭ، ބޯދާ ބަހެކޭ ގޯހެކެ މަކޮޔާ ނުހިތާނދޭ” މިއީ އިހު ޒަމާނުގައި މީހުން ބުނެ އުޅޭ ބުނުމެކެވެ. ކަންކަން އިސްލާހު ކުރުމުގެ ވިސްނުން ނެތީވިއްޔާ އަޅާނީ ނުރައްކަލުގެ ރަނގަބީލެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށެވެ. މިއަދު މަތީގައި އޮތް ވަތް، މާދަމާ ދަށުވަތަށް ބަދަލު ވެދާނެއެވެ. ހައިބަނޑާ ޅޮސް އުނދޯއްޔަކު ނުތިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ