މަސްވެރިކަމުގެ ދާއިރާއަށް ދިވެހިން ނެރުމުގައި ހުރި ގޮންޖެހުންތައް މިނިސްޓަރު ޝިޔާމް ތަފްސީލުކޮށްދެއްވައިފި

ރާއްޖޭގެ އިގްސާދުގެ މައިނާރު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން ހޯދުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މަސްވެރިކަމަކީ ރާއްޖެއަށް ހާއްސަ އަދި ދުނިޔޭގެ އެހެން ގައުމުތަކާ ތަފާތު އުސޫލުތަކަކުން ކުރާ މަސައްކަތަކަށް ވީނަމަވެސް، މި ފަހަކަށް އައިސް މި ސިނާއަތުން ދިވެހި މުވައްޒަފުން ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ދިވެހިން މި ދާއިރާއާ ދުރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ މީގެ ކުރިން ދައުލަތުންނާއި މާލީ އިދާރާތަކުން މަސްވެރިންނަށް ދޭންޖެހޭ ހައްގު ގަދަރާއި އިހުތިރާމް ދީފައި ނުވުމެވެ.
މީގެ ކުރިން މަސްވެރިންނަކީ ދައުލަތާއި ބޭންކުތަކުން ބަލައިގަންނަ ބަޔަކަށް ނުވާތީ، ގެދޮރު އެޅުމަށާއި ދަރިންނަށް ކިޔަވައިދިނުމަށް ބޭންކުތަކުން ލޯނު ހޯދުން ފަދަ ޒަރޫރީ ކަންކަމުގައި މަސްވެރިންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންގެ ހިދުމަތްތެރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި، އެކި ދުވަސްވަރު އެމީހުންގެ ބޭނުން ހިފާފައިވަނީ ސިޔާސީ މަންފާ ހޯދުމަށް ކަމަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
މި ސިނާއަތަށް ޒުވާނުން ޝައުގުވެރިކުރުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ތަޖުރިބާކާރު މަސްވެރި ދޯނިފަހަރުގައި ޒުވާނުން ތަމްރީނުކުރުމަށް ފެށި ޕްރޮގްރާމްގެ ދަށުން މިހާރުވެސް ބައެއް ޒުވާނުން މި ދާއިރާގައި ސާބިތުވެ ތިބި ކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ މަސްވެރިންގެ ދަފްތަރާއެކު، މަސްވެރިކަމަކީ ރަސްމީ ވަޒީފާއެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނަން ފަށާފައިވާތީ، ކުރިއަށް އޮތް ތަނުގައި މި ސިނާއަތަށް ނުކުންނަ ދިވެހިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމްގެ ވާހަކަފުޅު ނިންމަވާލެއްވީ، މަސްވެރިކަމަކީ ބޮޑު އާމްދަނީއެއް ލިބޭ ރަނގަޅު މަސައްކަތަކަށް ވާއިރު، މި ދާއިރާއަށް ދިވެހިން އަހުލުވެރިކޮށް ބިދޭސީންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ހާމަކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ