ނިމިގެންދިޔަ އަހަރަކީ ރައްޔިތުން އުފަލުގައި ހޭދަކުރި ކާމިޔާބު އަހަރެއް: ރައީސް

ނިމިގެންދިޔަ 2016 ވަނަ އަހަރަކީ ދިވެހި ރައްޔިތުން އަމާންކަމާއި އުފާވެރިކަމުގައި ހޭދަކުރި ކާމިޔާބު އަހަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ. އާ އަހަރާ ގުޅިގެން ރައީސް ޔާމީން ފޮނުއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ވޭތުވެގެން ދިޔައީ ހުރިހާގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. "ރައްޔިތުންނަށް ދަތިވެފައިވާ އެތައްކަމަކަށް ޙައްލު ހޯދައިދިނުމުގަޔާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެ" ރައީސް ޔާމީންގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ. ރާއްޖޭގެ ތަރައްގީއަށް ވޭތުވެދިޔަ އަހަރު ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި، ގިނަގުނަ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ. އެހުރިހާކަމެއް ކާމިޔާބު ކަމާއެކު ކުރެވުނީ ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުންވެސް ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ކަންތައްތަކެއް ވޭތުވެދިޔަ އަހަރު ކުރެވުނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. "ވޭތުވެދިޔަ އަހަރުވެސް ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، މުޖްތަމައަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ. ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ވަޢުދުގެ ދަށުން، މިދިޔަ އަހަރަކީ، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހަމަޖައްސައި ދެވުނު އަހަރެއް" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ. މިއަދު ފެށުނު އާ އަހަރުގައި ވޭތުވެ ދިޔަ އަހަރު ނުނިމި ހުރި މަޝްރޫއުތައް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަހަރަކީ ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގޭނެ އަހަރަކަށް ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ