މާލެ ރީޖަނަލް ލީގް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފަށާފައިވާއިރު، މި ބުރުގައި ކުޅުނު ފުރަތަމަ މެޗުން ކްލަބް ޕީކޭގެ މައްޗަށް ލޮރެންޒޯ ސްޕޯޓްސް ކުލަބުން ކުރިހޯދައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ލޮރެންޒޯ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެ ޓީމުން ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް މެޗުގައި ތަނަވަސްކޮށްފައިވެއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑީ، މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގެ ތެރޭގައި ލޮރެންޒޯއިން ކާމިޔާބުކުރި ލަނޑެކެވެ.
ލިބުނު ހިލޭ ޖެހުމެއްގައި ޖުމައިލް ނަގައިދިން ހުރަހަކުން ތަނަވަސްވި ފުރުސަތެއްގައި، ބައިސިކަލް ކިކަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާޙީމް ހަމްދާނެވެ.
މެޗުގައި ލޮރެންޒޯއަށް ލީޑުގައި އޮވެ މެޗު ނިންމާލުމަށް އެންމެ ބޮޑު ބާރަކަށްވީ އެ ޓީމުގެ ކީޕަރު އަޙްމަދު ސައިފެވެ. މެޗުގައި ޕީކޭއިން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ލޮރެންޒޯގެ ގޯލަށް ވަނުމަށް ހުރަހަކަށްވީ ކީޕަރު ސައިފް ދެއްކި ހުށިޔާރުކަމެވެ.
ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ޕީކޭގެ މައްޗަށް ލޮރެންޒޯއިން ހަނި، އެހެންނަމަވެސް މުހިންމު މޮޅެއް ހޯދިއިރު ދެވަނަ ބުރުގައި ވާދަކުރަނީ ޖުމްލަ ހަތަރު ޓީމެވެ. އެއީ މި ދެ ޓީމުގެ އިތުރުން ބިސްބުރު ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ހެންވޭރިއަންސް އެވެ.
ދެވަނަ ބުރު ކުރިއަށްދާނީ ލީގު އުސޫލުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭ ގޮތަށެވެ. މެޗުތައް ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ޓީމަކަށް، ފުރަތަމަ ޑިވިޝަނުގެ ޕްލޭއޮފްގައި ކުޅުމުގެ މަގު ފަހިވާނެއެވެ.
ޕީކޭ ބަލިކޮށް ލޮރެންޒޯއިން 2ވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ