މެދުއިރުމަތީގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ދަތުރުފަތުރަށްް ކުރިމަތިވި ބުރޫތަކާ ގުޅިގެން، ޖެހިޖެހިގެން ތިން މަސްދުވަސް ވަންދެން ފަތުރުވެރިން އައި މިންވަރު ދަށަށް ދިއުމަށް ފަހު، ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް މި މަހު އަލުން އިތުރުވާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މި މަހު:
122,548 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %2.6ގެ އިތުރުވުމެއް
ތަފްސީލް - ހަނގުރާމައާ ގުޅިގެން ދަތުރުތައް ހުއްޓާލި ގިނަ އެއާލައިންތަކުން އަލުން ދަތުރުތައް މިހާރު ފަށާފައިވާއިރު، މި ކުރިއެރުމާ އެކު ވެސް މި އަހަރުގެ މިހާތަނަށް ޖުމްލަ ފަތުރުވެރިން އައި އަދަދު އަދިވެސް އުޅެނީ މިދިޔަ އަހަރުގެ މިންވަރަށް ވުރެ ދަށުގަ އެވެ. އެގޮތުން:
މި އަހަރުގެ މިހާތަނަށް ޖުމްލަ 923,984 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 962,242 ފަތުރުވެރިން
މިއީ %4ގެ ދަށްވުމެއް
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖެނުއަރީ މަހު ފަތުރުވެރިން އައި މިންވަރު %5 އިތުރުވިއިރު، ފެބްރުއަރީ މަހު ވަނީ %15.7 އިތުރުވެފަ އެވެ. ނަމަވެސް، ހަނގުރާމަ ފެށުމާ އެކު، މާޗު މަހު ފަތުރުވެރިން އައި އަދަދު %20.7 ދަށަށް ދިޔައިރު، މިދިޔަ މަހު ވަނީ %24.4 ދަށަށް ގޮސްފަ އެވެ.
މި އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި ޗައިނާ އޮތްއިރު، ދެވަނައިގައި ރަޝިޔާ އަދި ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ޗައިނާ އާއި ރަޝިޔާ އިން ކޮންމެ ގައުމަކުން 100,000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ ޖުމްލައަކީ 79,473 އެވެ.
އިންޑިއާ އޮތީ މި ލިސްޓުގެ ހަވަނައިގަ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 50,747 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 640,988 މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 218,773 މީހުން މަޑުކޮށްފައިވަނީ ގެސްޓްހައުސްތަކުގަ އެވެ.
ފާހަގަކޮށްލެވޭ - ފަތުރުވެރިކަމުގެ ދާއިރާގެ ޖަމިއްޔާތަކުން ކުރިން ބުނެފައިވާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ ޑިމާންޑަށް އައި ބަދަލުތަކުގެ ސަބަބުން، މި ސިނާއަތަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާނެ ކަމަށް އަންދާޒާކުރެވެ އެވެ. އެހެންކަމުން، މި ސިނާއަތް އަލުން ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމަށް އެ ޖަމިއްޔާތަކުން ވަނީ އެދިފަ އެވެ.
ސަރުކާރުން ބުނެފައިވަނީ، ފަތުރުވެރިކަން ދަށަށް ދިއުމުގެ ސަބަބުން ކުރި އަސަރުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ގިނަ ފަތުރުވެރިން ހޯދުމަށް އާ މާކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ފުޅާކުރަމުން އަންނަ ކަމަށެވެ.
ހަނގުރާމައާ ގުޅިގެން 3 މަހު ދަށަށް ދިއުމަށް ފަހު، ފަތުރުވެރިންގެ އަދަދު މި މަހު އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ