ދިވެހިރާއްޖެއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ އަސްލަކީ ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ ބަދަލުކުރާނެ މުއައްސަސާއަކީ އެއީ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ކ. މާފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ”މުޅި ދިވެހިރާއްޖެ ބަދަލުކުރި މުއައްސަސާއަކީ އެމްޑީޕީ، ކުރިއަށްއޮތް ތަނުގައިވެސް ދިވެހިރާއްޖެ ބަދަލުކުރާނީ ދިވެހި ރައްޔިތުންގެ ޕާޓީ އެމްޑީޕީ“ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރަށްތަކުގެ ތަނަވަސްކަމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމެވެ. އަދި މިހާރު ރައްޔިތުންނަށް ލިބެމުންދާ ތަނަވަސްކަމަކީ އެމްޑީޕީގެ ސަރުކާރުން ގެނެސްދިން ބަދަލުތަކެއްގެ ނަތީޖާކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ޓޫރިޒަމް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޤުދުރަތީ ގޮތުން ބަލާއިރު މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަކީ އެއް ހަމައެއްގެ ތަންތަން ކަމަށެވެ. ރިސޯޓުތަކުން ބޮޑެތި މަންފާ ނަގަމުންދާއިރު، އެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް އެ ތަނަވަސްކަން ނުލިބެންވީ ސަބަބެއް އެމްޑީޕީއަށް އެއްވެސް އިރެއްގައި ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިގޮތުން 2008 ވަނަ އަހަރުގެ އައު ޤާނޫނު އަސާސީއާއެކު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރުމުގެ ހުއްދަ ދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މާފުށްޓަށާއި ރާއްޖޭގެ އެހެން ރަށްރަށަށް މި ގެނެވުނު ބަދަލާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރަށްރަށުގެ ތަރައްޤީގައި ކައުންސިލްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރުން ކަމަށެވެ. ޚާއްޞަކޮށް ރަށްރަށުގައި ހިންގޭ މަޝްރޫޢުތަކުގެ މާލީ އަދި އިޤްތިސާދީ ފައިދާ ދެނެގަނެ، އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުމާއެކު އެފަދަ މަޝްރޫޢުތައް ތަންފީޒުކުރުމަކީ ޕާޓީގެ އަބަދުގެވެސް އަމާޒުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.
ދިވެހިރާއްޖެ ބަދަލުކުރި މުއައްސަސާއަކީ އެމްޑީޕީ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ