ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 12 ގަވައިދެއް، ދެ އަހަރުވީ އިރު ވެސް ގެޒެޓު ކުރެވިފައި ނުވަނީ، ބަޖެޓުގެ ދަތިކަމާ ހުރެ ކުރިމަތިވި ލަސްތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރު އަމަލު ކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން 14 ގަވައިދެއް، ތިން މަސް ތެރޭގައި ހަދައި ގެޒެޓް ކުރަން ޖެހެ އެވެ.
އެކަމަކު އެ މުއްދަތު ފަހަނައަޅައި ގޮސް، ދެ އަހަރުވި އިރު ވެސް ގަވައިދުކޮށް ގެޒެޓްކުރެވިފައިވަނީ އެންމެ ދެ ގަވައިދެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް، ހެލްތު މިނިސްޓްރީގެ ވެރިން މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ހާޒިރުކޮށް، ސުވާލުކުރައްވާފަ އެވެ.
ތަފްސީލް - އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން، މިނިސްޓްރީގެ ނައިބު އިސްމާއީލް ޒާހިރު ވިދާޅުވީ ގަވައިދުތައް ހެދުމުގައި އެހާ ލަސްވީ ކުރިމަތިވި ބަޖެޓްގެ ދަތިކަމާ ހުރެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއިން ކޮންމެ ގަވައިދަކީ ވެސް ވަރަށް ޓެކްނިކަލް މައުލޫމާތުތަކެއް ހިމެނޭ އެއްޗެއް ކަމުން، ފުރަތަމަ ބެލީ، ދައުލަތުގެ ބަޖެޓްގެ ތެރެއިން އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖެހޭތޯ ކަމަށެވެ. އެކަމަކު ތަފާތު އެކި ސަބަބުތަކާ ހުރެ އެ ބަޖެޓް ހަމަނުޖެހުނު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދެން މަސައްކަތް ކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފަންޑެއް އެކަމުގައި ލިބޭތޯ އެވެ. އެކަމަކު އެތަނުން ލިބުނު ފައިސާއިން އެކަށީގެންނުވާތީ، ގަވައިދުތައް ހެދުމަށް އެއްވެސް ބަޔަކު ކުރިމަތިނުލި ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ އެކަށީގެންވާ ވަރުގެ ފަންޑެއް ލިބުނީ އޭޑީބީގެ އެހީގައި ކަމަށާއި އެތަނުން ލިބުނު ފައިސާއިން، ހުރިހާ ގަވައިދުތަކެއް ހެދުމަށް މިހާރު އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ނެޝަނަލް ފުޑް ސޭފްޓީ ކޮލިޓީ ބޯޑުގެ ހިންގާ ގަވައިދާއި ކާބޯތަކެތި އިޝްތިހާރު ކުރުމާ ގުޅޭ ގަވައިދު މިހާރު ގެޒެޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު މުހިއްމު ގިނަ ގަވައިދުތަކެއް އަދިވެސް ނުނިމޭކަން އިސްމާއީލް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ގަވައިދުތަކުގެ ތެރޭގައި ހިމެނެނީ:
ކާބޯތަކެތި ލޭބަލްކޮށް ބަންދުކުރުމާ ބެހޭ ގަވައިދު
ކަބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާ ބެހޭ ގަވައިދު
ކާބޯތަކެތި އިމްޕޯޓް ކުރުމާ އެކްސްޕޯޓްކުރުމާ ގުޅޭ ގަވައިދު
ކާބޯތަކެތީގެ ސާމްޕަލް ނެގުމާ ބެހޭ ގަވައިދު
ކެއިންބުއިމަށް ބޭނުންކުރާ ފެން ޓެސްޓުކުރުމާ ބެހޭ ގަވައިދު
ކާބޯތަކެތި ނައްތާލުމުގެ އިޖުރާއަތްތަކާ ގުޅޭ ގަވައިދު
ކުޑަކުދިންނަށް ގާތުން ދޭ ކިރު ރާއްޖެއަށް އެތެެރެކުރުމާއި އުފެއްދުމާއި އެ ވިއްކުމުގައި އަމަލުކުރަން ޖެހޭ ގަވައިދު
މި ހުރިހާ ގަވައިދުތަކެއް ވެސް މިހާރު ހުރީ ނިމުމުގެ އެކި މަރުހަލާތަކުގަ އެވެ. އެގޮތުން:
ތިން ގަވައިދެއް ވަނީ ގެޒެޓު ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައި
ދެ ގަވައިދެއް އޭޖީ އޮފީހަށް ފޮނުވާފައި
އެއް ގަވައިދު އޭޖީއަށް ފޮނުވުމުގެ މަގުމަތީގައި
ހަ ގަވައިދެއް ޑްރާފްޓިން މަރުހަލާފައި
އޭނާ ވިދާޅުވީ ގެޒެޓް ކުރަން ފޮނުވާފައި ހުރި ގަވައިދުތައް މި މަހުގެ ތެރޭގައި ގެޒެޓް ކުރެވި، ޑްރާފްޓިން މަރުހަލާގައި ހުރި ގަވައިދުތައް މި އަންނަ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭވަރު ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން މި ގަވައިދުތައް ވަރަށް ލަސްވެއްޖެ ކަމަށް ވެސް. އަދި ގެޒެޓްނުކޮށް ހުުރުމުން، ބައެއް ކަންކަން ތަންފީޒު ކުރުމުގައި ދަތިތަކެއް ވެސް ހުރިކަން ގަބޫލުކުރަން،" އިސްމާއިލް ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަަވައިދުތައް ހެދުމަށް އޭޑީބީއިން ފަންޑު ލިބުނަސް، އެއީ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުން، ޕްރޮކިއުމެންޓްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި އެއީ ވެސް އެކަން ދިގުލައިގެން ދިޔަ ސަބަބެއް ކަމަށެވެ.
ކާބޯތަކެއްޗާ ގުޅޭ 12 ގަވައިދެއް 2 އަހަރުވީއިރު ވެސް ގެޒެޓް ނުކުރެވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ