ހުޅުމާލެ 2 ގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާތީ މާދަމާއިން ފެށިގެން އެކި ވަގުތުތަކުގައި އެ ސަރަހައްދުގެ ތަންތަނުން ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ 2 ގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން އެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި އާންމުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލެ 2 ގެ ކަރަންޓުގެ ވިއުގައިގައި ކުރަން ޖެހޭ ޓެކްނިކަލް އަޕްގްރޭޑިން މަސައްކަތްތައް މާދަމާ އިން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ އެ މަސައްކަތްތައް ކުރިއަށް ގެންދާ ވަގުތުތަކުގައި ހުޅުމާލެ 2 ގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. އަދި މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައި ވާތީ، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ،" ސްޓެލްކޯގެ ބަޔާނުގައި ބުންޏެވެ.
މީގެ ކުރިން އެޗްޑީސީން ބަލަހައްޓަމުން އައި ހުޅުމާލެ 2 ގެ ކަރަންޓު ވިއުގައިގެ މެއިންޓެނަންސްގެ ހުރިހާ މަސައްކަތެއް ސްޓެލްކޯއާ ހަވާލުކުރީ މިދިޔަ މަހު އެވެ.
އެޗްޑީސީ އާއި ސްޓެލްކޯއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ އިމަޖެންސީ ރެންސްޕޮންސް ސެންޓަރެއް ހުޅުމާލެ 2 ގައި ހަދާނެ ބިން ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
ހުޅުމާލެ 2 ގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރާތީ އެކި ވަގުތުތަކުގައި ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ