ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭ ހެލްޕްލައިނެއް ގާއިމްކޮށްފި

​ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި ހެލްޕްލައިން 1484، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއަދު އިފްތިތާހުކުރި، މި ހެލްޕްލައިން ޤާއިމްކޮށްފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، ޔުނިސެފާއި، ޑަބްލިޔު.އެޗް.އޯ ގެ އެހީތެރިކަމާއި އެކުގައެވެ.
ރައީސް އޮފީހުން ބުނީ، މި ހެލްޕްލައިންގައި މަސައްކަތްކުރާ ކައުންސިލަރުން ތަމްރީންކުރުމާއި ހެލްޕްލައިން ޚިިދުމަތް ފޯރުކޮށްދޭނެ އުޞޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑްކްރެސެންޓުން ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި، މި ހެލްޕްލައިންގެ ޚިދުމަތް ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 15:00އަށް ލިބޭނެއެވެ. މި ހެލްޕްލައިންގެ ޚިދުމަތްފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖޫންމަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
މިއީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމްކުރެވުނު މިފަދަ ފުރަތަމަ ހެލްޕްލައިނެވެ.
ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް މި ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ތަމްރީން ދެެއްވާފައިވާ ސްކޫލްތަކުގައި މިހާރު ތިއްްބެވި ކައުންސިލަރުންނެވެ. މި ހެލްޕްލައިނުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ޚިދުމަތް ހޯދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ