ސީލައިފްގެ ވެރިޔާ ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ޖެހޭ މުއްދަތުގައި އެކަން ކޮށްފައި ނުވާ ކަމަށް ނިންމައި ހައި ކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ރާއްޖޭން ފިލި އަހުމަދު މޫސާ ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ދޫކޮށްލީ މިދިޔަ މަހުގެ 20ގަ އެވެ.
އޭގެ ކުރިން ދެ ފަހަރު އޭނާ ދޫކޮށްލުމުން ވެސް ހައި ކޯޓުން ވަނީ އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.
ތަފްސީލް - ކްރިމިނަލް ކޯޓުގެ ނިންމުން އިިސްތިއުނާފު ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިއަދު ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެ ގޮތަށް ނިންމީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުން މައްސަލަ ހުށަހެޅި ކަމަށް ބުނެ އެވެ.
އެނގުން މުހިންމު - ގާނޫނު އޮންނަ ގޮތުން:
މައްސަލަ ނިންމާތާ 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅަން ޖެހޭނެ 
ދައުލަތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 23ގައި
ބުނީ ކީކޭ؟ - ދައުލަތުން ބުނީ އެ މުއްދަތުގައި މައްސަލަ އިސްތިއުނާފު ކުރި ކަމަށެވެ. ދައުލަތުން ބުނ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު 'ދައުރު' އަށް ވިދާޅުވީ އިސްތިއުނާފު މުއްދަތު ގުނާއިރު، މައްސަލަ ނިންމާ ދުވަސް ނުގުނާނެ ކަމަށެވެ.
"އެ މުއްދަތުގައި އަޅުގަނޑުމެން ހުށަހެޅީ. ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމާ މެދު މިއަދު ގޮތެއް ނިންމާނެ،" ޝަފީއު ވިދާޅުވި އެވެ.
ނަމަވެސް، ހައި ކޯޓުން ބުނީ:
މައްސަލަ ނިންމި ދުވަސް ނުގުނާނެ ކަމަށް ގާނޫނުގައި އޮތަސް، ގަޑި ގުނާނެ ގޮތެއް ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމަށް 
ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތް ނިންމަން ކޯޓަށް ގެންދާއިރު ވެސް ގަޑި ގުނަނީ ހައްޔަރުކުރާ ދުވަސް ހިމަނައިގެން ކަމަށް 
އިސްތިއުނާފު މުއްދަތު ވެސް ގުނަން ވާނީ އެ އުސޫލުން ކަމަށް
ހައި ކޯޓުގެ ހުކުމްގައި ބުނީ، މިއީ މުއްދަތު ހަމަވި ފަހުން ހުށަހެޅި މައްސަލައަކަށް ވާތީ، އިޖުރާއީ ގޮތުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. 
އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ:
ފަނޑިޔާރު އަބްދުﷲ ހަމީދު 
ފަނޑިޔާރު މުހައްމަދު ނިޔާޒް 
ފަނޑިޔާރު ހަސަން ޝަފީއު
އެނގުން މުހިންމު - އަހުމަދު މޫސާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ. ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ