މިފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން ބިޑަށްލީ ތިން ރަށުގެ ބިޑް ސިވިލް ކޯޓުގެ ވަގުތީ އަމުރަކުން މިއަދު ހުއްޓުވައިފި އެވެ.
އެނގުން މުހިންމު - ރިސޯޓް ހަދަން ބިޑަށް ލާފައިވާ ރަށްތަކުގެ ލިސްޓަށް މިދިޔަ ޖެނުއަރީ 17 ވަނަ ދުވަހު އިތުރު ކުރި ކޮމަންޑޫ ދާއިރާގެ ތިން ރަށަކީ:
ށ. މެދުރަށް
ށ. މައިރަށް (ދިގުވެލިދޫ)
ށ. ދިގުރަށް
ވީ ކިހިނެއް؟ - މި ތިން ރަށް ދޫކުރުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ޕްރިމިއާ އިކުއިޓީ ޕްރައިވެޓް ލިމިޓެޑްއިން ޓޫރިޒަމް މިނިސްޓްރިއާ ދެކޮޅަށް ދައުވާ ކުރާ މައްސަލައެއްގަ އެވެ. ޕްރިމިއާ އިކުއިޓީއިން ބުނާ ގޮތުގައި އެ ތިން ރަށަކީ، ކުރިން ސަރުކާރުން އެ ކުންފުނީގެ އަތުން އެހެން ރަށްތަކެއް އަތުލުމުގެ ބަދަލުގައި ދޭން އެއްބަސްވެފައިިވާ ރަށްތަކެކެވެ.
ޕްރިމިއާ އިކުއިޓީއަށް ރިޒޯޓު ތަރައްގީ ކުރަން ދެ ރަށަކާއި ދެ ބިމެއް ދިނުމަށް 2008 ވަނަ އަހަރު ހެދި އެއްބަސްވުމާ މިނިސްޓްރީއިން ހިލާފުވުމުން ޕްރިމިއާ އިކުއިޓީއިން ކުރި ދައުވާ އަނބުރާ ގެންދިޔައީ، 2017 ވަނަ އަހަރު ސަރުކާރުން އެ ކުންފުންޏާއެކު ސެޓަލްމެންޓް އެގްރީމަންޓެއް ހެދުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ ކުރިން ޕްރިމިއާ އިކުއިޓީއަށް ދޭން ނިންމި ތަންތަން:
ލ. ބޮޑުފިނޮޅު
ލ. ގަސްގަނޑު ފިނޮޅު
ޓްރެއިނިން ރިޒޯޓެއް ހިންގަން ލ. ގަމުން ދެ ބިމެއް
ސެޓަލްމެންޓް އެގްރީމަންޓާ އެއްގޮތަށް މިނިސްޓްރީއިން އަމަލުކޮށްފައި ނުވާ ކަމަށް ބުނެ ޕްރިމިއާ އިކުއިޓީއިން ފަހުން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އަދި މެދުރަށް، މައިރަށް އަދި ދިގުރަށް ދޫކުރުން ހުއްޓުވަން އެ މައްސަލައިގެ ތެރެއިން އެ ކުންފުނިން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނެވެ.
އެ މައްސަލައިގައި ދައުލަތުން ސިވިލް ކޯޓުގައި ބުނެފައި ވަނީ އެ ތިން ރަށް ދިނުމަށް އެ ކުންފުންޏާއެކު ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނުވާ ކަމަށެވެ. އަދި މަޝްވަރާ ކުރެވުނު ކަމަކަށް އެ ރަށްތައް ދޭން ނުޖެހޭނެ ކަމަށް މިނިސްޓްރީއިން ދެކެ އެވެ.
އިއްޔެ ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީ ނެރުއްވި އަމުރުގައި ވަނީ އެ ތިން ރަށް ދޫކުރުން ފަސްކުރަން މިނިސްޓްރީއަށް އަންގަަވައިފަ އެވެ. ސަބަބަކީ މިކަމުގައި ޕްރިމިއާ އިކުއިޓީއަށް ލިބެން އޮތް ގެއްލުން ދައުލަތަށް ލިބެން އޮތް ގެއްލުމަށް ވުރެ ބޮޑުވުމެވެ.
ކޮމަންޑޫ ކައިރިން ބިޑަށްލީ 3 ރަށް ދޫކުރުން ސިވިލް ކޯޓުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ