ފޭދޫގެ އާ ސްކޫލް އަޅަން ބީލަމަށް ލައިފި

އައްޑޫ ފޭދޫގައި އިމާރާތްކުރަން ހަމަޖެހިފައިވާ އާ ސްކޫލްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ސްކޫލް އިމާރާތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަނަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ފޭދޫގެ އާ ސްކޫލް އިމާރާތްކުރަން ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަން ޖެހޭނެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ފޭދޫގައި އާ ސްކޫލެއް އަޅަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ މާޗް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.
މި ސްކޫލް އަޅަން ހަމަޖެހިފައި ވަނީ ފޭދޫ ހިއްކުމުގަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރި އެ އަވަށުގެ ލޭންޑް ޔޫޒް ޕްލޭނުގައި ވެސް އާ ސްކޫލެއް ބިން ކަނޑައަޅާފައިވެ އެވެ. އަދި މި ސްކޫލް އިމާރާތް ކުރަން މި އަހަރުގެ ބަޖެޓްގައި 6.5 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ފޭދޫގައި އާ ސްކޫލެއް އަޅަން ސަރުކާރުން ނިންމި، އައްޑޫގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އަވަށުގައި ހުންނަނީ އެންމެ ސްކޫލެކެވެ. އެއީ މީގެ 51 އަހަރު ކުރިން ހުޅުވި އަދި ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ފޭދޫ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ