އީވާގެ މައްސަލަ ނުނިންމައި އެހެން މަސައްކަތެއް ނުކުރެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމައި މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ އެޖެންޑާ އިން އެ މައްސަލަ މިހާރު ވަނީ ނަގައިފަ އެވެ. އެ މައްސަލަ އެޖެންޑާ އިން ނެގީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް ބުނެ އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރު އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބުރައީސްގެ މައްސަލައެއް ހުށަހެޅި ނޯޓިސް ދެވި، ނޯޓިސްގެ މުއްދަތު ހަމަވެފައި ވާ ނަމަ އެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.
"އެހެންވީމަ މިހާރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި އެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެކަމަނާ އަށް ވަނީ ނޯޓިސް ފޮނުވިފައި. އެ ނޯޓިސް 11 ވަނަ ދުވަހަށް ހަމަވުމަށްފަހު މަޖިލީހުގެ އެއްވެސް ކަމެއް އިތުރަށް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ގަވާއިދު ބަޔާން ކުރާ ގޮތުގެ މަތީން އެ މައްސަލަ އަށް ގޮތެއް ނިންމުމަށްފަހު." އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ ވަކިކުރަންް ހުށަހެޅީ 50 މެމްބަރުންގެ ސޮޔާ އެކީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ