ހަ ބިލިއަން ޑޮލަރަށް އާމްދަނީ އިތުރުކުރަން އަމާޒުކޮށް 5 ވަނަ ޓޫރިޒަމް މާސްޓާޕްލޭން ލޯންޗު ކޮށްފި

ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ހަރުފަތަކަށް ގެންދިއުމުގެ ލަނޑުދަނޑިތަކާއެކު ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފިއެވެ.
މި މާސްޓާޕްލޭން ލޯންޗުކޮށްދެއްވާފައިވަނީ މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ.
އެ ޕްލޭންގައި އެންމެ ބޮޑަށް އަލި އަޅުވާލާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަން ދެމެހެއްޓޭނެ ޕޮލިސީތައް ގެނައުމާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ނުހެދި ހުރި ރަށްތައް ހެދުމާއި މާކެޓިންނާއި އެ ނޫންވެސް ޓޫރިޒަމްއާ ގުޅުންހުރި ގިނަ މައްސަލަތަކުގެ ހައްލު ހޯދޭނެ ގޮތް ވެސް އެ މާސްޓާ ޕްލޭންގައި ހިމަނާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މާސްޓް ފްލޭނަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ މުއްދަތަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭނެކެވެ. މި ޕްލޭގައި 2 ވޮލިއުމެއް އެކުލެވޭއިރު ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް 15 އަމާޒެއް ކަނޑައަޅާފައިވެއެވެ. އެއީ:
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިހިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ ރާއްޖެ އަކީ ހުރިހާ ގިންތިއެއްގެ ޓޫރިސްޓުންނަށް އާދެވޭ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ދަމަހައްޓައި ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ކުރަންޖެހޭ ކަންކަމަށް މާސްޓާ ޕްލޭންގައި ވިސްނަވާފައިވާނެ ކަމަށެވެ.
މިހާރު ރާއްޖެ އަށް ޓޫރިޒަމުން އަހަރަކު ލިބޭ އާމްދަނީ 4.2 ބިލިއަން ޑޮލަރުން ހަ ބިލިއަން ޑޮލަރަށް އިތުރު ވާނެ ރޭވުންތައް މާސްޓް ޕްލޭނުގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، ޓޫރިޒަމް މާސްޓާ ޕްލޭން ބިނާވެގެން އައިސް މިހާ ހިސާބަށް އައިއިރު، ކޮވިޑް-19 ދުވަސްތަކާއެކު ދިމާވި ގޮސްޖެހުން ތަކުން އަރައިގަނެ، ރާއްޖެ ކުރި ތަޖުތިބާތަކާއި އޭގެން ލިބުނު ފިލާވަޅުތަކުގެ އަލީގެ މުސްތަގުބަލު ބައްޓަން ކުރެވޭނެ މަގުޗާޓެއްގެގެ ގޮތުގައި މި މާސްޓާ ޕްލޭން ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ފާއިތުވި 50 އަހަރު ރާއްޖެ އަކީ ޓޫރިޒަމްގެ ކާމިޔާބު ގައުމެއް ކަމަށާއި އަދި ވެސް ކުރިއަށްދާން ޖެހޭނީ ރާއްޖެއިން އިސްކަން ދީފައިވާ "ވަން ރިސޯޓް ވަން އައިލެންޑް" ކޮންޝެޕްޓާއި އެކު، އިތުރަށް ޓޫރިޒަމް ފުޅާ ކުރުމަށް ކުރެވެން ހުރި ގޮތްތަކަށް ބަލައިގެން ކަމަށް މައުސޫމް ވިދާޅުވިއެވެ.
ފަސް ވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު 2019 ގައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދުގެ ވަޒީރުކަމުގައި ފެށި އެ މަސައްކަތައް ބޭނުންވާ ފައިސާ ހަމަނުޖެހުމުން މަސައްކަތް މަޑުޖެހުނެވެ. އަދި އެއަށްފަހު ކޮވިޑާ ގުޅިގެން އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލިއެވެ.
އެމަސައްކަތް ފަހު އަލުން ފެށުނީ 2021 ގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ އެހީއާ އެކީގައެވެ.
ކޮވިޑްގެ ބަލިމަޑުކަމަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. 2021 އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މި ދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ވާނެ ކަމަށް ބެލެވޭ އެއް ސަބަބަކީ ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މަންޒިލް ކަމަށްވާ ޗައިނާ އިން މިއަހަރުގެ ޖެނުއަރީ މަހު ފަތުރުވެރިން އަންނަން ފެށުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ