ކްރިމިނަލް ކޯޓު ހިންގުން ވަގުތީގޮތުން ގާޒީ އާދަމް މުހައްމަދަށް

ކްރިމިނަލް ކޯޓު ހިންގުން ވަގުތީގޮތުން އެކޯޓުގެ ގާޒީ އާދަމް މުހައްމަދާއި ހަވާލުކޮށްފިއެވެ.
ކްރިމިނަލް ކޯޓު ހިންގުން އެކޯޓުގެ ގާޒީ އާދަމް މުހައްމަދާއި ހަވާލުކުރެއްވީ ކްރިމިނަލް ކޯޓުގެ އިސްް ގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޖުޑީޝިއަލް ސާވަސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ، މިބަދަލު ގެނައުމަށް ނިންމެވީ، މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގަކަމަށެވެ.
ގާޒީ އާދަމް މުހައްމަދަކީ 2021 ވަނަ އަހަރު ޖެނުއަރީ މަހު ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ އެކެވެ. އޭގެކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައާއި ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވިއެވެ. މީގެ ކުރިންވެސް ގާޒީ އާދަމް މުހަންމަދާއި ކްރިމިނަލް ކޯޓުގެ ހިންގުން ހަވާލު ކުރައްވާފައިވެއެވެ. އެފަހަރު ހިންގުން ހަވާލު ކުރެއްވީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓު ހިންގުން ވަގުތީގޮތުން އެކޯޓުގެ ގާޒީ އާދަމް މުހަންމަދާއި ހަވާލުކޮށްފައިވާއިރު، ގއ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އިބްރާހީމް އިހްސާން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ ހުވާކުރެއްވުމާއި ގުޅިގެން، ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ހަސަންއާ ހަވާލުކުރުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ