ޕްރީ ސްކޫލް ތައުލީމު މަޖުބޫރުކޮށް، ހިލޭ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފި

ޕްރީ ސްކޫލް ތައުލީމަކީ ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ހުރިހާ ޕްރީ ސްކޫލެއްގައި ހިލޭ ކިޔަވައިދިނުމަށް ސަރުކާރުން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް ކަނޑައަޅައި އެކަމުގެ އިރުޝާދު ލިޔުން އާއްމުކޮށްދެއްވީ އެކަމަށްޓަކައި ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ. އެ އިރުޝާދުގައި ބުނެފައިވަނީ، ކުދިންގެ ހެދި ބޮޑުވުމާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަ ހެޔޮކަމަށް ޅަފަތުގެ ތައުލީމު ކަނޑައެޅިފައިވާއިރު، ޅަފަތުގެ ކުދިންނަށް އަޅާލުމާއި ފުރުސަތުތައް ހަމަހަމަ ކަމާއެކު ސްކޫލް ތައުލީމުގެ ތެރެއިން ލިބި ދިނުމަކީ ތަރުބަވީ ގޮތުން ދައުލަތުގެ އިލްތިޒާމްގެ ތެރޭގައި ހިމެނޭ ކަމެއްކަން ގަބޫލުކުރެވޭ ކަމަށެވެ. "...ދިވެހިރާއްޖޭގެ ސްކޫލް ތައުލީމުގެ މަރުހަލާގައި މަޖްބޫރު ތައުލީމުގެ މިންވަރު ކަނޑައެޅި ބަޔާން ކުރެވިފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވީ ހިނދު، ދިވެހިރާއްޖޭގެ ސްކޫލް ތައުލީމުގެ މަރުހަލާތައް ކަނޑައަޅައި ޕްރީ ސްކޫލް ތައުލީމު ސްކޫލް ތައުލީމުގެ ރަސްމީ ބައެއްގެ ގޮތުގައި ކަނޑައަޅައި މި މަރުހަލާގެ ތައުލީމު ޅަފަތުގެ ކުދިންނަށް މަޖްބޫރު ތައުލީމެއްގެ ގޮތުގައި ހަމަޖައްސައި އަހަރެން އެޑިއުކޭޝަން މިނިސްޓްރީގެ ހައިސިއްޔަތުން އަންގަމެވެ،" އެޑިއުކޭޝަން މިނިސްޓަރުގެ ފަރާތުން އިއްވި އިރުޝާދުގައި ބުނެފައިވެ އެވެ. ޕްރީސްކޫލު ތައުލީމު ސްކޫލު ތައުލީމުގެ ރަސްމީ ބައެއްގެ ގޮތުގައި ހަމަޖައްސަވައި އެމަރުހަލާގެ ތައުލީމު ހިލޭ ފޯރުކޮށް ދިނުމަށް ސަރުކާރުން ނިންމެވީ 2015 ވަނަ އަހަރު އެވެ. އެ ނިންމެވުމާ ގުޅިގެން މާލެ ސިޓީއާއި އައްޑޫ ސިޓީ ފިޔަވައި، ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުވެފައިވާ ސަރުކާރުގެ ސްކޫލުތަކުން، ޕްރީސްކޫލު ތައުލީމު ކުދިންނަށް، ހިލޭ ފޯރުކޮށްދޭން 2016 ވަނަ އަހަރު ވަނީ ފަށާފައެވެ. އަދި މިއަދު ޕްރީ ސްކޫލް ތައުލީމް ހިލޭކޮށް އެ ތައުލީމު މަޖުބޫރު ކުރަން ސަރުކާރުން ނިންމެވުމާއެކު އަންނަ އަހަރުގެ ދިރާސީ އަހަރާއެކު މާލެ އާއި އައްޑޫ ސިޓީގެ ޕްރީސްކޫލު ތައުލީމު ވެސް ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ އެވެ. ޕްރީ ސްކޫލް މަޖުބޫރު ތައުލީމެއްގެ ގޮތުގައި ހަމަޖައްސާ ޕްރީ ސްކޫލް ތައުލީމު ހިލޭ ކިޔަވައިދިނުމަށް ސަރުކާރުން މިއަދު ރަސްމީކޮށް ކަނޑައެޅިއިރު، ރާއްޖެ އަކީ ވޯލްޑް އެޑިއުކޭޝަން އެޖެންޑާގައި ކަނޑައަޅާފައިވާ ޕްރީ ސްކޫލް ތައުލީމް ކަށަވަރުކުރި މި ސަރަހައްދުގެ ފުރަތަމަ ގައުމެވެ. ވޯލްޑް އެޑިއުކޭޝަން އެޖެންޑާ އަކީ ދުނިޔޭގެ ގައުމުތަކުން 2000 ވަނަ އަހަރު ކަނޑައެޅި މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްތަކުގައި ހިމެނޭ އެޑިއުކޭޝަން ބައިތަކާއި އެޑިއުކޭޝަން ފޯ އޯލްގެ ގޯލްތައް 2015ގެ ޓާގެޓް ހަމަވިއިރު ހާސިލު ނުވެ ހުރި ބައިތައް ހިމަނައިގެން 2030 ވަނަ އަހަރަށް ޓާގެޓްކޮށް ކަނޑައެޅި އަމާޒުތަކެކެވެ. އެ އެޖެންޑާގައި ހިމެނޭ ބައިތަކުގެ ތެރޭގައި މަދުވެގެން ޕްރީ ސްކޫލް މަރުހަލާގެ އެއް އަހަރުގެ މަޖުބޫރު ތައުލީމު ހުރިހާ ކުދިންނަށް ހިލޭ ފޯރުކޮށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ