ގައުމުގެ އަމާންކަމަށްޓަކައި ޙަޤީޤަތް ކަށަވަރުކޮށްފައި ނޫނީ ވާހަކަ ނުދެއްކުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މައުމޫން ސޯޝަލްމީޑިއާ މެދުވެރިކޮށް އާންމުނަށް ދެއްވި ނަޞޭހަތުގެ މެސެޖެއްގައި ވިދާޅުވީ، ޤައުމުގެ ހަމަޖެހުމާއި އަމާންކަމަށްޓަކާ ކޮންމެ ރައްޔިތަކުވެސް ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ ކަންކަމުގެ ޙަޤީޤަތް ކަށަވަރު ކޮށްފައި ނޫނީ ވާހަކަ ނުދެއްކުން ކަމަށް ދިގު ތިރީސް އަހަރު ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިފަދައިން ނަޞޭޙަތެއް ދޫކުރެއްވި ސީދާ ސަބަބެއް ސާފެއް ނޫނެވެ. އެހެން ނަމަވެސް މުޖުތަމައަށް މަންފާކުރާނޭ މުހިންމު ނަސޭހަތްޕުޅުތައް އެމަނިކުފާނު ސޯޝަލްމީޑިއާ މެދުވެރިކޮށް ދެއްވައެވެ.
ކޮންމެ ކަމެއްގައިވެސް ބަހާއި އަމަލުން ތެދުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ދީނުގައި ވަރަށް ބާރުއަޅާ ކަމެކެވެ. ދޮގަކީ، އެކަމެއް ހިނގައިދިޔަ ގޮތާ ޙިލާފަށް ބުނެވޭ ބަހެވެ.
ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަހަރެމެންނަށްވަނީ އަންގަވާފައެވެ. އެއީ އެ ސިފައެއް ދެކެ އެކަލޭގެފާނު ނުހަނު ނުރުހުންތެރިވާ ސިފައެއްވެސްމެއެވެ.
ދޮގުހަދާ މީހުންނަކީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންކަމުގައި ﷲ ޞުބްޙާނަހޫ ވަތައާލާ ވަޙީކުރައްވާފައިވޭއެވެ.
إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ (سورة النحل, 105)
މާނަ: ދޮގުހަދާކަން ކަށަވަރީ، ﷲ ގެ آية ތަކަށް إمان ނުވާ މީހުންނެވެ. އަދި އެއުރެންނަކީ ހަމަ، ދޮގުވެރިންނެވެ.
އަދި އެކަލޭގެފާނު ޚަބަރުދެއްވާފައިވާ ގޮތުގައި ދޮގުހެދުމަކީ ފާފައެކެވެ. އަދި އެކަން މަގުދައްކަނީ ނަރަކައަށެވެ. ދޮގުހެދުމުގައި ދެމިހުރެއްޖެ މީހާ، ﷲ ގެ ޙަޞްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވޭހުއްޓެވެ.
މިކަންބަޔާން ކުރައްވައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.
((عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم]
މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ.
ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.”
ދޮގުހެދުމަކީ ނިފާޤުކަމާ ގުޅިފައިވާ ޢަމަލެކެވެ. ދޮގުހެދޭކަން އިޙްސާސްވާނަމަ، އެއީ ތިބާގެ ގައިގައި ނިފާޤުކަމުގެ މިންވަރެއް ހުރިކަމުގެ ހެއްކެކެވެ.
ގައުމުގެ އަމާންކަމަށްޓަކައި ޙަޤީޤަތް ކަށަވަރުކޮށްފައި ނޫނީ ވާހަކަ ނުދެއްކުމަށް ރައީސް މައުމޫން އިލްތިމާސްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ