އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ކޮލޮރާޑޯ ސްޓޭޓުން ރައީސް ކަމަށް ޓްރަމްޕް އަށް ކުރިމަތި ނުލެއްވޭނެ ކަމަށް އެ ސްޓޭޓުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން އެެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕު ބަގާވާތެއް ހިންގަވަން އުޅުއްވި ކަމަށް ނިންމައި، ޓްރަމަޕަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ކޮލޮރާޑޯ ސްޓޭޓުގެ ސުޕްރީމް ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
ރައްދުގައި ޓްރަމްޕުގެ ކެމްޕެއިން ޓިމުން ވަނީ މިއީ ޑިމޮކްރަސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ، މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.
މިއީ އެމެރިކާގެ ގާނޫނު އަސާސީގެ 14 ވަނަ އިސްލާހުގެ ދަށުން ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓަކު އިންތިހާބުން ބޭރުކޮށްލެވުނު ފުރަތަމަ ފަހަރެެވެ. އަދި އަންނަ އަހަރުގެ އިންތިހާބުން ޓްރަމްޕު މިގޮތަށް ބޭރުކޮށްލުމަށް ނިއު ހެމްޕްޝަޔާ، މިނެސޮޓާ އަދި މިޗިގަން ސްޓޭޓުގައި ވެސް މިފަދަ މަސައްކަތްތަކެއް ކާމިޔާބެއް ނެތި ކުރިއަށް ގެންގޮސްފައިވެ އެވެ.
ކޮލޮރާޑޯ ސްޓޭޓުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އިތުރު ސްޓޭޓުތަކަކުން އަމަލު ކުރާކަށް ނުޖެހޭނެ އެވެ. އަދި މި ނިންމުމުގެ ސަބަބުން އަސަރު ކުރާނީ އަންނަ އަހަރުގެ މާޗް 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވުމަށް ބާއްވާ އިންތިހާބަށެވެ. އަންނަ ނޮވެމްބަރު މަހު ކޮލޮރާޑޯގައި އޮންނަ ރިޔާސީ އިންތިހާބަށް ވެސް މި ނިންމުމުގެ ސަބަބުން އަސަރު ކުރުން އެކަށީގެންވެ އެވެ.
ޓްރަމްޕަށް ވާދަ ނުކުރެވޭ ގޮތަށް ކަނޑައެޅި ނިންމުމާ ގުޅޭ ގޮތުން ކޮލޮރާޑޯ ސްޓޭޓުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނެރުއްވި ބަޔާނެއްގައި "މިފަދަ ނިންމުންތަކަށް އަންނަނީ ފަސޭހާ ކަމާ އެކު ނޫން" ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ. އަދި "އަހަރުމެންނަށް ކުރިމަތި ކުރުވާފައިވާ ސުވާލުތަކުގެ ބުރަދަނާއި މުހިންމު ކަމަށް އަހަރުމެން ވިސްނާ" ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ހަމަ އެފަދައިން އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތި، ބިރެއް ނެތި އަދި އަހަރުމެން ނިންމާ ނިންމުންތަކަށް އާންމުން ދެކޭނެ ގޮތަކާ މެދު ވިސްނުމެއް ނެތި ގާނޫނު ތަންފީޒު ކުރުމަށް އަހަރުމެންގެ މައްޗަށް ހަވާލުކޮށްފައިވާ ޒިންމާ އަހަރުމެން ދެނެގަންނަން."
ޓްރަމްޕު ކެމްޕެއިންގެ ތަރުޖަމާނު ސްޓީވެން ޗިއުންގް ވިދާޅުވީ ފަނޑިޔާރުންގެ މި ނިންމުމުގައި ނެތް މައްސަަލައެއް ނެތް ކަމަށާއި ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންނަކީ ވެސް ޑިމޮކްރެޓިކް ޕާޓީގެ ގަވަރުނަރުން އައްޔަން ކުރައްވާފައިވާ ބޭފުޅުން ކަމަށެވެ.
އަދި ހިޔާލު ހޯދުމުގެ ވޯޓުތަކުން ޓްރަމްޕު ހޯއްދަވަމުން ގެންދަވާ ކުރިއެރުންތަކުގެ ސަބަބުން ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ބިރުގެންފައިވާ ކަމަށް ވެސް ޗިއުުންގް ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވެ އެވެ.
"ބައިޑަންގެ ރިޔާސީ ދައުރާ މެދު އޮތް އުއްމީދުތައް ފެނަށް ދިޔުމުން އަންނަ އަހަރު ނޮވެމްބަރު މަހު އެމެރިކާގެ ރައްޔިތުން އެމީހުން އޮފީހުން ބޭރުކޮށްނުލާތޯ ކުރެވެން ހުރި ކަމެއް ކުރަނީ،" އެ ބަޔާނުގައިވެ އެވެ.
މި މައްސަލައިގެ ނިންމުން އެމެރިކާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވެސް ޗިއުންގް ވިދާޅުވެފައިވެ އެވެ. އެމެރިކާގެ މައި ސުޕްރީމް ކޯޓުގައި ނުވަ ފަނޑިޔާރަކު ތިއްބަވާ އިރު، މީގެ ތެރެއިން ހަ ބޭފުޅުންނަކީ ޓްރަމްޕްއާ އެއްކޮޅަށް ވިސްނުން ގެންގުޅުއްވާ ކޮންޒަވެޓިވް ބޭފުޅުން ނެވެ.
ރިޔާސީ އިންތިހާބުގައި ޓްރަމްޕް އަށް ވާދަނުކުރެވޭނެ ކަމަށް ކޮލޮރާޑޯ ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ