ފެތުނު ބޯޓުން ގެއްލުނު އުމުރުން ދުވަސްވީ މީހާ، ފިލާގަނޑެއްގެ މަތީ ސަލާމަތުން އޮއްވައި ފެނިއްޖެ
ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދިޔަ "އުދަރެސް" ބޯޓުން ގެއްލުނު މީހާ, ސަލާމަތުން އޮއްވައި ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނީ، މުދާ އުފުލާ ބޯޓެއް ފަރަށް އެރި ކަމުގެ ރިޕޯޓު ރޭ ދަންވަރު 01:25 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ދަތުރުކުރަމުންދިޔަ ކަމަށާއި އޭގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ. އެމްއެންޑީއެފުން ދެންމެ ވަނީ، ގެއްލުނު މީހާ ފެނިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ ފެނިފައިވަނީ، ފިލާގަނޑެއްގެ އެހީގައި ފެންމަތީ އޮއްވައި ކަމަށް ސިފައިން ބުންޏެވެ. އޭނާ ފެނުނީ ސަލާމަތުން އޮއްވައި ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ. އެ ބޯޓު ފަރަށް އަރައި އަޑިއަށްދާން ފެށުމާއެކު، އޭގައި ހުރި ބިދޭސީއަކު ވަނީ ފަތާފައި ގޮސް ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުގައި ތިބި އިތުރު 11 މީހަކު އެ ސަރަހައްދުގައި އޮތް ރިސޯޓެއްގެ ދޯންޏަކުން ވަނީ ސަލާމަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. އެ 12 މީހުންގެ ހާލު ރަނގަޅު ނަމަވެސް، އެ ހާދިސާގައި ދިވެހި ފިރިހެނަކު ގެއްލިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އުދަރެސް ބޯޓު ފަރަަށް އެރީ ދިޔައީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން، އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އޮޔާދާ މުދަލުގެ ސަބަބުން އުޅަނދަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ