ފިލްމީ ތަރި ސިދާތުގެ ބައްޕަ މަރުވެއްޖެ

ބޮލީވުޑްގެ މަގުބޫލު ފިލްމީ ތަރިންގެތެރޭ ހިމެނޭ ސިދާތު މަލްހޯތުރާގެ ބައްޕަ ސުނިލް މަލްހޯތުރާ މަރުވެއްޖެއެވެ. ކުރީގެ ނޭވީ ކެޕްޓަން ސުނިލް މަރުވެފައި ވަނީ މީގެ ހަތަރު ދުވަސް ކުރިން އިންޑިއާގެ ވެރިކަން ކުރާ ސިޓީ ނިއު ދިއްލީގައެވެ. އެ ޚަބަރު ސިދާތުގެ ފަރާތުން އިއުލާނުކުރަމުން އިއްޔެ ނެރުނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައި ވަނީ، ބައްޕައަކީ ތެދުވެރިކަމަށް ލޯބިކުރި، އަޚްލާޤު ރަނގަޅު ވަރަށް ހިތްވަރުގަދަ ޝަހްސިއްޔަތެއް ކަމަށެވެ. ބައްޕަ މަރުވިއިރު ދޫކޮށްދިޔަ އަގުހުރި ފިލާވަޅުތަކުގެ އަލީގައި ސިދާތުގެ ދިރިއުޅުން ބައްޓަން ކުރުމުގައި ދެމިހުންނާނެ ކަމަށާއި ބައްޕަގެ ހަނދާންތައް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ސުނިލް މަލްހޯތުރާ ދަރިފުޅު ސިދާތުގެ ކައިވެނީގެ ރިސެޕްޝަން ހަފްލާގައި އާއިލާއާ އެކު--ފޮޓޯ/އެންޑީޓީވީ އިންޑިއާގެ ނޭވީގައި މަސައްކަތް ކުރަމުން ދަނިކޮށް ސްޓްރޯކެއް ޖެހި ލިބުނު ގެއްލުމާ ގުޅިގެން ސިދާތުގެ ބައްޕަ ދިރިއުޅުމުގެ ބޮޑު ބައެއް ފަހުން ހޭދަކުރީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ސިދާތުގެ ބައްޕަ މަރުވެފައި ވަނީ މިފަހުން ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. ސިދާތުގެ ބައްޕަ މަރާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެ އާއިލާއަށް ތައުޒިއްޔާގެ މެސެޖުތައް ފޮނުވާފައެވެ. ބޮލީވުޑްގެ އެންމެ އުއްމީދީ އެކްޓަރުންގެތެރޭ ހިމެނޭ ސިދާތު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "ޕަރަމް ސުންދަރީ"އިންނެވެ. ސިދާތުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ދީޕަކް މިޝްރާގެ ފިލްމު "ވީވަން"، "އާންކޭ 2" އަދި ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީގެ ފިލްމެއް ހިމެނެއެވެ. މި ފިލްމު އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ