ރާއްޖެއަތުން ޕޮއިންޓަކުން ފުއްދާލަންޖެހިދާނެ: ޓިމޯ ލެސްޓޭ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ އޮއެވަރުދާގޮތަށް ބަލައި، މެޗުން މޮޅެއް ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި މެޗު އެއްވަރުކޮށްލައި، ޕޮއިންޓަކުން ފުއްދާލަން ޖެހިދާނެކަމަށް ޓިމޯ ލެސްޓޭގެ ކޯޗު ހޯސޭ ޕެޑްރޯ އަލްވޭޒް ސަލަޒާރު (ޒީ ޕެޑްރޯ) ބުނެފިއެވެ.
މާދަމާ ކުޅޭ މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ޒީ ޕެޑްރޯ ބުނީ، ކޮންމެ މެޗަކާ ވެސް އޭނާގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމަކުން ކުރިމަތިލާނީ މޮޅުވުމުގެ އަޒުމުގައި ކަމަށެވެ. އެހެންނަމަވެސް މި މެޗަކީ ޕޮއިންޓަކުން ވެސް ފަރުޖައްސާލެވެން އޮތް މެޗެއްކަމުން، މި މެޗުގައި ޓީމު ކުޅޭނެގޮތާމެދު ވިސްނަންޖެހޭކަމަށް އޭނާ ބުންޏެވެ.
އަދި މެޗު ކުރިއަށްދާ ގޮތަށް ބެލުމަށްފަހު، ވަގުތާއި ހާލަތަށް ބެލުމަށްފަހު މެޗު އެއްވަރުކޮށްލަން ކުޅުންތެރިންނަށް އިރުޝާދުދޭން ޖެހިއްޖެނަމަ އެ އިރުޝާދު ދޭނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
"އަހަރެންގެ މިޒާޖާއި އަހަރެންގެ ވިސްނުން ހުންނަނީ މެޗުތަކުން މޮޅުވާން. އަހަރެންގެ އިރުޝާދުގެ ދަށުން ޓިމޯ ލެސްޓޭއިން ވެސް މެޗުތަކަށް ތައްޔާރުވާނީ މޮޅުވެ، ތިން ޕޮއިންޓު ހޯދަން. އަހަންނަށް އިނގޭ އެއްވަރުކޮށްލައިގެން ވެސް ފުދޭނެކަން މިމެޗުގައި. އެހެންނަމަވެސް އެކަން ބިނާވާނީ މެޗަށް. ހާލަތާއި، ވަގުތަށް. ތިން ޕޮއިންޓު ހޯދަން ނުކުންނާނީ. އެކަމަކު މިސާލަކަށް މެޗު ނިމެން ވަގުތު ކުޑަތަންވެފައި އޮއްވައި، ހަމަހަމަ ނަތީޖާއެއްގައި ދެ ޓީމު އޮވެއްޖެނަމަ މެޗު އެއްވަރުކޮށްލަން ކުޅުންތެރިންނަށް އިރުޝާދުދޭން ޖެހިއްޖެނަމަ އެކަންވެސް ކުރާނަން". މެޗާ ދޭތެރޭ ގެންގުޅޭ ވިސްނުން ހާމަކޮށް ޒީ ޕެޑްރޯ ބުންޏެވެ.
މެޗު އެއްވަރުކޮށްލައި ޕޮއިންޓަކުން ފުއްދާލެވެން އެބައޮތްކަމަށް ޓިމޯ ލެސްޓޭގެ ކޯޗު ބުނަނީ، މިއީ ކޮލިފައިންގެ ފަހު މެޗަށްވާއިރު، މި މެޗު އެއްވަރުކޮށްލައިގެން ކޮލިފައިންގެ ގުރޫޕު ތާވަލުގެ ތިންވަނަ އެ ޓީމަށް ލިބެން އޮތީތީއެވެ.
ކޮލިފައިންގައި ރާއްޖެ، ޓިމޯ ލެސްޓޭ، ފިލިޕީންސް އަދި ތަޖިކިސްތާން ވާދަކުރާ ގްރޫޕުގައި ކޮންމެ ޓީމަކުން ވެސް މިހާތަނަށް ފަސް މެޗު ވަނީ ކުޅެފައެވެ. ޓިމޯ ލެސްޓޭއާއި ރާއްޖެއަށް މާދަމާގެ މެޗަކީ ފަހު މެޗެވެ.
ޕޮއިންޓު ތާވަލަށް ބަލާއިރު ތާވަލުގެ އެއްވަނައިގައި އޮތް ތަޖިކިސްތާނާއި ދެވަނައިގައި އޮތް ފިލިޕީންސްއަށް ވަނީ 13 ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި ޓިމޯ ލެސްޓޭ އޮތީ ތިން ޕޮއިންޓާއެކުއެވެ. ފުލުގައި ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބިއެވެ.
މި މެޗުން ރާއްޖ ދެ ލަނޑު ޖަހައިގެން މޮޅުވެއްޖެނަމަ ރާއްޖެއަށް ގުރޫޕުގެ ތިންވަނައިގައި އޮވެގެން ކޮލިފައިން ނިންމާލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ