ކެނަބިސް ޓްރެފިކްކުރި ކަމަށް ސާބިތުވި މީހަކު 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކެނަބިސް ޓްރެފިކްކުރި ކަމުގެ ކުށް ސާބިތުވެ، 12އަހަރާއި ހަ މަހަށް ދިވެއްސަކު ޖަލަށްލާން ހުކުމްކޮށް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ފުލުހުން ބުނީ، ކެނަބިސް ޓްރެފިކްކުރި ކަމުގެ ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށް ލާން ހުކުމްކުރީ ދަފްތަރު ނަންބަރު ދރ 2069 / މާލެ، ޙަމްދޫން އަޙްމަދު (31އ) ގެ މައްޗަށް ކަމަށެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި 2024ވަނަ އަހަރުގެ ފެބްރުވަރީ ހަތެއްގައެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން ޙަމްދާން ހައްޔަރުކުރީ، ޙަމްދާނާއި އިތުރު ބަޔަކު، އޭނާ ދިރިއުޅެމުން އައި މ. ޝަބީނާގޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެ ރޭ 10:24 ހާއިރެވެ. އެގޮތުން ޙަމްދާން ދިރިއުޅެމުން އައި އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓު ފާސްކޮށް، 208 ގުރާމުގެ ކެނަބިސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި މައްސަލައިގެ ޝަރީއަތުގައި ޙަމްދާން ދައުވާއަށް ފުރަތަމަ އިންކާރުކުރި ނަމަވެސް، ހެކިބަސް ނެގުމުގެ މަރުހަލާގައި އޭނާ ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ދައުލަތާއެކު ހުށަހަޅައިފައެވެ. އަދި އެ އެއްބަސްވުން މިދިޔަ އަހަރުގެ މާރިޗު މަހުގެ 25ވަނަ ދުވަހު ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅިއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، ޙަމްދާން ވަނީ، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކަށް އިއުތިރާފުވެފައެވެ. މި މައްސަލައިގައި ޙަމްދާންގެ މައްޗަށް 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމް އިއްވި ނަމަވެސް، އޭނާ ދެ އަހަރާއި އެއް މަހާއި 18 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، ތަންފީޒުކުރަން ޖެހޭނީ ނުވަ އަހަރާއި 10 މަހާއި 12 ދުވަހުގެ އަދަބެއް ކަމަށް، ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އޭނާއާ އެކު މި މައްސަލައިގައި ޝާމިލުވާ އައްޑޫ ހިތަދޫ / ކެނެރީގެ، ޢާއިޝަތު ޢަތުފާގެ މައްޗަށް އުފުލައިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ އެހެން ގަޟިއްޔާއަކުން ބެލުމަށް ކަނޑައަޅުއްވައި، މައްސަލަ ބެއްލެވި ގާޟީ އިބްރާހީމް ޒިހުނީ ވަނީ ހުކުމްކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ