ހަނގުރާމައިގެ ސަބަބުން ހޭންޑުބޯޅަ ކޯޓުގެ މަސައްކަތަށް ދަތިތަކެއް

ގްރައުންޑް މަސައްކަތްތަކުގެ ތެރެއިން އަޅަންޖެހޭ ދަނގަނޑުތައް އަޅާ ކޮންކްރިޓްގެ މަސައްކަތް ފެށިއިރު މި މަސައްކަތަށް ހަނގުރާމައިގެން ސަބަބުން ތާށިކަމެއް އެބައުޅޭ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.
މުޖޭ ވިދާޅުވީ އެސްޓީއޯއިން ސިމެންތި އާއި ވެލި ލިބުމުގައިވެސް ކުރިން ހުރި އަގުތަކަށްވުރެ އަގު ބޮޑުވެފައިވާކަމަށާއި، ތަކެތި ލިބުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ.
"މެދުއިރުމަތީގައި މިހިނގާ ކަންތައްގަޑާއި ހެދިގެން ތަކެތި ލިބުމުގައި ވަރަށް ބޮޑެތި ތާށިތަކެއް އެބައުޅޭ. މިހާރު ވަރަށް ބޮޑެތި ބުޑުތަކެއް އަޅަނީ، ދެން ކޮންކުރިޓްގެ މަސައްކަތް ކުރިޔަށްދާނީ" މުޖުތަބާ ވިދާޅުވިއެވެ.
މާލޭގައި އަލުން ތަރައްޤީކުރަމުން އަންނަ ހޭންޑް ބޯޅަ ކޯޓުގައި ބޮޑެތި ބުޑުތައް އެޅުމަށްފަހު ވަށައިގެން ކޮންކުރިޓް އެޅުމުގެ މަސައްކަތުގެ ހަތަރުބައިކުޅަ އެއްބައި މިދިޔައާދިއްތަ ދުވަހާއި ހަމައަށް ވަނީ ނިންމާލާފައެވެ.
މާލޭގައި ކުރިން ބޭނުން ކުރަމުން އައި ހޭންޑްބޯޅަ ކޯޓަކީ 2021 ވަނަ އަހަރު އެޅި ކޯޓެކެވެ. އެތަން ތަޅާލާ އައު ކޯޓެއް އެޅުމުގެ މަސައްކަތް ފެށީ އިންޑޯ ހޭންޑްބޯލް ކޯޓެއް ނެތުމާއި ގުޅިގެން ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް ގިނަ ދަތިތަކެއް ދިމާވުމުންނެވެ.
އެގޮތުން ބައެއް މުބާރާތްތަކަށް ރަށްރަށުން މާލެ އައި ހޭންޑްބޯޅަ ޓީމުތަކަށް، މޫސުން ގޯސްވުމުގެ ސަބަބުން މެޗުތައް ނުކުޅެވި ދިގުލައިގެން ދިޔައެވެ.
މި މަޝްރޫއަށް ކުޅިވަރު ވުޒާރާއާއި އެސޯސިއޭޝަނުން ބޮޑު ހޭދައެއް ކުރާއިރު މިތަން ނުނިމި ދިގުލައިގެން ދިއުމުން މާލޭގައި އިތުރު ކޯޓެއް ނެތުމުގެ ކަންބޮޑުވުން ކުލަބުތަކާއި ސުކޫލުތަކަށްވެސް ވަނީ ކުރިމަތިވެފައެވެ.
މީގެ ކުރިން އިންޑޯގައި މެޓްގައި ކުޅުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިންނަށް ނުލިބި އޮތްނަމަވެސް، މިހާރު ހަދަމުންދާ ކޯޓު ނިމުމުން، އެތަނުގައި ފަރިތަކުރުންތައް ބާއްވަން ފެށި ކުޅުންތެރިންގެ 'ސްޕީޑާއި އެންޑިއުރެންސަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ' ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ