4000 ފްލެޓުގެ ތެރެއިން 3647 ފްލެޓުގެ ތަޅުގަނޑި ހަވާލުކޮށްފި
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 3،600 އަށްވުރެ ގިނަ ފްލެޓު ވެރިފަރާތާ ހަވާލުކޮށްފި އެވެ.ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވަނީ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ އެފަރާތްތަކާއި ތަޅުދަނޑި ޙަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުންދަނީ ކުރަމުންނެވެ. ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ފްލެޓު ލިބުނު ފަރާތްތަކަށް އެތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުންވަނީ ނިންމަވާފަ އެވެ. މިއާއެކު އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ފްލެޓުތައް ދިނުމަށް ކަނޑައަޅަމުންދިޔަ ފަރާތްތަކަށް ވީހާވެސް އަވަހަކަށް އެއްބަސްވުން އެކުލަވާލާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީންވަނީ ކުރައްވާފަ އެވެ.އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އިން 2،000 ފްލެޓް އަދި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިން 2،000 ފްލެޓް ހަދާނެ އެވެ. ކޭޕީއައިއެލްގެ ފްލެޓްތަކަށް ކިޔަނީ "އަމާން އުދަރެސް" އެވެ. އެންބީސީސީގެ ފްލެޓްތަކަށް ކިޔަނީ "އަމާން ދޯދި" އެވެ.ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މީގެތެރެއިން 3647 ފަރާތަކަށް މިހާރު ތަޅުދަނޑި ޙަވާލުކުރެވިފައިވާކަމަށް ވިދާޅުވި އެވެ. ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ