ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދިވެހި ދެއަންހެނަކު ހައްޔަރުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މުތީގެއާގެ / މާލެ، ޢަލްޔާ ޝަރްސާ ނަޞީރު (25އ) އާއި ބިޖިލީއުފާ / ކ. ތުލުސްދޫ، އާމިނަތު ރޫނާ (29އ) އެވެ.
ފުލުހުން ބުނިގޮތުގައި މި ދެމީހުންގެ ތެރެއިން ޢަލްޔާ ޝަރްސާ ނަޞީރު ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އާމިނަތު ރޫނާ ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހުޅުމާލެއިން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންކަމަށް ފުލުހުން ބުންޏެވެ.
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދިވެހި ދެއަންހެނަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ