ސީވީއެފްގެ މަގާމަށް ފަހު ނަޝީދު އެނބުރި ރާއްޖެއަށް

މޫސުމީ ބަދަލުތަކުގެ އަސަރުތަކުން އެންމެ ބޮޑަށް ގެއްލުން ލިބެމުންދާ ގައުމުތައް އެކުވެގެން އުފައްދާފައިވާ ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރިހަމަކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ތިމާވެށީގެ ޗެމްޕިއަނެއްގެ ގޮތުގައި ބައިނަލްއަގްވާމީ ސަމާލުކަން ހޯއްދަވާފައިވާ ނަޝީދު ވަނީ، ޖެނުއަރީ 2024އިން ފެށިގެން ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް ގާނާއަށް ދިރިއުޅުން ބަދަލުކުރައްވައިފަ އެވެ.
އެ މަގާމު އަދާކުރެއްވުމަށް އަހަރުތަކަކަށް ސިޔާސީ ދާއިރާއާ ފެއަށްޖެހިވަޑައިގެންނެވިކަން ޑިސެމްބަރު 2023ގައި ނަޝީދު އިއުލާންކުރެއްވި އެވެ. ނަމަވެސް އޭގެ ފަހުން އެކި ފަހަރުމަތިން ރާއްޖެ ވަޑައިގެން ސިޔާސީ ކަންކަމުގައި އުޅުއްވާފައިވެ އެވެ.
ތަފްސީލް - ސީވީއެފްގައި ނަޝީދުގެ ދައުރު ނިންމަވާލެއްވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ޖަމްއިއްޔާގެ ބައްދަލުވުމާ އެކުގަ އެވެ.
ނަޝީދުގެ މަސައްކަތްތައް ފާހަގަކޮށް ސީވީއެފްއިން ބުނީ 2009 ވަަނަ އަހަރު އެ ޖަމްއިއްޔާ އުފެއްދުމުގައި ބައިވެރިވެ ވަޑައިގެންނެވި ނަޝީދުގެ ޒައާމަތް ވަރަށް ފުރިހަމަ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ނާޒުކު ގައުމުތަކުގެ ރައްޔިތުންގެ ހައްގުގައި، އެ މަނިކުފާނު ވަރުބަލިކަމެއް ނެތި އަޑުުއުފުއްލެވި ކަމަށް ބުންޏެވެ.
ސީވީއެފްގެ މެންބަރު ގައުމުތަކުގެ އަދަދު 74 އަށް އަރަ އެވެ. ރާއްޖޭން އެ ޖަމްއިއްޔާގައި ބައިިވެރިވީ ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.
ފާހަގަކުރެވޭ - ރާއްޖޭން ބޭރުގައި ހޭދަކުރެއްވިި ދުވަސްތަކުގައި ނަޝީދުގެ ސިޔާސީ ހަޔާތަށް މަޑުޖެހުމެއް އައި ނަމަވެސް ދެން އަނެއްކާވެސް އެ މަނިކުފާނުގެ ހަރަކާތްތެރިކަން ބޮޑުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި، ނަޝީދު އެ ޕާޓީގެ އެޑްވައިޒަރެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ. 
އޭގެ އިތުރުން ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތާ ފުށުނާރާ ގޮތަށް، ޕާޓީގެ މުހިއްމު ކަންކަމުގައި ގޮތް ނިންމުމަށް، ޗެއާޕާސަނަށް ލަފާ ދޭން އެކުލަވާލި ކޮމިޓީގައި ވެސް ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ