ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަނބުރާ ހޯދުމަށްޓަކައި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން (ސިނާ) ނިންމައިފި އެވެ.
ސިނާ އާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނަކުން ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ އަނބުރާ ދައްކަން އޮކްޓޫބަރު 2024 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި ކަމަށް ބުނެ ގާލިބް ސަލީމް ނަމަކަށް ކިޔާ މީހަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސިނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޯޓުން ހުކުމްކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.
އެއާއެކު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވަނީ އެ ޕާޓީގެ ޓިކެޓުގައި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާންކޮށް ސިނާ، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ އިންތިހާބުގައި އޭނާއަށް ކާމިޔާބީއާ ހަމައަށް ވާސިލުވުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިހުލާސްތެރި އެއްބާރުލުމަށް އެދޭ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަނބުރާ ހޯދުމަށް ސިނާ ނުކުތްއިރު،އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ އަބްދުﷲ ސޯދިގު (ސޯބެ) ވަނީ އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާގެ ގޮނޑިއަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
ގެއްލުނު ގޮނޑި އަނބުރާ ހޯދަން ސިނާ ނުކުންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ