ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ވެސް ތާއީދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ވެސް ތާއީދުކުރުމަށް ނިންމައިފިއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލު އިންތިހާބާއެކު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ހިންގާ ޕީއެންސީން ތާއީދުކުރަނީ ދެ އިންތިހާބު އެއްކޮށްލުމަށެވެ. އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ވާކާލާތުކުރަނީ އިދިކޮޅު އެމްޑީޕީންނެވެ.
ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދުކޮށްފައެވެ.
އަދާލަތު ޕާޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމާ މެދު، ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިޔަތްކޮށް ”ފެންނަ ކަމަށް“ ވޯޓު ދިނުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
ކައުންސިލު އިންތިހާބުގެ ކެމްޕޭނާއެކު އާންމު ވޯޓުގެ ކެމްޕޭން ވެސް ފޯރިގަދަވެފައިވާ އިރު، އާންމު ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް، މިދިޔަ މަހު ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނާއި ގާނޫނީ ވަކީލު އައިކް އަހުމަދު އީސަ އަދި ގާނޫނީ ވަކީލު އިބްރާހިމް ޝިޔާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ