ސެނެގާލް އަތުން ތަށި އަތުލައި އެފްރިކަން ކަޕް ޗެމްޕިއަންކަން މޮރޮކޯ އަށް ދޭން ނިންމައިފި ސެނެގާލް އަތުން ތަށި އަތުލައި އެފްރިކަން ކަޕް ޗެމްޕިއަންކަން މޮރޮކޯ އަށް ދޭން ނިންމައިފި

ރަބަތު، މޮރޮކޯ (މާޗް 18) - ފައިނަލް މެޗުގައި ހިތްހަަމަނުޖެހިގެން ސެނެގާލް ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލަ ބަލައި، އެފްރިކަން ކަޕްގެ ތަށި ސެނެގާލް އަތުން އަތުލައި، މޮރޮކޯ އަކީ މުބާރާތުގެ ޗެމްޕިއަންކަމަށް އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފް އިން ނިންމައިފި އެވެ.
މިދިޔަ ޖެނުއަރީ މަހު ސެނެގާލުން 1-0 އިން މޮރޮކޯ ބަލިކޮށް އެފްރިކަން ކާމިޔާބުކުރި ފައިނަލުގައި، މޮރޮކޯ އަށް 50 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ.
އެ ގޮތުން، އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ޖަހަން 17 ވަރަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. އެއީ، ސެނެގާލް ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި އާއި ދަނޑުގެ ސެކިއުރިޓީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އިތުރުން، ހިތްހަމަނުޖެހިގެން ދަނޑުން ފޭބި ސެނެގާލްގެ ކުޅުންތެރިންނާއި ކޯޗު ތިއޯ އަލުން މެޗު ކުޅެން އެއްބަސްވުމަށް ނެގި ވަގުތެވެ.
ހާލަތު ހަމަޖައްސައި، މެޗުފެ ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ. މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު (5 ލަނޑު) ޖެހި ބްރަހިމް އަށް އެންމެ މުހިންމު ފުރުސަތުގެ ބޭނުން ނުހިފުނެވެ. އަދި، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕާޕޭ ގޭއި ޖެހި ގޯލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ސެނެގާލަށް އެފްރިކާގެ ޗެމްޕިއަންކަން ލިބުނީ އެވެ.
މެޗު ނުނިމެނިސް، ސެނެގާލުން ދަނޑުން ފޭބި މައްސަލަ ކާފް އަށް ހުށަހެޅީ މޮރޮކޯ އިންނެވެ. މި މައްސަލަ ފުރިހަމަ އަށް ތަހުގީގުކޮށް، ގަވާއިދުތަކަށް ބެލުމަށް ފަހު، ކާފްގެ އެޕީލް ބޯޑުން ނިންމީ، ސެނަގާލުން ދަނޑުން ފޭބުމާ އެކު، އެ ހިސާބުން މެޗު ފޯފެއިޓްވެ، 3-0 އިން މޮރޮކޯ އަށް މެޗު ލިބުނީ ކަމަށެވެ.
މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، މިއީ މެޗުން ބަލިވުމުން، ނަަތީޖާ ބަދަލުކުރުމުގެ އަމާޒުގައި ތަށި ހޯދަން ކުރި އެޕީލެއް ކާމިޔާބުކުރީ ނޫން ކަމަށާއި މިއީ، މުބާރާތުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރު އެޅުމުގެ ގޮތުން ކުރި އެޕީލެއް ކަމަށެވެ.
މޮރޮކޯ އިން 1976 ވަނަ އަހަރަށް ފަހު އެފްރިކަން ކަޕް ހޯދަން ކުރި އިންތިޒާރު މި ވަނީ، 50 އަހަރަށް ފަހު ނިމުމަކަށް އަތުވެފަ އެވެ. ދެން، މޮރޮކޯގައި އެންމެ އަވަހަށް އޮންނާނީ، 2030 ގެ ވޯލްޑް ކަޕް އެވެ. އެއީ، ސްޕެއިން އާއި ޕޯޗުގަލްއާ ގުޅިގެން ހޯސްޓްކުރާ ވޯލްޑް ކަޕެކެވެ. މޮރޮކޯ އަށް ވަނީ މި ފަހަރުގެ އެފްރިކަން ކަޕްގެ ފެއާޕްލޭ ޓީމު ޓްރޮފީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ